އެއްވެސް ކޮންޓްރޯލެއް ނެތި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަށް އިޓާލިއަން ލީގުގެ އިތުރު ފަސް ކުޅުންތެރިއަކު ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އިޓަލީގެ ފުރަތަމަ ޑިވިޝަނުން ވައިރަހަށް އެންމެ ފަހުން ޕޮޒިޓިވްވެފައިވަނީ ސަމްޑޯރިއާގެ ހަތަރު ކުޅުންތެރިންނާއި ފިއޮރެންޓީނާގެ ކުޅުންތެރިއެކެވެ. ސަމްޑޯރިއާ އިން ވައިރަހަށް އިތުރު ކުޅުންތެރިން ފައްސި މިވީ އެޓީމުގެ ފޯވަޑް މަނޯލޯ ގަބިއާޑިނީ އަށް ބަލި ޖެހުނުކަން ކްލަބުން ހާމަކުރިތާ 24 ގަޑި އިރު ނުވަނީހެވެ. އެ ކްލަބުން އަލަށް ކޮވިޑް-19 އަށް ފައްސިވި ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ އޮމަރް ކޮލީ، އަލްބިން އެކްދަލް، އެންޓޯނިއޯ ލާ ގުމީނާ އަދި މޯޓެން ތޯސްބައި އެވެ. ސެރިއާ އިން ދެން މި ވައިރަހަށް ޕޮޒިޓިވް ވީ ފިއޮރެންޓީނާގެ ފޯވަޑް ދުސަން ވްލާހޮވިޗް އެވެ. އުމުރުން 20 އަހަރުގެ ދުސަން ވައިރަހަށް ފައްސިިވކަން ފިއޮރެންޓީނާ އިން ވަނީ ކަށަވަރުކޮށްދީފައެވެ. ރިޕޯޓުތައް ބުނާގޮތުން އަލަށް ބަލި ޖެހުނު ހުރިހާ ކުޅުންތެރިން މިހާރު ވަނީ އައިސޮލޭޝަނަށް ލާފައެވެ.

ފިއޮރެންޓީނާގެ ފޯވާޑާއި ސަމްޑޯރިއާގެ ކުޅުންތެރިން ވައިރަހަށް ފައްސިވިއިރު މީގެ ކުރިން ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ އަށް ވަނީ ބަލި ޖެހިގެން އެކަހެރިކޮށްފައެވެ. މީގެ އިތުރުން ޔުވެންޓަސް އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ފޯވާޑް ޕައޮލޯ ދިބާލާ އަށް ވެސް ބަލި ޖެހިފައިވާ ކަމަށް އިޓަލީގެ މީޑީއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ރުގާނީ ވައިރަހަށް ޕޮޒިޓިވް ވުމާއެކު ޔުވެންޓަސްގެ ކޯޗިން ސްޓާފުންނާއި ކުޅުންތެރިން މިހާރު ތިބީ އަމިއްލަ އަށް އެކަހެރިވެގެންނެވެ. އަދި، އެންމެ ފަހުން ޔުވެންޓަސް އިޓާލިއަން ލީގުގައި ބައްދަލުކުރި އިންޓަ މިލާންގެ ކުޅުންތެރިންވެސް ތިބީ ހަމަ އެގޮތަށް ކަރަންޓީނު ވެގެން ކަމަށް ހަބަރުތައް ބުނެ އެވެ.

ކޮވިޑް-19 ޖެހިފަ ހުރި މީހަކާ ކޮންޓެކްޓްވި މީހަކު، 14 ދުވަސް ވަންދެން އެކަހެރިކުރުމަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު އަމަލު ކުރަމުން އަންނަ އުސޫލެވެ. އެހެންވެ، ޔުވެންޓަސް އަދި އިންޓަގެ ކުޅުންތެރިން ވެސް ކަރަންޓީނުކުރީ އެމީހުންގެ ގައިން ބަލި ފެނިދާނެ ކަމަށް ބަލައިފައެވެ.

އިޓާލިއަން ލީގުގެ ގިނަ ކުޅުންތެރިންތަކަކަށް ވައިރަހުގެ އަސަރުކޮށްފައިވާއިރު، ޔޫރަޕްގެ ބޮޑެތި ހުރިހާ ލީގުތަކުގެ ކުޅުން ވަނީ ހުއްޓާލާފައެވެ. އިނގިރޭސި ޕްރެމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗު ލީގުގެ އިތުރުން ޖަރުމަން ލީގު ވަނީ އަންނަ އެޕްރިލް މަހުގެ 4 ގެ ނިޔަލަށް މެދުކަނޑާލާފައެެވެ. މީގެ އިތުރުން ޔޫރަޕްގެ އެންމެ ބޮޑު ކްލަބު ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުގެ މެޗުތައްވެސް ވަނީ ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު