ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން އިނގިރޭސި ޕްރެމިއާ ލީގު ކުރިއަށް ނުގެންދެވި މުޅިން ހުއްޓާލަން ޖެހިއްޖެ ޙާލަތެއްގައި އަޅާނެ ފިޔަވަޅުތަކާ ބެހޭގޮތުން އަންނަ ބުރާސްފަތި ދުވަހު ކުއްލި ބައްދަލުވުމެއް ބާއްވަން އިނގިރޭސި ފުޓްބޯޅައާ ބެހޭ މައި އިދާރާ އިން ތައްޔާރުވެއްޖެއެވެ.

ޕްރެމިއާ ލީގުގެ ހުރިހާ ކްލަބުތަކާއެކު ކުއްލި ބައްދަލުވުމެއް އަންނަ ބުރާސްފަތި ދުވަހު ބާއްވަން އެފްއޭ އިން ނިންމާފައިމިވަނީ ލީގުގެ ކުޅުން އަންނަ އެޕްރިލް މަހުގެ 3 ގެ ނިޔަލަށް މެދުކަނޑާލާފައިވަނިކޮށެވެ. ކުރިން ސަޕޯޓަރުން ނުވައްދައި މެޗުތައް ކުރިއަށް ގެންދަން ނިންމާފައި އޮތް ނިންމުން ބަދަލުކުރަން އެފްއޭ އިން ނިންމީ އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އާއި ޗެލްސީގެ ވިންގާ ކަލުމް ހުޑްސަން-އޮޑޯއީ، ކޮވިޑް-19އަށް ފައްސި (ޕޮޒިޓީވް) ގުޅިގެންނެވެ. ވައިރަހާ ގުޅިގެން ޕްރިމިއާ ލީގުގެ ދަށުން އޮންނަ އިނގިރޭސި ތިން ޑިވިޝަނާއި ވިމެންސް ސުޕަ ލީގު ކުޅުން ވެސް ވަނީ މެދުކަނޑާލައިފައެވެ.

ޕްރިމިއާ ލީގުން ބުނީ އޭޕްރިލް 3 ވަނަ ދުވަހު އަލުން ފެށުމުގެ ނިޔަތުގައި، މިވަގުތަށް ލީގު ހުއްޓާލަން ނިންމާފައިވާ ކަމަށާއި އެކަމަކު އެ ތާރީހުގައި ލީގު ފެށުން ބިނާވާނީ ސިއްހީ ލަފައަށާއި އެ ވަގުތުގެ ވައިރަހުގެ ކޮންޓްރޯލް އޮތް ހާލަތަށް ކަމަށެވެ. ގާތްގަނޑަކަށް ދެ ވަރަކަށް ހަފުތާ އަށް ޔޫރަޕްގެ ހުރިހާ ބޮޑެތި ލީގުތަކެއް މިހާރު ފަސްކޮށްފައިވީ ނަމަވެސް އަލުން ފެށުމަށް ކަނޑައެޅިފައިވާ ތާރީހުގައި ލީގުތައް ފެށުން ނާދިރު ކަމަށް ފުޓްބޯޅަ ދިރާސާކުރާ މާހިރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ސަބަބަކީ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވި ބައްޔަށް ޕޮޒިޓިވްވާ މީހުން ދުވަހެއް ދުވަހަަކަށް އިތުރު ވަމުންދާތީ އެވެ.

އެއްވެސް ކޮންޓްރޯލެއް ނެތި ފެތުރެމުންދާ ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް މިހާރު ބަދަލުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ދާދި ފަހުން ހާމަކޮށްފައިވާއިރު މިކަމުގެ ސަބަބުން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ. ފުޓްބޯޅަ ލީގުތައް މުޅިން ހުއްޓާލުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ. ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގުގެ ފޯމެޓަށް ބަދަލު ގެނެސް ނޮކްއައުޓް އުސޫލުން ޕްލޭއޮފް އެއް ލެގު ކުޅެ މުބާރާތް އަވަހަށް ނިންމާލުމަކީ ވެސް ޔުއެފާ އިން އަމަލުކޮށްފާނެ ގޮތެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ޖޫން މަހު ފަށަން ރާވާފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އަންނަ އަހަރަށް ފަސްކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމާ ބެހޭގޮތުން މަޝްވަރާކުރާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަންގާރަ ދުވަހު ބާއްވާ ޔުއެފާގެ ކުއްލި ބައްދަލުވުމުގަ އެވެ.

