ކޮރޯނާވައިރަސް (ކޮވިޑް-19) އާ ގުޅިގެން، މި ސީޒަނުގެ ފްރެންޗް ލީގު މުޅިން ހުއްޓާލަން އޮލިމްޕިކް ލިޔޯންގެ ރައީސް ޖީން މިކެލް އައުލާސް ގޮވާލައިފި އެވެ.

ލިޔޯންގެ ރައީސް ފްރެންޗް ލީގު އެއްކޮށް ނިންމާލަން ގޮވާލައިފައިމިވަނީ ކޮވިޑް-19 ވައިރަހުގެ ސަބަބުން ވަގުތީ ގޮތުން ލީގު މެދުކަނޑާލާފައިވަނިކޮށެވެ. ފްރާންސް ފުޓްބޯޅައިގެ މައި އިދާރާ އެލްއެފްޕީ އިން ލީގު މެދުކަނޑާލަން ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ.

އެލްއެފްޕީ އިން ފްރެންޗް ލީގުގެ ކުޅުން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާން ނިންމީ ކޮވިޑް-19 ފްރާންސުން ވެސް ފެނި، ސިއްހީ އަދި ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުގެ މައްޗަށް ރިއާޔަތްކޮށް، ކުޅުންތެރިންނާއި އެހެނިހެން މީހުންގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް އެ އިދާރާ އިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ލީގުގެ ކުޅުން ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައިވާއިރު އަލުން ކުޅުން ފަށާނެ ގޮތަކާއިމެދު އެކި ފަރާތްތަކުގެ މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެއްބަޔަކު ޕްލޭއޮފް މެޗުތައް ކުޅެގެން ޗެމްޕިއަނުންނާއި ރެލިގޭޓްވާނެ ޓީމުތައް ކަނޑައެޅުމަށް ގޮވާލަމުންދާއިރު އަނެއްބަޔަކު ބޭނުންވަނީ ޗެމްޕިއަނެއް ކަނޑަނާޅައި މި ސީޒަނުގެ ލީގު ކެންސަލް ކުރާށެވެ.

ފްރެންޗް ލީގުގައި ވާދަކުރަމުން އަންނަ ލިޔޯންގެ ރައީސް ޖީން މިކެލް އެގައުމުގެ މީޑިއާއަކަށް މައުލޫމާތު ދެމުން ވިދާޅުވީ މިހާރު ޙާލަތު އޮތް ގޮތުން އެންމެ ރަނގަޅު ގޮތަކީ އެއްވެސް ވަނައެއް ހޮވުމެއް ނެތި އަދި ރެލިގޭޝަނެއް ނެތި ލީގު މުޅިން ހުއްޓާލުން ކަމަށެވެ. އަދި ލީގު މެދުކަނޑާލިއިރު ތާވަލުގެ އެންމެ ކުރީގައި އޮތް ހަތަރު ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިވެވޭ ގޮތަށް އުސޫލު ބަދަލުކުރުމަށް ވެސް މިކެލް ވަނީ ގޮވާލާފައެވެ.

" މިހާރު ކަންތައް ކުރަންވީ އެންމެ ރަނގަޅު ގޮތަކީ ލީގު މުޅިން ކެންސަލް ކޮށްލުން. އޭގެ ފަހުން ޙާލަތަށް ރިއާޔަތް ކުރުމަށްފަހު އަލުން އަންނަ ސީޒަން ރަނގަޅަށް ފެށުން. އަހަރެން ގޮވާލަން އެލްއެފްޕީގެ ރައީސަށް މިހެން ކަންތައް ކުރުމަށް، " ޖީން މިކެލް ވިދާޅުވިއެވެ.

ފްރެންޗް ލީގުގެ އެއްވަނައިގައި އޮތީ 68 ޕޮއިންޓް ހޯދައިފައިވާ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އެވެ. ދެވަނައިގައި އޮތީ 56 ޕޮއިންޓް ހަމަކޮށްފައިވާ އޮލިމްޕިކް މާސޭ އެވެ. ތިންވަނައިގައި އޮތީ 50 ޕޮއިންޓާއެކު ރެނެސް އެވެ. ހަތަރުވަނަ ލިބެނީ 49 ޕޮއިންޓާއެކު ލިލް އަށެވެ. ލިޔޯން އޮތީ 40 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ކުޅިވަރުގެ ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު ޔޫރަޕްގެ ބޮޑެތި ހުރިހާ ފުޓްބޯޅަ ލީގެއްހެން ވަނީ މެދުކަނޑާލާފައެވެ. ގާތްގަނޑަކަށް ދެ ވަރަކަށް ހަފުތާ އަށް ބޮޑެތި ހުރިހާ ލީގުތައް މިހާރު ފަސްކޮށްފައިވީ ނަމަވެސް އަލުން ފެށުމަށް ކަނޑައެޅިފައިވާ ތާރީހުގައި ކުޅުން ފެށުން ނާދިރު ކަމަށް ފުޓްބޯޅަ ދިރާސާކުރާ މާހިރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ސަބަބަކީ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވި ބައްޔަށް ޕޮޒިޓިވްވާ މީހުން ދުވަހެއް ދުވަހަަކަށް އިތުރު ވަމުންދާތީ އެވެ.

ލިޔޯންގެ ރައީސްގެ ހިޔާލުފުޅާ އެއްގޮތަށް ލީގުތައް މުޅިން ކެންސަލް ކުރުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫން ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، ޖޫން މަހު ފަށަން ރާވާފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އަންނަ އަހަރަށް ފަސްކުރުމުގެ ފުރުސަތު އެބައޮތެވެ. އެކަމާ ބެހޭގޮތުން މަޝްވަރާކުރާނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އަންގާރަ ދުވަހު ބާއްވާ ޔުއެފާގެ ކުއްލި ބައްދަލުވުމުގަ އެވެ.