އިނގިރޭސި ޕްރިމިއަރ ލީގު ކާމިޔާބު ކުރެވުމުން މިހާރު ވިސްނުން ހުރީ ރެކޯޑުތައް މުގުރާލުމަށް ކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ލީގު ޗެމްޕިއަންކަން ސިޓީ އަށް ލިބިފައިވާއިރު އެޓީމަށް ޕްރިމިއަރ ލީގުގެ ބައެއް ރެކޯޑުތައް މުގުރާލުމުގެ ފުރުސަތު އަދި އެބައޮތެވެ. އެގޮތުން ޕްރިމިއަރ ލީގުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ޕޮއިންޓު ހޯދި ޓީމުގެ ރެކޯޑާއި އެންމެ ގިނަ މޮޅު އަދި އެންމެ ގިނަ ގޯލު ޖެހި ޓީމުގެ ރެކޯޑު މުގުރާލުމުގެ ފުރުސަތު ސިޓީ އަށް އެބައޮތެވެ.

މިގޮތުން ޕްރިމިއަރ ލީގުގެ އެންމެ ގިނަ ޕޮއިންޓު ހޯދުމުގެ ރެކޯޑު މިހާރު އޮތީ ޗެލްސީގެ އަތުގައެވެ. އެޓީމުން މި ރެކޯޑު ގާއިމުކުރީ 05-2004 ވަނަ އަހަރުގެ ސީޒަނުގައި 95 ޕޮއިންޓު ހޯދައިގެންނެވެ. މި ރެކޯޑު މުގުރާލަން ސިޓީ މަސައްކަތް ކުރަމުންދާއިރު އެޓީމަށް މިހާރު ވަނީ 90 ޕޮއިންޓު ލިބިފައެވެ. ލީގުގައި ބާކީ ހަތަރު މެޗު ސިޓީ އަށް އަދި އެބައޮތެވެ.

މީގެއިތުރުން އެއް ސީޒަނެއްގައި އެންމެ ގިނަ މޮޅު އަދި އެންމެ ގިނަ ގޯލު ކާމިޔާބުކުރުމުގެ ރެކޯޑު ވެސް އޮތީ ޗެލްސީގެ އަތުގައެވެ.

ލީގުގައި ރޭ 0-5 އިން ސްވެންސީ ސިޓީގެ މައްޗަށް ކުރި ހޯދުމަށްފަހު ސިޓީގެ ކޯޗު ގާޑިޔޯލާ ބުނީ ޓީމުގެ އަމާޒު މިހާރު ހުރީ ރެކޯޑުތައް މުގުރާލުމަށް ކަމަށެވެ.

"ލީގު ލިބިއްޖެ. ދެން އޮތީ ރެކޯޑު މުގުރާލުމުގެ މަސައްކަތް. ޗެމްޕިއަންކަން ލިބުނީމަ ހުރިހާ ކަމެއް ނިމުނީ ކަމަށް ބަލައިގެން ތިބިނަމަ މިގޮތަކަށް އަހަރުމެން ނުކުޅޭނެ. އަބަދުވެސް ޖެހޭނެ ކުރިއެރުންތައް ހޯދަން މަސައްކަތް ކުރަން. ކުރިއެރުންތައް ހޯދާނަމަ އެއީ އަންނަ ސީޒަނަށް ވެސް އަހަރުމެންނަށް ލިބޭނެ ފައިދާ އެއް" ގާޑިޔޯލާ ބުންޏެވެ.

ލީގުގައި ބާކީ ސިޓީ އަށް ހަތަރު މެޗު އޮތްއިރު އެ މެޗުތަކުގައި އެޓީމު ބައްދަލުކުރާނީ ވެސްޓްހަމް ޔުނައިޓެޑާއި، ހަޑަލްސްފީލްޑް އާއި ބްރައިޓަންގެ އިތުރުން ސައުތްހެމްޓަންއާއެވެ.