އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިއަދު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބު ބަލިވެއްޖެއެވެ.

ބަންގްލަދޭޝްގެ ބަންގަބަންދު ނެޝަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ބަޝުންދަރާއިން ކާމިޔާބުކުރީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ބަޝުންދަރާގެ ފޯވަޑް ހާނަން ބާކޯސް ވަނީ 4 ގޯލު ޖަހައިފައެވެ. ބާކޯސް އަކީ އާޖެންޓީނާ ގައުމީ ޓީމަށް 2012 ވަނަ އަހަރު ލިއޮނަލް މެސީއާ އެކު ކުޅެފައިވާ ކުޅުންތެރިޔެކެވެ. ބާކޯސް ކުޅުނު ފާހަގަކޮށްލެވޭ ކްލަބްތަކުގެ ތެރޭގައި ބްރެޒިލްގެ ޕަލްމެއިރާސް އާއި ސްޕެއިންގެ ރޭސިން އަދި ޕޯޗުގަލްގެ ސްޕޯޓިން ކްލަބް ހިމެނެ އެވެ. މިއަދުގެ މެޗަކީ ބާކޯސް ބަޝުންދަރާގެ ޖާޒީގައި ކުޅުނު ފުރަތަމަ މެޗެވެ.

ރަނގަޅު ފޯމެއްގައި އޮވެ މެޗާ ކުރިމަތިލި ބަޝަންދުރާ އިން ލީޑު ނެގީ ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ބާކޯސް ޖެހި ގޯލުންނެވެ. ޓީސީން ނަތީޖާ ހަމަހަމަ ކުރީ އޭގެ ތިން މިނެޓު ފަހުން ޕެނަލްޓީއަކުން އިސްމާއިލް އީސަ (މެސީ) ޖެހި ގޯލުންނެވެ. ޕެނަލްޓީގައި މެސީ ޖެހި ބޯޅަ ކީޕަރު ފުރަތަމަ ފަހަރު މަތަކުރި ނަމަވެސް ރީބައުންޑުގައި ނުކުތް ބޯޅަ މެސީ ވަނީ ގޯލުގެ ތެރެއަށް ވައްދާލާފައެވެ.

ބަޝުންދަރާ އިން ފުރަތަމަ ހާފު ނިންމާލީ ކުރީގައި އޮވެއެވެ. މި ހާފުގެ 26 ވަނަ މިނެޓުގައި ދެވަނަ ފަހަރަށް އެ ޓީމަށް ލީޑު ނަގައިދިނީވެސް ބާކޯސް އެވެ. ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް ނަތީޖާ އެއްވަރު ކުރަން ޓީސީން އަލީ އަޝްފާގު (ދަގަނޑޭ) އަށާއި އިޝާން އިބްރާހީމް (ސައްޓު) އަށް ވަނީ ހުސް ދެ ފުރުސަތެއް ލިބި ބޭކާރު ވެފައެވެ.

ދެވަނަ ހާފުގެ ކުރީ ކޮޅުގައި ޓީސީއަށް ވަނީ ޕެނަލްޓީއެއް ލިބި ބޭކާރުވެފައެވެ. މެސީ ފޮނުވާލި ޕެނަލްޓީ ބަޝުންދަރާގެ ކީޕަރު ވަނީ މަތަކޮށްފައެވެ. އަނެއްކޮޅުން 68 ވަނަ މިނެޓުގައި ބަޝުންދަރާ އިން ލީޑު ފުޅާކުރީ ވެސް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ބާކޯސް އެވެ. އޭގެފަހުން 76 ވަނަ މިނެޓުގައި ކެޕްޓަން ޑެނިއަލް ކޮލިންޑްރޭސް ބަޝުންދަރާގެ ހަތަރު ވަނަ ގޯލު ޖެހިއިރު ފަހު ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބާކޯސް އެވެ. ބަޝުންދަރާގެ ކެޕްޓަން ކޮލިންޑްރެސް އަކީ ކޮސްޓާ ރީކާ ގައުމީ ޓީމުގެ ކުޅުންތެރިޔެއްކަން ފާހަގަކޮށްލެވެއެވެ.

ޓީސީއާ ބަޝުންދަރާގެ އިތުރުން ދެން މި ގްރޫޕުގައި ހިމެނެނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ އިތުރުން އިންޑިއަން އައި ލީގުގެ ޗެމްޕިއަން ޗެންނާއީ ސިޓީ އެވެ. ގްރޫޕް ސްޓޭޖުގައި މާޒިޔާ އަދި ޗެމްޕިއަން ޗެންނާއީ އެފްސީ މިރޭ ވާދަކުރާނެއެވެ. އެ މެޗު ފަށާނީ ހަވީރު ރާއްޖެ ގަޑިން 19:00 ގައެވެ.