އިޓާލިއަން ލީގުގައި ރޭ 0-1 އިން ޔުވެންޓަސް ބަލިކޮށް ނަޕޯލީ އިން ފަރަގު ކުޑަކޮށްފިއެވެ.

ރޭގެ މެޗުގެ ކުރިން މި ދެ ޓީމުގެ މެދުގައި ހަތަރު ޕޮއިންޓުގެ ފަރަގެއް އޮތެވެ. އެގޮތުން ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ 85 ޕޮއިންޓާ އެކުއެވެ. ނަމަވެސް ރޭގެ މޮޅާއެކު ނަޕޯލީ އިން މިހާރު ވަނީ އެ ފަރަގު އެއް ޕޮއިންޓަށް ކުޑަކޮށްލާފައެވެ. ލީގުގެ ދެވަނައިގައި ނަޕޯލީ މިހާރު އޮތީ 84 ޕޮއިންޓާ އެކުއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ނަޕޯލީގެ ފަރާތުން މޮޅު ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. ގޯލްޖަހާނެ މާ ގިނަ ފުރުސަތުތަކެއް ނަޕޯލީ އަށް މި މެޗުގައި ތަނަވަސްކުރެވިފައި ނުވާއިރު އެޓީމު މި މެޗުން މޮޅުވީ ފަހުވަގުތު ކާމިޔާބުކުރި ގޯލަކުންނެވެ. އެގޮތުން ކަލެހޯން ނަގައިދިން ކޯނަރަކުން މި ގޯލު ނަޕޯލީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ކުލިބާލީއެވެ. ކުލިބާލީ މި ގޯލު ކާމިޔާބުކުރީ ބޮލުން ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ރޭގެ މެޗުގައި ޔުވެންޓަސްގެ ފަރާތުން ފުދޭވަރަކަށް ޑިފެންސިވް ގޭމެއް ފެނިގެންދިޔައިރު މުޅި މެޗުގައި ވެސް ނަޕޯލީގެ ގޯލާއި އަމާޒުކޮށް އެންމެ ހަމަލާ އެއް ވެސް އެޓީމަށް ފޮނުވާލެވިފައެއް ނުވެއެވެ.

ރޭގެ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން މި މެޗުން ނަޕޯލީ މޮޅުކޮށްދިން ގޯލު ކާމިޔާބުކުރި ކުލިބާލީ ބުނީ މި މެޗަށް އައުމުގެ ކުރިން ނަޕޯލީގެ ސަޕޯޓަރުންގެ ފަރާތުން ވަރަށް ބޮޑު ސަޕޯޓެއް ލިބުނު ކަމަށާއި ޓީމުން ބޭނުންވީ ވީހާވެސް ރަނގަޅަކަށް އެ ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން ކަމަށެވެ.

"އެމީހުންނަށް ޝުކުރު އަދާކުރަން އަހަރުމެންނަށް ކުރެވޭނެ އެންމެ ރަނގަޅު ކަމަކީ މި މެޗުން މޮޅުވުން. ޔުވެންޓަސް އަކީ ވަރުގަދަ ޓީމެއް. އެކަމަކު އަހަރުމެން މި ސާބިތުކޮށްދިނީ އެމީހުންނާއި ވެސް ވާދަކޮށްލެވޭނެކަން. ލީގު ހޯދޭނެ ކަމަށް ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ގަބޫލުކުރޭ. އެންމެފަހު ވަގުތާ ޖެހެންދެން ވެސް އަހަރުމެން މަސައްކަތް ކުރާނަން" ކުލިބާލީ ބުންޏެވެ.

ރޭގެ މެޗުން ޔުވެންޓަސް ބަލިވިއިރު މިއީ ފާއިތުވި ފަސް އަހަރުތެރޭ ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ކުޅެ ލީގުގައި އެޓީމު ބަލިވި ތިންވަނަ މެޗެވެ.

ލީގުގެ އެއްވަނައިގައި ޔުވެންޓަސް އާއި ނަޕޯލީގެ ވާދަވެރިކަން ބޮޑުވެފައިވާއިރު މި ދެ ޓީމަށް ވެސް ލީގުގައި ދެން އޮތީ ހަތަރު މެޗެވެ.