ރިއަލް މެޑްރިޑުގެ މެދުތެރެއަށް ކުޅޭ ލޫކާ މޮޑްރިޗް ބުނާގޮތުން އޭނާ ބޭނުން ވަނީ ސްވެޑެންގެ ފޯވާޑް ޒްލަޓަން އިބްރާހިމޯވިޗް އަދި ކުޑަ ދުވަސްކޮޅެއް ވަންދެން ފުޓުބޯޅަ ކުޅުމަށެވެ.

އިބްރާހިމޯވިޗް ކުރިޔަތް އޮތްތާންގައި ފުޓުބޯޅަ ކުޅޭނެ ކަމަށް މޮޑްރިޗް އުމްމީދު ކުރާ އިރު އޭނާ ވެސް އެމެރިކާ ލީގުގައި ކުޅޭ ތަން އޭނާ އަށް ފެންނަ ކަމަށް މޮޑްރިޗް ބުންޏެވެ. ޒްލަޓަން އިބްރާހިމޯވިޗް މެންޗެސްޓާރ ޔުނައިޓެޑު ދޫކޮށް މޭޖާ ލީގު ސޮކާގެ އެލް އޭގެލެކްސީ އަށް ބަދަލު ވީ މި އަހަރުގެ މާޗު މަހުގެ ތެރޭގައެވެ.

އިބްރަހަމޮވިޗް 3 މެޗުގެ ތެރޭގައި 3 ގޯލު ކާމިޔާބު ކޮށްފައި ވާއިރު މީގެ ތެރެއިން 2 ގޯލު ބެލެވިފައިވަނީ މެޗަކުން މޮޅު ވުމަށްޓަކައި ޖަހާފައިވާ 2 ގޯލު ކަމަށެވެ، މީހުން ބުނިގޮތާއި ހިލާފަށް އެމް އެލް އެސް ލީގަށް އިބްރާހީމޮވިޗް ހޭނުނީ ފުދޭވަރަކަށް އަވަހަށެވެ. "މިދިޔަ 20-10 ވަރަކަށް އަހަރުގެ ތެރޭގައި އިބްރާ އަކީ ބޮޑު ކުޅުންތެރިޔެއް، ދުނިޔޭގެ އެންމެ މޮޅު އެއް ފޯވާޑު، އެއީ އޭނާގެ ނިންމުމެއް، އެހެންކަމުން އަހަރެން އުންމީދު ކުރަނީ އޭނާ ރަނގަޅު ވާނެކަމަށް'' މޮޑްރިޗު ބުންޏެވެ.

ނަމަވެސް މޮޑްރިޗު ބުނެފައިވަނީ ގަޑި ތަފާތު ވުމުން އިބްރާހިމޮވިޗުގެ މެޗުތަށް ބެލުމުގައި ދަތި ތަކެއް ކުރިމަތި ވާކަމަށެވެ. ގެލެކްސީ ކުޅެނީ އެމެރިކާގެ ވެސްޓް ކޯސްޓުގައެވެ. އެހެން ކަމުން މެޗުތަށް ކުރިޔަށް ދާނީ ސްޕޭން އަށް ވުރެން 9 ގަޑި އިރު ފަހަތުގައެވެ.

މޮޑްރިޗު ބުނެފައި ވަނީ ކުރިޔަށް އޮތް ތަނުގައި ވާނެ އެއްޗެއް ނޭނގޭ ކަމަށާއި އޭނާ އަބަދުވެސް ބުނަމުން އައީ އޭނާގެ ފުޓުބޯޅަ ހަޔާތް ނިންމާލާނީ މެޑްރިޑުގައި ކަމަށެވެ، ނަމަވެސް އޭނާ އެމެރިކާއިންވެސް ފެނިދާނެ ކަމަށް މޮޑްރިޗު ވަނީ ބުނެފައެވެ.