އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކަޓުވާލައި އެތްލެޓިކޯ މެޑްރިޑުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އެތްލެޓިކޯ ކުއާޓާ އަށް ކޮލިފައިވީ ގަދަ ސޯޅައިގައި ލިވަޕޫލްގެ މައްޗަށް 4-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރިލިބުމުންނެވެ. ފުރަތަމަ ލެގުގައި މި ދެޓީމް މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި ކުޅުނު މެޗު އެތްލެޓިކޯ ނިންމާލީ 1-0 އިން ކުރީގައި އޮވެއެވެ. އޭގެ ފަހުން ރޭ އެންފީލްޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 3-2 އިންނެވެ. މި މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވިއިރު 1-1ގެ އެގްރިގޭޓުން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.

އަނިޔާގެ ސަބަބުން ރޭގެ މެޗުގައި ލިވަޕޫލްގެ އެއްވަނަ ކީޕަރު އަލިސަން ބެކާ ކުޅެފައިނުވާއިރު އޭނާގެ ބަދަލުގައި ގޯލު ބެލެހެއްޓީ ދެވަނަ ކީޕަރު އެޑްރިއަން އެވެ. މިދިޔަ ދެ ވަރަކަށް ހަފުތާގައި ކުޅުމާ ދުރުގައި ހުރި ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ފުރަތަމަ އެގާރައިން ފެނުނުއިރު ފުރަތަމަ ލެގުގައި މެދުތެރެ ބެލެހެއްޓި ފަބީނިއޯގެ ބަދަލުގައި މެޗު ފެށީ އޮކްސްލޭޑް ޗެމްބަލޭން އެވެ. އަނެއްކޮޅުން އެތްލެޓިކޯގެ ފޯވަޑް ލައިނުން ޑިއޭގޯ ކޮސްޓާ އާއި ޔާއޯ ފެލިކްސް އަށް ކޯޗު ޑިއޭގޯ ސިމިއޯނީ ފުރުސަތު ދިން އިރު ތޯމަސް ލެމާ ފެނުނީ ބެންޗުންނެވެ.

އެންފީލްޑުގައި ކުޅުނު މި މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ގޯލު ޖަހަން އެތްލެޓިކޯ އަށް ރަނުގެ ފުރުސަތެއް ލިބިގެންދިޔައެވެ. ފެލިކްސް ދިން ޕާހެއްގައި ލިވަޕޫލްގެ ޑިފެންޑަރެއް ކައިރިން ދެމިގަތުމަށްފަހު އޭރިއާ ތެރެއަށް ވަދެ ކޮސްޓާ ތިރިތިރިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ. އޭގެ ފަހުން ދެން ފެނުނީ ލިވަޕޫލުން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ޖަން އޮބްލަކްގެ ގޯލަށް ނުރައްކާ ކުރި ތަނެވެ. މެޗުގެ ފަސް ވަނަ މިނެޓުގައި މެދުތެރެއިން އަލެގްޒަންޑާ އާނޮލްޑް އޭރިޔާ ތެރެއިން ނަގައިދިއިން ހުރަހެއްގައި ޖޯޖިއޯ ވަޔަނާލްޑަމް ބޮލުން ޖެހި ބޯޅައެއް އޮބްލަކް މަތަކުރިއިރު ރޮބާޓޯ ފިރްމީނޯ އާއި ސާދިއޯ މާނޭގެ އިތުރުން ޗެމްބަލޭން އާއި މުހައްމަދު ސަލާހު ފޮނުވާލި ހަމަލާތަކުން ވެސް އެތްލެޓިކޯ ސަލާމަތްކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޮބްލަކް އެވެ.

ލިވަޕޫލުން ލީޑު ނެގީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ވަޔަނާލްޑަމް ޖެހި ގޯލުންނެވެ. އަރިމަތިން ޗެމްބަލޭން ނަގައިދިން ހުރަހެއްގައި މުޅިން ހުހަށް ހުރެ ހޮލަންޑު ކުޅުންތެރިޔާ ބޮލުން ޖެހި ބޯޅަ ބިންމަތީގަ ޖެހިފަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މެޗުގެ ދެވަނަ ހާފު ވެސް ލިވަޕޫލުން ފެށީ ވަރުގަދަކޮށެވެ. މުޅި ޓީމު އެކީ ކުރިއަށް ޖެހިލައިގެން ކުޅެ ލިވަޕޫލުން ދިޔައީ ދެވަނަ ގޯލެއް ޖެހޭތޯ މަސަތްކަތް ކުރަމުންނެވެ. މެޗުގެ 60 ވަނަ މިނެޓުގައި ލިވަޕޫލުން އުފެއްދި ހަމަލާއެއްގައި ލެފްޓް ބެކް އެންޑީ ރޮބަޓްސަން ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ކުރިން އެތްލެޓިކޯގެ ކައުންޓާ އެޓޭކެއްގައި އޭރިޔާ ބޭރުން ފެލިކްސް ޖެހި ބޯޅައެއް ކީޕަރު އެޑްރިއަން ވަނީ މަތަކޮށްފައެވެ.

