ދުނިޔޭގެ އެކިކަންކޮޅުތަކުގައި ކޮންޓްރޯލެއް ނެތި ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުން އަންނަ ނަމަވެސް އަންނަ ޖޫން މަހު ފެށުމަށް ތާވަލުކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ފަސްކުރުމުގެ ހިޔާލެއް އަދި ނުގެންގުޅޭ ކަމަށް ޔޫއެފާ އިން ބުނެފިއެވެ.

ޔޫރަޕްގެ ފުޓްބައިގެ އިސް ފަރާތް ކަމަށްވާ ޔުއެފާ އިން މިހެން ބުނެފައިވަނީ ވައިރަހުގެ ސަބަބުން ޔޫރޯ އެއް އަހަރަށް ފަސްކުރަން ޔޫރަޕްގެ ގިނަ ގައުމުތަކުން އެދެމުން އަންނަ ކަމަށް ބުނެ މީޑިއާގައި އަޑު ފެތުރެމުން އަންނަ ދަނޑިވަޅެއްގައެވެ.

ސްޓެޓްސް ޕްލެޓްފޯމްއާ ހަވާލާދީ ޔުއެފާގެ އިސް އޮފިޝަލަކު ބުނީ މިހާތަނަށް މުބާރާތް ފަސްކުރަން އެދި އެއްވެސް ގައުމަކުން އެދިފައިނުވާ ކަމަށާއި ކުރިންވެސް ތާވަލުކޮށްފައިވާ އޮތް ތާރީހުގައި މުބާރާތް ބާއްވާނެ ކަމަށެވެ.

ވައިރަހުގެ ކަންތަކާއިމެދު ޔޫއެފާ ހަމަޖެހިލައިގެން އޮތް ނަމަވެސް ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ވަނީ ކުޅިވަރު ހަރަކާތްތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. އެ ސަރަހައްދުން ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ އިޓަލީގައި ކުޅިވަރުގެ ހުރިހާ ހަރަކާތެއް އަންނަ އެޕްރިލް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ވަނީ މެދުކަޑާލާފައެވެ. އަނެއްކޮޅުން ސްޕެއިން އަދި ފްރާންސްގައި މެޗުތައް ކުޅެން ނިންމައިފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. ވައިރަހުގެ ސަބަބުން މި މަހު ކުޅެން ހަމަޖެހިފައިވާ ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުތައް ވެސް ފަސްކުރަން ޖެހިދާނެ ކަމުގެ އިޝާރާތެއް ފީފާ އިން ދީފައިވަނިކޮށް އޭޝިޔާ ސަރަހައްދުގެ ވޯލްޑް ކަޕް ކޮލިފައިންގް މެޗުތައް މިހާރު ވަނީ ފަސްކޮށްފައެވެ.

ޔޫރޯ އަށް ވައިރަހުގެ ހިޔަނި އެޅިދާނެކަމުގެ ބިރު އޮތް ނަމަވެސް ޔޫއެފާ އޮތީ މިވަގުތަށް ހަމަޖެހިލައިގެންނެވެ. މިދިޔަ ހަފުތާގައި ބޭއްވި އެ އިދާރާގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ މައްސަލަ އާއި މެދު ފުޅާ ދާއިރާއެއްގައި ބަހުސްކޮށްފައިވާއިރު ވައިރަހުގެ ސަބަބުން މުބާރާތަށް ކޮށްފާނެ އަސަރަކާ މެދު ޔުއެފާ އަދި އޮތީ ގްރީން ޒޯނުގައެވެ. އެހެންނަމަވެސް ކުރިއަށްހުރި ދުވަސްތަކުގައި ވައިރަސް ފެތުރޭ މިންވަރަށް ބަލާފައި ޔޫރޯ މި އަހަރުގެ ފަހު ކޮޅަށް ނުވަތަ އަންނަ އަހަރަށް ފަސްކުރުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫން ކަމަށް ފުޓްބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޔޫރޯ ބާއްވާތާ 60 އަހަރު އަހަރު ފުރޭ މުނާސަބަތު ކުލަގަދަ ކުރުމުގެ ގޮތުން މިފަހަރުގެ މުބާރާތް ޔުއެފާ އިން ބާއްވަނީ ތަފާތު 12 ގައުމެއްގައެވެ. އެގައުމުތަކަކީ އަޒަރުބައިޖާން، ބެލްޖިއަމް، ޑެންމާކް، އިންގްލެންޑް، ޖަރުމަނު، ހަންގޭރީ، އިޓަލީ، ނެދަލެންޑްސް، ރިޕަބްލިކް އޮފް އަޔަލެންޑް، ރޫމޭނިއާ، ރަޝިއާ، ސްކޮޓްލެންޑް އަދި ސްޕެއިން އެވެ. ޖޫން މަހުގެ 12 ވަނަ ދުވަހު އިޓަލީގެ ރޯމްގައި ހުންނަ ސްޓާޑިއޯ އޮލިމްޕިކޯގައި މުބާރާތް ހުޅުވާއިރު ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 12 ވަނަ ދުވަހު ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ.