އޮސްޓްރިއަން ބުންޑެސްލީގާގެ އެއްވަނައިގައި އޮތް ލަސްކް ބަލިކޮށް އިންގްލަންޑުގެ މެންޗެސްޓާ ޔުނައިޓެޑުން ޔުއެފާ ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލާ ފިޔަވަޅަކަށް ގާތަށް ޖެހިލައިފިއެވެ.

ޔޫރަޕްގެ ދެވަނަ އަށް އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތުގެ ގަދަ އަށަކަށް ދިއުމުގެ އުއްމީދު ޔުނައިޓެޑުން ބޮޑު ކުރީ ރޭ އޮސްޓްރިއާގެ ލިންޒުގައި ކުޅުނު ގަދަ ސޯޅައިގެ ފުރަތަމަ ލެގު 5-0 އިން ކާމިޔާބުކޮށްގެންނެވެ. ޔޫރަޕްގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަހާއި ހެދި ރޭ މި ދެޓީމު ބައްދަލުކުރި މެޗު ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ.

ފަޅު ދަނޑެއްގައި ކުޅުނު މި މެޗުގައި ޔުނައިޓެޑުން ޖެހި ފުރަތަމަ ގޯލު ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ބްރޫނޯ ފެނާންޑެސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖެހީ ނައިޖީރިއާގެ ފޯވަޑް އޮޑިއޮން އިގްހާލޯ އެވެ. އޭރިޔާ ލައިން މަތިންހެން ލަސްކުގެ ދެ ޑިފެންޑަރުން ކައިރީގައި ވިއްދާފައި ތިއްބާ އިގްހާލޯ ވަނީ ފަސޭހަކަމާއެކު ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލާފައެވެ. މިއީ ޖެނުއަރީ ބާޒާރުގައި ޔުނައިޓެޑާ ގުޅުނު ފަހުން އޭނާ އެޓީމަށް ޖަހައިދިން ހަތަރު ވަނަ ގޯލެވެ.

ރޭގެ މެޗުގައި ޔުނައިޓެޑުން ޖެހި ދެވަނަ ގޯލު މެޗުގެ 58 ވަނަ މިނެޓުގައި އިގްހާލޯ ދިން ޕާހެއްގައި ޖެހީ ޒުވާން ފޯވަޑް ޑެނިއެލް ޖޭމްސް އެވެ. ލަސްކުގެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު ޖޭމްސް ތިރިތިރިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ކައިރި ކަނަށެވެ. މިއީ 32 މެޗައްފަހު ޖޭމްސް ޔުނައިޓެޑް ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ގޯލެވެ.

ޔުނައިޓެޑުން މެޗުގައި ޖެހި ފަހު ތިން ގޯލު ފެނިގެންދިޔައީ ފަހު ދިހަ މިނެޓު ތެރޭގައެވެ. އެގޮތުން 82 ވަނަ މިނެޓުގައި ފްރެޑްގެ އެހީތެރިކަމާއެކު ޔުނައިޓެޑުގެ ތިންވަނަ ގޯލު ޖެހީ ހުއާން މާޓާ އެވެ. މެދުތެރެއިން ފްރެޑް ދިން ހިތްގައިމު ބޯޅަ ހިފައިގެން ކުރިއަށް ގޮސް މާޓާ ގޯލުގެ ކައިރި ކަނަށް ވައްދާލި ބޯޅަ ހުއްޓުވުމުގައި ކީޕަރު އަލެގްޒަންޑާ ޝްލަގާ އަށް މާ ބޮޑު މަސަތްކަތެއް ނުކުރެވުނެވެ. ޔުނައިޓެޑުގެ ހަތަރު ވަނަ ގޯލު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ޓަހިތް ޗޮންގް ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހީ މޭސަން ގްރީންވުޑް އެވެ. އޭރިޔާ ތެރެއިން ގްރީންވުޑް ޖެހި ބޯޅަ ގޯލަށް ވަނީ ދެކޮޅު ދަނޑީގަ ޖެހިފައެވެ. މިއީ މި މުބާރާތުގައި ގްރީންވުޑް ޖެހި ފަސްވަނަ ގޯލެވެ. މިއާއެކު އޭނާ ވެފައިވަނީ އެއް ސީޒަނެއްގައި ޔުނައިޓެޑަށް ޔުރޮޕާ ލީގުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.

ޔުނައިޓެޑުގެ ފަސްވަނަ ގޯލު މެޗު ނިމެން ސިކުންތުކޮޅަކަށް ވެފައި ވަނިކޮށް އޭރިއާ ބޭރުން ބޯޅަ ގޯލަށް ވައްދާލައިގެން ޖެހީ އަންދްރެއާސް ޕެރޭރާ އެވެ.

ރޭގެ މޮޅަކީ 2013 ވަނަ އަހަރުގެ ފަހު ޖަރުމަނުގައި ބަޔާ ލެވަކޫސަން އަތުން 5-0 އިން މޮޅުވި މެޗަށްފަހު ޔުނައިޓެޑުން ރަށުން ބޭރުގައި އެންމެ ތަފާތު ބޮޑުކޮށް މޮޅުވި ޔޫރަޕިއަން މެޗެވެ. މި މޮޅާއެކު ޔުނައިޓެޑު ވަނީ ބަލިނުވެ 11 މެޗު ހަމަކޮށްފައެވެ. ޔުނައިޓެޑަށް ދެން ކުރިއަށް އޮތީ އަންނަ އާދިއްތަ ދުވަހު ރަށުން ބޭރުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅެން އޮތް ޕްރެމިއާ ލީގް މެޗެވެ. އަނެއްކޮޅުން ކޮވިޑް-19 ވައިރަހާ ހެދި އޮސްޓްރިއަން ލީގު މެޗުތައް ފަސްކޮށްފައިވާތީ ޔުނައިޓެޑާ ދެކޮޅަށް ކުޅެން ޖެހޭ ދެވަނަ ލެގު މެޗާއި ދެމެދު ލަސްކަށް ބޮޑު ބްރޭކެއް ލިބޭނެ އެވެ. ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އޯލްޑް ޓްރަފޯޑުގައެވެ.