މެޗުގެ ފަހު ވިއްސަކަށް މިނެޓުގައި ލިވަޕޫލުގެ އެޓޭކުތައް ވަރުގަދަވެ އޮބްލަކްގެ ގޯލަށް ބާރު ބޮޑުވެގެންދިޔަތަން ފެނުނެވެ. އޭރިޔާ ބޭރުން އާނޮލްޑް ފޮނުވާލި ބާރު ހަމަލާ މަތަކުރުމުގެ އިތުރުން މާނޭ ތިރިތިރިން ޖެހި ބޯޅައެއް އޮބްލަކް ވަނީ ހުއްޓުވައިފައެވެ. މެޗު ނިމެން ގާތްވެފައި ވަނިކޮށް ސަލާހު އެތްލެޓިކޯގެ ދެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ބާރު ބޯޅަ ގޯލާ އަމާޒު ނުވެ ދިޔައީ ބޭރަށްދިޔަ އިރު ކައިރި ކައިރީގައި މާނޭ ގޯލު ކުރިމަތިން ޖެހި ދެ އޯވަހެޑް ކިކް ވެސް ގޯލާ އަމާޒުވާ ގޮތެއް ނުވިއެވެ.

މެޗުގެ 90 މިނެޓު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި އެތްލެޓިކޯގެ ލެފްޓް ބެކް ރެނާން ލޮޑީ ނަގައިދިން ހިލޭ ޖެހުމެއްގައި ސައުލް ނިގުއެޒް ބޮލުން ލިވަޕޫލްގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް އޮފްސައިޑް ކަމަށް ބުނެ ރެފްރީ ވަނީ އެ ގޯލު ބާތިލްކޮށްފައެވެ.

ލިވަޕޫލުން ދެވަނަ ގޯލު ޖެހީ 94 ވަނަ މިނެޓުގައި ފިރްމީނޯ ޖެހި ގޯލުންނެވެ. އަރިމަތިން ވަޔަނާލްޑަމް ނަގައިދިން ހުރަހެއްގައި ފިރްމީނޯ ފުރަތަމަ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ދަނޑީގަ ޖެހިފަ ނުކުތް ބޯޅަ ފިރްމީނޯ ވަނީ ފަސޭހަކަމާއެކު އެއް ފަހަރުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލާފައެވެ. އެހެންނަމަވެސް މަންޒަރު ބަދަލު ވެގެންދިޔައީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި މާކޮސް ލޮރެންޓޭ ކައިރި ކައިރީގައި ދެ ގޯލު ޖެހުމުންނެވެ. 97 ވަނަ މިނެޓުގައި ލިވަޕޫލްގެ ފަހަތުން އެޑްރިއަން އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ފެލިކްސްގެ އެހީތެރިކަމާއެކު ލޮރެންޓޯ އޭރިޔާ ބޭރުން ތިރިތިރިން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ.

ލޮރެންޓޭގެ ދެވަނަ ގޯލު ޖެހީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. ލިވަޕޫލްގެ ދެ ޑިފެންޑަރުން ކައިރީގައި ވިއްދާފައި ވަނިކޮށް އޭނާ ވަނީ ފަސޭހަކަމާއެކު ގޯލުގެ ކައިރި ކަނަށް ބޯޅަ ވައްދާލާފައެވެ. މެޗުން އެތްލެޓިކޯ މޮޅުކޮށްދިން ގޯލު ފަހު މިނެޓުގައި ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ އެވެ. ކައުންޓާ ހަމަލާއެއްގައި ލޮރެންޓޯ ދިން ބޯޅަ ހިފަައިގެން ކުރިއަށްގޮސް މޮރާޓާ ވަނީ އެއްވެސް އުނދަގުލެއްނެތި ގޯލުގެ ކަނަށް ތިރިތިރިން ބޯޅަ ވައްދާލާފައެވެ.

ރޭގެ މެޗަކީ ޔާގެން ކްލޮޕްގެ އިރުޝާދުގެ ދަށުން އެންފީލްޑުގައި ކުޅެ ޔޫރަޕިއަން މެޗަކުން ލިވަޕޫލް ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ޓީމު އެންފީލްޑުގައި ޔޫރަޕް މެޗަކުން ބަލިވެފައިވަނީ 2014 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. އަނެއްކޮޅުން މިއީ ދެ ލެގު ހިމެނޭގޮތަށް ޔޫރަޕިއަން މުބާރާތެއްގެ ނޮކްއައުޓް ޓައި އަކުން ލިވަޕޫލް ކްލޮޕްގެ އިރުޝާދުގެ ދަށުން ކަޓައިގެންދިޔަ ފުރަތަމަ ފަހަރުވެސްމެ އެވެ. މި ޓައިގެ ކުރިން އެޓީމު އެންމެ ފަހުން ކުޅުނު ދިހަ ނޮކްއައުޓް ޓައި ވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ.

ޗެމްޕިއަންސް ލީގުން ކަޓައިގެންދިޔަ ނަމަވެސް މިސީޒަނުގެ ޕްރެމިއާ ލީގް ތަށި ލިވަޕޫލަށް ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ. 82 ޕޮއިންޓާއެކު ލީގް ތާވަލު ލީޑު ކުރަމުން އަންނަ ލިވަޕޫލަށް ލީގު ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ދެން ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލިއުޝާ

    ލިވަޕޫލް ފޮނުއަރުވާނީ ޕުރިމިޔާރ ލީގެ ޓީމްތައްކައިރި ޓީމެއްކަހަލަ ޓީމަކާ ޖެހުނީމަ ވީގޮތެއްދޯ ލަދުންދެފާ ކައިރިނުކުރެވޭ.

    26
    5
  2. Anonymous

    ކިންގ އަކަށް ނުވެވުނު ދޯ!

    7
    1
  3. ދަރަނި ދަންތުރަ

    ފުޓުބޯޅަޔަކީ ވަށްއެއްޗެއްދޯ...