2-0 އިން ސައުތްހެމްޓަން ބަލިކޮށް އިނގިރޭސި އެފްއޭކަޕްގެ ފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ.

އިނގިރޭސިވިލާތުގެ ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު މި ހާފުގައި ގޯލްޖަހާނެ އެންމެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރީ ޗެލްސީ އިންނެވެ. އެގޮތުން ހަޒާޑް ދުރުން ފޮނުވާލި ހަމަލާއެއް ގޯލުގެ ކުޑަތަންކޮޅެއް ބޭރުން ދިޔައިރު ވިލިއަން ފޮނުވާލި ހަމަލާ އަމާޒުވީ ސައުތްހެމްޓަންގެ ގޯލުގެ ދަނޑި އަށެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގެ ކުރީކޮޅު ހަޒާޑް ދިން ޕާހަކުން އޮލިވިއޭ ޖިރޫ ވަނީ ޗެލްސީ އަށް ލީޑު ނަގާދީފައެވެ. ޖިރޫ މި ގޯލު ކާމިޔާބުކުރީ ސައުތްހެމްޓަންގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހުއެވެ.

ޗެލްސީ އިން މި ގޯލު ކާމިޔާބުކުރިތާ މާގިނަ އިރުތަކެއް ނުވަނީސް ނަތީޖާ އެއްވަރުކޮށްލަން ސައުތްހެމްޓަންގެ ފޯވާޑް ލޯންގް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ އަށް ފުރުސަތުގެ ބޭނުން ވަނީ ރަނގަޅަށް ހިފޭގޮތް ނުވެފައެވެ. މީގެއިތުރުން ނޭތަން ރެޑްމޮންޑް ވެސް ވަނީ ޗެލްސީގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އޭނާ ފޮނުވާލި ހަމަލާ ދިފާއުކުރީ ޗެލްސީގެ ކީޕަރު ކަބަލޭރޯއެވެ.

މި މެޗުގައި ޗެލްސީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްދިނީ މެޗުގެ 82 ވަނަ މިނެޓްގައި އަލްވަރޯ މޮރާޓާއެވެ. މޮރާޓާ މި ގޯލު ކާމިޔާބުކުރީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މިއީ ޗެލްސީ އެފްއޭކަޕްގެ ފައިނަލަށް ޖެހިޖެހިގެން ދަތުރުކުރި ދެވަނަ ފަހަރެވެ. ނަމަވެސް މިދިޔަ އަހަރުގެ ފައިނަލްގައި ޗެލްސީ ވަނީ އާސެނަލް އަތުން ބަލިވެފައެވެ.

މިފަހަރުގެ ފައިނަލްގައި ޗެލްސީ ނިކުންނާނީ މެންޗެސްޓަރ ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ 19 ވަނަ ދުވަހުއެވެ.