އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި މިރޭ އިންޑިއާގެ ޗެންނާއީ ސިޓީއާ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބައްދަލުކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

އިންޑިޔާގެ ޖަވާހަރްލާލް ނެހްރޫ ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ.

މި މެޗަށް ނުކުތްއިރު މާޒިޔާގެ ގޯލްކީޕަރު އޮވޭސް އަޒީޒީ އާއި ޑިފެންޑަރު ޕީޓަ ޕްލަނިޗް ހުރީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގަ އެވެ. އަޒީޒީގެ ބަދަލުގައި ގޯލު ބެލެހެއްޓީ ގައުމީ ޓީމުގެ ބަދަލު ގޯލްކީޕަރު ހުސައިން ޝަރީފް އެވެ.

މެޗުގައި ފުރަތަމަ ގޯލު ޖަހައި ލީޑު ނެގީ ޗެންނާއީ ސިޓީންނެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑޮލްފޯ މިރާންޑާ އެވެ. އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި އޭނާ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކައިރި ކަނަށެވެ. އޭގެ ކުރިން މާޒިޔާ އިން އުފެއްދި ހަމަލާއެއްގައި ޗެންނާއީގެ ގޯލާ އަމާޒުކޮށް މާޒިޔާގެ ބިދޭސީ ފޯވަޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ފޮނުވާލި ބާރު ބޯޅަ ގޯލްކީޕަރު ނައުޒެޓް ސަންޓާނާ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 25 ވަނަ މިނެޓުގައި ޑިފެންޑަރު މޫސާ ޔާމިން (ޔާންބެ) އަށް އަނިޔާވުމުން މާޒިޔާ އިން ވަނީ ބަދަލުގައި މުޖުތާޒް މުހައްމަދު (މުޖޭ) ކުޅެން އަރުވައިފަ އެވެ.

މާޒިޔާ އިން ނަތީޖާ އެއްވަރު ކުރީ ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ކެޕްޓަން މުހައްމަދު އިރުފާން (އިރޭ) ޖެހި ގޯލުންނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ތަނަވަސްކޮށްދިން ފުރުސަތެއްގައި އިރޭ ޗެންނާއީގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލީ ބޮލުންނެވެ. އޭގެ ތިން މިނެޓު ފަހުން މާޒިޔާ އިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ޖެހި ގޯލުންނެވެ. ހުސައިން ނިހާން (ނިހާޓް) ދިން ޕާހެއްގައި ފޭދޫ އިއްބެ ފަސޭހަކަމާއެކު ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅަ ހުއްޓުވުމުގައި ޗެންނާއީގެ ކީޕަރަށް މާ ބޮޑު މަސަތްކަތެއް ނުކުރެވުނެވެ.

ލީޑު ނެގުމަށް ފަހު ވެސް މާޒިޔާ އިން ދިޔައީ ކުރިއަށް ޖެހި އިތުރު ގޯލުތަކެއް ޖެހޭތޯ މަސަތްކަތް ކުރަމުންނެވެ. އެގޮތުން ކޯނޭ އާއި އިބްރާހިމް ވަހީދު ހަސަން (އިއްބެ ވަހީދު) ޖެހި ބޯޅަތަކުގެ ހުރަހަކަށްވީ ކީޕަރެވެ. ޗެންނާނީ ސިޓީން މި ހާފުގައި އުފެއްދި ނުރައްކާތެރި ފުރަތަމަ ހަމަލާ ފޮނުވާލީ މެޗު ނިމެން ހަތް މިނެޓަށް ވެފައިވަނިކޮށް މިރާންޑާ އެވެ. އޭނާ ޖެހި ބޯޅަ ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

މި ފުރުސަތުގެ ބޭނުން ނުހިފުނު ނަމަވެސް މިރާންޑާ ވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް ދެ ވަނަ ގޯލެއް ޖަހައި ޗެންނާއީ އަށް މެޗުން ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ. މިއީ ޗެންނާއީގެ ކުޅުންތެރިއަކު އޭރިޔާ ބޭރުން ޖެހި ބޯޅަ ކީޕަރު ހުސެންގެ އަތުގަ ޖެހިފަ ބޭރަށް ނުކުތް ވަގުތު ގޯލުގެ ތެރެއަށް ވައްދާލައިގެން މިރާންޑާ ޖެހި ގޯލެކެވެ.

ދެކުނު އޭޝިއާގެ ޓީމުތަކަށް ނިސްބަތްވާ އޭއެފްސީ ކަޕްގެ ގްރޫޕް އީގެ ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އިން ވަނީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބް 5-1 އިން ބަލިކޮށްފަ އެވެ.

މި ގްރޫޕުގެ މެޗުތައް ދެން ކުޅޭނީ އަންނަ މަހުގެ 14 އަދި 15 ވަނަ ދުވަހު އެވެ. 14 ވަނަ ދުވަހު މާޒިޔާ އިން މާލޭގައި ބަޝުންދަރާ ކިންގްސްއާ ދެކޮޅަށް ނުކުންނައިރު ޖެހިގެން އަންނަ ދުވަހު ޓީސީ އާއި ޗެންނާއި ސިޓީ ވާދަކުރާނެ އެވެ.