ރާއްޖޭން ކޮރޯނާވައިރަސް (ކޮވިޑް-19) އަށް ޕޮޒިޓިވް ވަމުން އަންނަ މީހުން އިތުރުވުމާއި ގުޅިގެން، ބެޑްމިންޓަން އެސޯސިއޭޝަނުން ހިންގާ ހަރަކާތްތައް މެދުކަނޑާލައިފިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19 ވައިރަހުން ރައްކާތެރިވުގެ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުންދާތީ، އެކަމުގައި އެ އެސޯސިއޭޝަނުގެ ފުރިހަމަ އެއްބާރުލުން ދިނުމުގެ ގޮތުން، އެސޯސިއޭޝަނުން ކުރިއަށްގެންދާ ގައުމީ ބެޑްމިންޓަން ސްކޮޑުގެ ފަރިތަކުރުންތައް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ. އަދި މީގެ އިތުރުން އެ އެސޯސިއޭޝަނުން މާލޭގައި އަދި އޮތޮޅުތެރޭގެ އެކި ހިސާބުތަކުގައި ހިންގަމުންދާ ޔޫތު ޑިވެލޮޕްމެންޓް ޕްރޮގްރާމް (ވައި ޑީ ޕީ) ވެސް މިވަގުތަށް މެދުކަނޑާލަން ނިންމާފައިވާ ކަމަށެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދޭ ގޮތުން އެ އެސޯސިއޭޝަންގެ ހަރަކާތްތައް ފަސްކުރަން ނިންމީ ކޮވިޑް-19 ރާއްޖޭން ފެނިގެން، ސިއްހީ އަދި ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުގެ މައްޗަށް ރިއާޔަތްކޮށް، ކުޅުންތެރިންނާއި މުޖުތަމައުގެ އާއްމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުންނެވެ. އަދި މިގޮތަށް ފަސްކުރެވޭ ހަރަކާތްތައް، މުޖުތަމައުގެ ސިއްހީ ހާލަތަށް އަންނަ ބަދަލާއި، ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދަށް ބަލައި ފަހުގެ ތާރީހުތަކަށް ރީޝެޑިއުލްކޮށް އަލުން އިއުލާނު ކުރާނެ ކަމަށް އެ އެސޯސިއޭޝަނުން މައުލޫމާތުދެ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުގެ އިތުރުން މޯލްޑިވްސް ސާފިން އެސޯސިއޭޝަނާއި، ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި އެތުލެޓިކްސް އެސޯސިއޭޝަނުގެ ހަރަކާތްތައް ވެސް ވަނީ ވައިރަހާ ހެދި ފަސްކޮށްފައެވެ.

ކޮރޯނާވައިރަސް އެއްވެސް ކޮންޓްރޯލެއް ނެތި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނާތީ ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ގިނަ ގައުމުތަކަށް ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ. ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު ޗައިނާގައި ކުޅިވަރުގެ ހުރިހާ ހަރަކާތެއްހެން މެދުކަނޑާލާފައިވާއިރު ޔޫރަޕުން މި ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަ ގައުމުތަކުގައި ކުޅިވަރުގެ ބޮޑެތި ހަރަކާތްތައް ވަނީ އަންނަ އެޕްރިލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 10 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އަދި މުޅި ދުނިޔެއިން 149000 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު 5600 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މަބޭ

    އައިއޯއަޖީ ނިމުނުފަހުން ގައުމީ ބެޑްމިންޓަންޓީމް ޕްރެކްޓިސް ނުބާއްވާ.

  2. ފަޒީ

    ސުވިމިންގ އެސޯސިއޭޝަންގެ ޕްރެކްޓިސް ހުއްޓާލުމަށް ގޮވާލަން.