ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް އިޓަލީގެ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ ޕޮޒިޓިވް ވެއްޖެ އެވެ.

ޔުވެންޓަސްގެ ސީނިއާ ޓީމުގައި ހިމެނޭ ރުގާނީ ވައިރަހަށް ޕޮޒިޓިވްވިކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. ކްލަބުން ރޭގެ ވަގުތެއްގައި ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރުގާނީ ވައިރަހަށް ޕޮޒިޓިވްވުމާއެކު، މިހާރު އޭނާ އައިސޮލޭޝަނަށް ލާފައިވާ ކަމަށެވެ. އަދި ރުގާނީގެ ފަރާތުން ކޮންޓެކްޓް ވެފައިވާ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކަންކަން ވެސް ބަލަމުން އަންނަ ކަމަށާއި ޓީމުގެ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިވަގުތަށް އަޅަންޖެހޭ ހުރިޔާ ފިޔަވަޅެއް އަޅަމުން އަންނަ ކަމަށެވެ.

ރުގާނީ އެންމެ ފަހުން ޔުވެންޓަސް ޖާޒީގައި މެޗެއް ކުޅެފައިވަނީ މިދިޔަ މަހުގެ 22 ވަނަ ދުވަހުއެވެ. ސްޕާލް އަތުން 2-1 އިން ޔުވެންޓަސް މޮޅުވި މެޗުގައި ކުޅުނު ނަމަވެސް އެ ކްލަބު އެންމެ ފަހުން ސަޕޯޓަރުން ނުވައްދައި އިންޓަ މިލާނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ އިނީ ބެންޗުގައެވެ.

މިއީ ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުންތެރިޔަކަށް ވައިރަސް ޖެހުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ޖަރުމަނުގެ ހެނޯވާ އަށް ކުޅެމުން އަންނަ ޓިމޯ ހުބާސް ވެސް ވައިރަހަށް ޕޮޒިޓިވްވެ މިހާރު ހުރީ ކަރަންޓީނުކޮށްފައެވެ.

ރުގާނީ ވައިރަހަށް ޕޮޒިޓިވް ވުމާއެކު ޗެމްޕިއަންސް ލީގުގައި މި މަހުގެ 18 ވަނަ ދުވަހު ޔުވެންޓަސް އާއި ލިޔޯން ބައްދަލުކުރާ މެޗު ޔުއެފާ އިން ފަސްކުރާނެ ކަމަށް ބެލެވެއެވެ.

ވަރިރަހާ ހެދި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމުގެ ގޮތުން އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ކުޅިވަރު ހަރަކާތެއް ނުބޭއްވުމަށް އިޓަލީ ސަރުކާރުން ވަނީ ނިންމައިފައެވެ. މީގެ ދެ ދުވަސް ކުރިން މުޅި ގައުމު ލޮކްޑައުން ކޮށްފައިވުމުން އެމަޖެންސީ ޙާލަތެއްގައި މެނުވީ އިޓަލީން މީހުން ފޭބުމާއި އެރުމަކީ މިވަގުތަށް މަނާ ކަމެކެެވެ. ބަލި ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މުއްދަތެއް ނެތް ގޮތަށް އިޓަލީގެ ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅަ ސަސްޕެންޑްކޮށް ހުރިހާ ޔުނިވާސިޓީތަކާއި ސްކޫލްތަކާއި ސިނަމާތަކާއި ޖިމްތަކުގެ އިތުރުން ރިސޯޓުތައް ވެސް އޭޕްރިލް 3 ގެ ނިޔަލަށް ވަނީ ބަންދުކޮށްފައެވެ.

ވައިރަހުގެ ސަބަބުން ޗައިނާ ފިޔަވައި މިހާތަނަށް އެންމެ ގިނަ މީހުން މަރުވެފައި ވަނީ އިޓަލީ އިންނެވެ. އިޓަލީގައި މިހާތަނަށް ވައިރަހުގެ 12،000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު 800 އަށްވުރެ ގިނަ މީހުން މި ބަލީގައި މަރުވެފައެވެ.