ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑް ބަލިކޮށް ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރޭ ޖާގަ ހޯދައިފިއެވެ.

ޕީއެސްޖީ ޗެމްޕިއަންސް ލީގުގެ ގަދަ އަށަކަށް ކޮލިފައިވީ ޑޯޓްމަންޑްގެ މައްޗަށް 3-2 ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މި ދެ ޓީމު ޖަރުމަނުގެ ސިގްނަލް އިޑުނާ ޕާކުގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ކުޅުނު މެޗު ޑޯޓްމަންޑުން 2-1 އިން ކާމިޔާބުކުރި ނަމަވެސް ޕީއެސްޖީ ވަނީ ރޭ އަމިއްލަ ދަނޑުގައި ކުޅެ 2-0 އިން މެޗު ކާމިޔާބުކޮށްފައެވެ.

ދުނިޔޭގައި އެކި ކަންކޮޅުތަކުގައި އެއްވެސް ކޮންޓްރޯލެއް ނެތި ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރެމުންދާތީ ޕީއެސްޖީގެ ދަނޑުގައި މެޗު ކުޅުނީ ސަޕޯޓަރުން ނުވައްދައެވެ. ފްރާންސަކީ މިވަގުތު ކޮވިޑް-19 އެންމެ ބާރަށް ފެތުރެމުން އަންނަ އެއް ގައުމެވެ. މިއާއެކު އެގައުމުގެ ލީގު މެޗުތައް ވެސް މިހާރު ކުޅޭ ގޮތަށް ނިންމާފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. އަދި، ބައެއް މެޗުތަކަށް އެންމެ ގިނަވެގެން 1000 ސަޕޯޓަރުންނަށް ވަދެވޭ ގޮތަށް ވަނީ ލިމިޓް ކޮށްފަ އެވެ.

ފަޅު ދަނޑެއްގައި ކުޅުނު މެޗުގައި ފެނުނު ފުރަތަމަ ނުރައްކާތެރި ހަމަލާ ފޮނުވާލީ ޕީއެސްޖީ އިންނެވެ. ފުރަތަމަ ޙާފުގެ 24 ވަނަ މިނެޓުގައި ނޭމާ ދިން ޕާހެއްގައި އެޑިންސަން ކަވާނީ ތިިރިތިރިން ޖެހި ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ ޑޯޓްމަންޑުގެ ކީޕަރު ރޯމަން ބުރްކީގެ ހުޝިޔާރުކަމުންނެވެ. ޕީއެސްޖީން ޖެހި ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ކާމިޔާބުކުރީ ނޭމާއެވެ. އެންހެލް ޑި މާރިޔާ ނަގައިދިން ކޯނަރެއްގައި ނޭމާ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލީ ބޮލުން ޖަހައެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ނަތީޖާ އެއްވަރު ކުރަން ޑޯޓްމަންޑަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިޔާ ތެރެއިން ޖޭޑަން ސާންޗޯ ޖެހި ބޯޅަ ކީޕަރު ކެއިލާ ނާވާސް ވަނީ މަތަކޮށްފައެވެ. އަދި އޭގެ ފަހުން އޭރިޔާ ބޭރުން އަޝްރަފް ހަކީމީ އާއި ތޯގަން ހަޒާޑު ޖެހި ބޯޅަތަކުގެ ހުރަހަކަށްވީ ވެސް ނާވާސް އެވެ. ޕީއެސްޖީން ލީޑު ފުޅާކުރީ މި ހާފުގެ އިތުރު ވަގުތުގައި ޕަބްލޯ ސަރާބިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ހުއާން ބާނާޓް ޖެހި ގޯލުންނެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މި ހާފުގައި ގޯލެއް ޖަހަން ޑޯޓްމަންޑުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޖޫލިއަން ބްރާންޑްޓް އަށެވެ. ނަމަވެސް އޭނާ ޖެހި ބޯޅަ ގޯލާ އަމާޒުވާ ގޮތެއްނުވި އެވެ. މިި ހާފުގައި ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ވަނީ ފްރާންސްގެ ފޯވަޑް ކީލިއަން އެމްބާޕެ ކުޅެން އަރުވައިފައެވެ. ބަލިކޮށް އުޅުމުގެ ސަބަބުން މިދިޔަ ދެ ދުވަހު ޕީއެސްޖީ އިން ކުރިއަށް ގެންދިޔަ ފަރިތަކުރުންތަކުގައި އެމްބާޕޭ ބައިވެރިވެފައި ނުވާއިރު އޭނާ މި މެޗުގައި ފެނިދާނެ ކަމާއިމެދު ވެސް އޮތީ ސުވާލު އުފެދިފައެވެ. އެމްބާޕޭ ވަނީ ކޮވިޑް-19 ވައިރަހަށް ޓެސްޓު ވެސް ކޮށްފައެވެ.

ރޭގެ މެޗު ނިމެން ގާތްވެފައި ވަނިކޮށް ނޭމާ އަށް ޑޯޓްމަންޑުގެ މިޑްފީލްޑަރު އެމްރޭ ޗޭން ކުރި ފައުލަކާއި ގުޅިގެން ދެ ޓީމުގެ ކުޅުންތެރިންގެ މެދުގައި ހަމަނުޖެހުން ވަނީ ހިންގައިފައެވެ. މިކަމާ ގުޅިގެން ރެފްރީ ވަނީ ޗޭން އަށް ސީދާ ރަތެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. އަދި ހަމަނުޖެހުމުގައި ބައިވެރިކަމަށް ބަލައި ނޭމާ އާއި މާކުއިނޮސްގެ އިތުރުން ޑިމާރިޔާ އަށް ރެފްރީ ވަނީ ރީނދޫ ކާޑު ދައްކައިފައެވެ.

ރޭގެ މޮޅާއެކު ޕީއެސްޖީން ޗެމްޕިއަންސް ލީގުގެ ކުއާޓާ އަށް ދަތުރު މިކުރީ ހަތަރު އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.