އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑުން ޖަރުމަނުގެ ބޮރޫޝިޔާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ފޯވަޑް ޖޭޑަން ސާންޗޯ ހޯދުމުގެ މަސަތްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނަން ފަށައިފިއެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައިވާ ގޮތުން މި އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ސާންޗޯ އިންގްލަންޑަށް ގެނެވޭނެ ކަމުގެ ޔަގީންކަން ޔުނައިޓެޑަށް އެބައޮތެވެ. އިނގިރޭސިވިލާތުގެ ނޫސް މަޖައްލާއެއް ކަމަށްވާ "މިރާ" ގައި ވާ ގޮތުން 19 އަހަރުގެ ކުޅުންތެރިޔާގެ ސޮއި ހޯދަން ބޭނުންނަމަ އަންނަ ސީޒަނުގެ ޔުއެފާ ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދުން ޔުނައިޓެޑަށް މުހިންމެވެ. ޔުނައިޓެޑް މިވަގުތު އޮތީ 45 ޕޮއިންޓާއެކު ލީގުގެ ފަސްވަނައިގައެވެ. އެޓީމާއި ހަތަރުވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތީ ތިން ޕޮއިންޓުގެ ފަރަގެކެވެ.

ލީގުގެ ގަދަ ހަތަރަކުން ޖާގަ ނުލިބިއްޖެ ހާލަތެއްގައި މިސީޒަނުގެ ޔުރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިގެން ވެސް ޗެމްޕިއަންސް ލީގަށް ކޮލިފައިވުމުގެ ފުރުސަތު ޔުނައިޓެޑަށް އެބައޮތެވެ. ޔުނައިޓެޑުން ވަނީ ޔުރޮޕާ ލީގުގެ ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި އޮސްޓްރިއާގެ ލަސްކްއާ ދެކޮޅަށް އެ ގައުމުގައި ކުޅެ 5-0 އިން ފުރަތަމަ ލެގު ކާމިޔާބުކޮށްފައެވެ.

ޔުނައިޓެޑް އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅެފައިވަނީ 2018-2019 ވަނަ ސީޒަނުގައެވެ. އެފަހަރު ބާސެލޯނާ އަތުން ބަލިވެ ކުއާޓާ ފައިނަލުން މުބާރާތާ އަލްވަދާއުކީ އެވެ. މި ސީޒަނުގެ ކުރީކޮޅު ނަތީޖާތައް ދަށްވެގެންދިޔަ ނަމަވެސް މިދިޔަ ޖެނުއަރީ މަހު އަލަށް ގެނައި ކުޅުންތެރިންނާއެކު ޔުނައިޓެޑު ވަނީ އަލުން އެނބުރި ހަމަ މަގަށް އެޅިފައެވެ. ބްރޫނޯ ފެންނާޑޭސް އާއި އޮޑިއޮން އިގްހާލޯ ޓީމާ ގުޅުނު ފަހުން އެ ޓީމުން ވަނީ ބަލިނުވެ މިހާތަނަށް 11 މެޗު ހަމަކޮށްފައެވެ.

އަންނަ ސީޒަނަށް ޓީމު އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ކޯޗު އޮލެ ގުނަ ސޯލްޝެއާ ހޯދަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ މަތީގައި އޮތީ ސާންޗޯއެވެ. ސާންޗޯ ހޯދުމުގެ މަސަތްކަތް ޔުނައިޓެޑުގެ އިތުރުން ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އާއި ލިވަޕޫލުން ވެސް އަންނަނީ ކުރަމުންނެވެ. މި ސީޒަނުގައި މިހާތަނަށް ލީގުގައި 14 ގޯލު ޖަހައިދީ އިތުރު 15 ގޯލު ޖެހުމުގައި އެހީތެރިވެދީފައިވާ ސާންޗޯ އަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ އަގު ބޮޑު ކުޅުންތެރިންގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާގެ އަގު މާކެޓުގައި އުޅެނީ 130 މިލިއަން ޕައުންޑުގައެވެ.

ސާންޗޯގެ އިތުރުން އިޓަލީގެ ނަޕޯލީ އަށް ކުޅެމުން އަންނަ ސެނެގަލްގެ ޑިފެންޑަރު ކަލިދޫ ކޯލިބަލީ އަކީ ވެސް ސޯލްޝެއާގެ ލޯ އަމާޒުވެފައިވާ ކުޅުންތެރިޔެކެވެ. ނަމަވެސް މި ކުޅުންތެރިންނަކީ މިހާރުވެސް ޗެމްޕިއަންސް ލީގުގައި ކުޅެމުން އަންނަ ކުޅުންތެރިންނަށް ވާތީ އެ މުބާރާތަށް ކޮލިފައިވުމަކީ މި ސީޒަނުގައި ޔުނައިޓެޑް އެންމެ އިސްކަމެއް ދީގެން ކުރަން ޖެހިފައިވާ މަސަތްކަތެވެ.

ޕްރެމިއާ ލީގުގެ ގަދަ ހަތަރަކަށް އެރުމަށް މުޅިއަކު ހަތް ޓީމަކުން މަސަތްކަތް ކުރަމުންދާ އިރު ގަދަ ހަތަރެއްގެ ފޯރި ވެސް އޮތީ ވަރަށް ބޮޑަށް ގަދަވެފައެވެ. ނަމަވެސް ލީގު މިވަގުތު އޮތީ ހުއްޓާލާފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަހާ ގުޅިގެން ލީގުގެ ކުޅުން އޭޕްރިލް 4 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލަން އިނގިރޭސި އެފްއޭ އިން ނިންމީ އިއްޔެއެވެ. މި ނިންމުން މިއައީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އާއި ޗެލްސީގެ ވިންގާ ކަލުމް ހުޑްސަން-އޮޑޯއީ، ވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ. ވައިރަހާ ގުޅިގެން ޕްރިމިއާ ލީގުގެ ދަށުން އޮންނަ އިނގިރޭސި ތިން ޑިވިޝަނާއި ވިމެންސް ސުޕަ ލީގު ކުޅުން ވެސް ވަނީ މެދުކަނޑާލައިފައެވެ.