ކޮވިޑް-19ގެ ސަބަބުން ކުޅިވަރުގެ ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު ޕްރެމިއާ ލީގަށް ހަދާނެ ގޮތަކާއި މެދު އަންނަ ބުރާސްފަތި ދުވަހު ގޮތެއް ނިންމަން އިނގިރޭސި އެފްއޭ އިން އަންނަނީ ތައްޔާރު ވަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ވައިރަހުގެ ސަބަބުން ލީގުގެ ކުޅުން އިތުރަށް ނުގެންދެވި ހުއްޓާލަން ޖެހިއްޖެ ޙާލަތެއްގައިވެސް ލިވަޕޫލަށް ޗެމްޕިއަންކަން ދޭން ވަނީ ނިންމައިފައެވެ. އަދި މިހެން ކަންތައް ކުރުމާއި މެދު އެހެން އެއްވެސް ކްލަބެއްގެ އިއުތިރާޒެއް އަދި އޮތްކަމަކަށް ނުބެލެވެއެވެ. ލިވަޕޫލް ލީގުގެ އެންމެ ކުރީގައި އޮތީ 25 ޕޮއިންޓުގެ ލީޑަކާއެކު އެވެ. ޗެމްޕިއަންކަން ކަށަވަރު ކުރުމަށްޓަކައި އެ ޓީމަށް ދެން ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.

މި ސީޒަނުގައި ލީގަށް މާބޮޑު ބަދަލުތަކެއް ނަޔަސް ލީގު އެއްކޮށް ހުއްޓާލަން ޖެހިއްޖެ ޙާލަތެއްގައި އޭގެ އަސަރު އެންމެ ބޮޑަށް ކުރާނީ އަންނަ ސީޒަނުގައެވެ. އިނގިރޭސި ބައެއް ނޫސްތަކުގައިވާ ގޮތުން އަންނަ ސީޒަނުގައި، ފުރަތަމަ ޑިވިޝަނުގައި މުޅިއެކު 22 ޓީމެއް ވާދަކުރާ ގޮތަށް އުސޫލު ބަދަލު ކުރުމުގެ ވިސްނުން ވެސް އެފްއޭ އިން އެބަ ގެންގުޅެއެވެ. އެފްއޭގެ ވިސްނުމަކީ ދެވަނަ ޑިވިޝަން (ޗެމްޕިއަންޝިޕް)ގެ އެންމެ ކުރީގައި މިވަގުތު އޮތް ދެ ކްލަބު ޕްރެމިއާ ލީގަށް ޕްރޮމޯޓްކޮށް އަދި މިސީޒަނުގައި ޕްރެމިއާ ލީގުން އެއްވެސް ކްލަބެއް ރެލިގޭޓް ނުކޮށް އަންނަ ސީޒަނުގައި 22 ޓީމެއްގެ މެދުގައި ލީގު ކުރިއަށްގެންދިއުމެވެ. 22 ޓީމު ވާދަކުރުމުގެ ސަބަބުން ގިނަ މެޗުތަކެއް ކުޅެންޖެހި ޝެޑިއުލް އަށް ބާރު ބޮޑުވާނެތީ އަންނަ ސީޒަނުގައި ލީގް ކަޕް ނުބޭއްވުމަކީ ވެސް އެފްއޭ އިން ގެންގުޅެމުން އަންނަ ހިޔާލެކެވެ. މި ހުރިހާ ކަމެއް ފައިނަލް ކުރާނީ ބުރާސްފަތި ދުވަހު އޮންނަ ބައްދަލުވުމުގަ އެވެ.