ދުނިޔޭގައި ހަލުވިކަމާއެކު ނުރައްކާތެރި ކޮވިޑް-19 ވައިރަސް ފެތުރެމުންދާތީ، އިނގިރޭސި ޕްރިމިއާ ލީގްގެ ގުޅުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް ސްކައި ނިއުސް އިން ބުނެފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގް މެދުކަނޑާލަން ނިންމާފައިވާކަމަށް ސްކައި ނިއުސް އިން ބުނެފައިވީ ނަމަވެސް އެކަން އަދި ރަސްމީކޮށް އިއުލާނު ކޮށްފައއް ނުވެއެވެ.

ސްކައި ނިއުސް އިން ބުނީ ޕްރިމިއާ ލީގްގެ ހުރިހާ މެޗެއްގެ ކުޅުން މެދުކަނޑާލަނީ އަންނަ މަހުގެ ހަތަރުވަނަ ދުވަހާއި ހަމައަށް ކަމަށެވެ.

ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލަން ނިންމާފައިވާއިރު، އިއްޔެ ވަނީ ޗެމްޕިއަން ލީގުގެ އާއި ޔޫރޮޕާ ލީގުގެ ކުޅުންވެސް ވަގުތީގޮތުން މެދުކަނޑާލާފައެވެ. މީގެ އިތުރުން ސްޕެނިޝް ލީގުގެ ކުޅުންވެސް މިހާރު ވަނީ މެދުކަނޑާލާފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ދުނިޔޭގެ ފުޓުބޯޅަ ތަރިންވެސް ދަނީ ފައްސި (ޕޮޒިޓިވް) ވަމުންނެވެ. އެގޮތުން އާސެނަލްގެ ކޯޗް ވެސް މި ވައިރަސް އަށް ރޭ ވަނީ ޕޮޒިޓިވް ވެފައެވެ.

މިހާތަނަށް ދުނިޔޭގެ 132 ޤައުމަކުން 138000 އަށްވުރެ ގިނަ މީހުންނަށް މި ވައިރަސް ޖެހިފައި ވެއެވެ. އޭގެތެރެއިން 5000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު