މެންޗެސްޓާ ޔުނައިޓެޑުން ފަހަކަށް އައިސް ނެރެމުން އަންނަ ރަނގަޅު ނަތީޖާތަކަކީ އޭނަގެ އެކަނި މަސަތްކަތުން ޙާސިލްކުރެވުނު އެއްޗެއް ނޫން ކަމަށް މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ބުނެފިއެވެ.

މި ސީޒަނުގެ ކުރީކޮޅު ނަތީޖާތައް ދަށްވެގެންދިޔަ ނަމަވެސް މިދިޔަ ޖެނުއަރީ މަހު އަލަށް ގެނައި ކުޅުންތެރިންނާއެކު ޔުނައިޓެޑު ވަނީ އަލުން އެނބުރި ހަމަ މަގަށް އެޅިފައެވެ. ޕޯޗުގަލްގެ ބްރޫނޯ ފެންނާޑޭސް އާއި ނައިޖީރިއާގެ އޮޑިއޮން އިގްހާލޯ ޓީމާ ގުޅުނު ފަހުން އެ ޓީމުން ވަނީ ބަލިނުވެ މިހާތަނަށް 11 މެޗު ހަމަކޮށްފައެވެ.

ޔުނައިޓެޑުގެ ކުޅުން ފާއިތުވެދިޔަ ދުވަސްތަކުގައި ރަނގަޅުވެފައިވާއިރު އެޓީމުން ވަނީ އެންމެ ފަހުން ކުޅުނު މެންޗެސްޓާ ޑާބީގައި ވާދަވެރި ސިޓީ އަތުން 2-0 އިން މޮޅުވެފައެވެ. މި ހުރިހާ މެޗަކުން ވެސް ޔުނައިޓެޑު މޮޅުކޮށްދިނުމުގައި އެންމެ މުހިއްމު ރޯލެއް އަދާކޮށްދިން އެއް ކުޅުންތެރިޔަކީ ބްރޫނޯ އެވެ.

ޖެނުއަރީ މަހު 55 މިލިއަން ޕައުންޑުގެ ފީއެއްގެ ދަށުން ޕޯޗުގަލްގެ ސްޕޯޓިންގް އިން ޔުނައިޓެޑަށް ބަދަލުވުމަށްފަހު ބްރޫނޯ އަންނަނީ ކޮންމެ މެޗެއްގައިހެން ތަފާތު ދައްކަމުންނެވެ. އޭނާ ވަނީ ޔުނައިޓެޑް ޖާޒީގައި އެންމެ ފުރަތަމަ ކުޅެދިން ހަތް މެޗުގައި ތިން ގޯލު ޖަހައިދީ އިތުރު ތިން ގޯލު ޖެހުމުގައި އެހީތެރިވެދީފައެވެ.

އިނގިރޭސި މީޑިއާއަކަށް ދިން ޙާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ބްރޫނޯ ބުނީ އޭނާ ޔުނައިޓެޑާ ގުޅުނު ފަހުން ޓީމުން އާ ހިތްވަރަކާއެކު ކުޅެން ފެށިކަމަށާއި އެހެންނަމަވެސް ޓީމުން މިދިޔަ ދުވަސްތަކުގައި ނެރުނު ރަނގަޅު ނަތީޖާތަކަކީ މުޅި ޓީމުގެ މަސަތްކަތުން ޙާސިލްކުރެވުނު އެއްޗެއް ކަމަށެވެ.

"މީގެ އެއްމަސް ކުރިން ވެސް އޮތީ ހަމަ މި ޓީމް. މިހާރު ވެސް ނެތް އެއްވެސް ތަފާތެއް. އަހަރެން ވަރަށް ބޭނުން ހުރިހާ މެޗެއްހެން ކާމިޔާބުކުރަން. ކާމިޔާބީއަށް ފެންބޮވައިގެންފަ މި ހުންނަނީ. ކޮންމެ މެޗެއްގައިވެސް އަހަންނަށް ކުޅެވުނު އެންމެ ރަނގަޅަށް ކުޅެ ޓީމު މޮޅުކޮށްދެވޭތޯ މަސަތްކަތް ކުރަން. މިދިޔަ މަހު އަހަރެމެން ވަރަށް ރަނގަޅު މެޗުތަކެއް ކުޅެފިން. އެކަމަކު އެއީ އަހަރެންގެ އެކަނި މަސަތްކަތެއް ނޫން. މުޅި ޓީމުގެ އެފަޓް މިއީ. ޔުނައިޓެޑަށް ބޭނުންވަނީ ހިތްވަރު. މޮޅުވުމަށް އެންމެންވެސް މަސަތްކަތް ކުރަންވީ. މިގޮތަށް އެންމެންގެ ފޯކަސް ރަނގަޅުކޮށްފި ނަމަ އަހަރެން ނެތަސް ޔުނައިޓެޑް މޮޅުވާނެ. ސަބަބަކީ އެންމެ ކުޅުންތެރިޔެއްގެ ސަބަބުންނެއް ނޫން ޓީމުގެ ނަތީޖާތައް ރަނގަޅު ވެގެންދަނީ. އަހަރެން މި ކްލަބަށް އައި އިރު އެންމެން ހުރި އެ އަމާޒުގަ ހިފައިގެން. އަހަންނަކީ ޓީމުގެ އެހެން ކުޅުންތެރިންހެން އެ އަމާޒަށް ޔުނައިޓެޑު ގެންގޮސްދިނުމުގައި އެހީވެދޭ ކުޅުންތެރިޔެއް،" ބްރޫނޯ ބުންޏެވެ.

ބްރޫނޯ އިތުރަށް ބުނީ ޔުނައިޓެޑުގެ ކޯޗު އޮލޭ ގުނަ ސޯލްޝެއާ އާއެކު އެ ކްލަބަށް ކާމިޔާބީއާ ހަމައަށް ދަތުރު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ޔުނައިޓެޑާ ގުޅުނު ފަހުން އަދި އެންމެ މަހެއް މިވީ. އެހެންކަމުން އަދި އެހާ ފަސޭހައެއް ނޫން އެއްވެސް ކަމެއް. އެކަމަކު ކޯޗު އަހަންނަށް ވަރަށް ކިޔައިދީ ހަދާ. އެއީ ވަރަށް މުހިއްމު ކަމެއް. އެއީ ވަރިހަމަ ކިތައްމެ ކުޑަ ކަމެއް ނަމަވެސް. މިހާރު ހުރިހާ ކޯޗުންނަކީ ވެސް މޮޅެތި މީހުން. އެކަކު އަނެކަކުގެ އަރިހުން ދަސްކޮށްގެން އެންމެންވެސް އިމްޕްރޫވް ވޭ. ސޯލްޝެއާ އަކީ ކުރީގެ ކުޅުންތެރިއެއް ކަމުން އޭނާ އަށް އިނގޭ ކުޅުންތެރިންނާ ވާހަކަ ދައްކަންވީ ގޮތާއި ވަގުތު،" ބްރޫނޯ ބުންޏެވެ.

ޔުނައިޓެޑް އެންމެ ފަހުން މެޗަކުން ބަލިވެފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. ބާންލީ އަތުން އަމިއްލަ ދަނޑުގައި ބަލިވި މެޗައްފަހު އެޓީމުން ކުޅުނު ހަ ލީގު މެޗުގެ ތެރެއިން ހަތަރު މެޗުން މޮޅުވެފައިވާއިރު އަނެއް ދެ މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ޔުނައިޓެޑް އޮތީ 45 ޕޮއިންޓާއެކު ޕްރެމިއާ ލީގް ތާވަލުގެ ފަސްވަނައިގައެވެ.

ކިޔުންތެރިންގެ ހިޔާލު