ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބު އަންނަ ހުކުރު ދުވަހު ބޭއްވުމަށް އެ އެސޯސިއޭޝަނުން ނިންމައިފިއެވެ

އެފްއޭއެމްގެ އިންތިޚާބު އަންނަ ހުކުރު ދުވަހު އޮންނާނީ ހޮޓެލް ޖެންގަ އެވެ. އިންތިޚާބުގައި އެ އިދާރާގެ ރައީސް ކަމަށް ވާދަކުރައްވަނީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ ބައްސާމް އަދީލް ޖަލީލް އެކަންޏެވެ.

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު އިންތިހާބުގައި ވާދަކުރައްވަން ބޭނުންވާ ފަރާތްތަކަށް އެފްއޭއެމް އިން ހުޅުވާލި ފުރުސަތު ފެބްރުއަރީ 15 ވަނަ ދުވަހަށް ހަމަވިއިރު ރައީސް ކަމަށް ކުރިމަތިލެއްވީ ފުރަތަމަ ޑިވިޝަންގެ ހަ ކުލަބަކާއި ދެ ވަނަ ޑިވިޝަނެއްގެ ތިން ކުލަބެއްގެ އެންޑޯޒްމެންޓާއެކު ބައްސާމް އެކަންޏެވެ.

އެފްއޭއެމްގެ އިންތިހާބަށް އެއް ބޭފުޅަކު ކުރިމަތި ލެއްވުމުން، އިންތިހާބުގައި ކުލަބުތަކުން ވޯޓް ދޭނީ ފެންނަ ނުފެންނަށް ވޯޓަށެވެ.

ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ބައްސާމްގެ އެގެޒެކެޓިވް ކޮމިޓީގައި ސީނިއާ ނައިބު ރައީސް އަކީ، އެފްއޭއެގެ ޑެޕިއުޓީ ޖެނަރަލް ސެކެޓްރީގެ މަގާމުގައި އަދާ ކުރައްވަމުން އަންނަ، ގައުމީ ޓީމުގެ ކުރީގެ ފޯވަޑް އަލީ އުމަރު އެވެ. ނައިބު ރައީސް އަކީ މިހާރުވެސް އެފްއޭއެމްގެ އެކްސްކޯގައި ހިމެނިވަޑައިގަންނަވާ މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.

އެކްސްކޯ މެންބަރުންގެ ތެރޭގައި ހިމެނެނީ، މިހާރުގެ ސީނިއާ ނައިބު ރައީސް އަހްމަދު ޝަކީބު އަދި މިހާރުވެސް އެކްސްކޯ މެންބަރުގެ ގޮތުގައި ހިމެނިވަޑައިގަންނަވަނީ މުހައްމަދު ޝިފާއު، އީގަލްސްގެ ސީއީއޯ މުފާވިޒް ހާޝިމް (މުފާ)، ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަދި ޓީސީ ސްޕޯޓްސް ކުލަބުގެ ކުރީގެ ރައީސް އަހްމަދު ނަޝީދު (ޑޭވް)، ކުލަބު ގްރީން ސްޓްރީޓްގެ ރައީސް މުއާވިޔަތު ހަލީލް އެވެ. އެކްސްކޯގެ އަންހެން މެންބަރެއްގެ ގޮތުގައި ހިމެނި ވަޑައިގަންނަވަނީ އާމިނަތު ޝާނީޒް (ޝާނީ) އެވެ.

ފުރަތަމަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ކްލަބުތަކުގެ ތެރެއިން ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، ޓީސީ ސްޕޯޓްސް ކްލަބް، ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ އަދި ޔުނައިޓެޑް ވިކްޓްރީގެ އިތުރުން ކްލަބް އީގަލްސް ބައްސާމުގެ ފަހަތުގައި އޮތް އިރު ދެވަނަ ޑިވިޝަނުގައި މިފަހަރު ވާދަކުރި ކްލަބުތަކުގެ ތެރެއިން ތިން ކްލަބެއް ވަނީ ބައްސާމަށް ތާއީދު ކުރުމަށް ނިންމައިފައެވެ. ރާއްޖޭގެ އެންމެ ޒަމާންވީ އަދި އެންމެ ކާމިޔާބު ދެ ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ވަނީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފަ އެވެ. އެހެން ކަމުން ކުރިއަށް އޮތް ކޮންގްރެސްގައި ބައިވެރިވުމުގެ ފުރުސަތެއް މި ދެ ކްލަބަށް ނުލިބޭނެއެވެ.

މީގެ ހަތަރު އަހަރު ކުރިން ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)އާ ވައްދަކުރައްވައި އެފްއޭއެމްގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމުގެ ފުރަތަމަ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ. އެފްއޭއެމްގެ އިންތިޚާބު ނޮވެންބަރު 20 ގެ ކުރިން ބާއްވަން އެއެސޯސިއޭޝަންގެ ހިންގާ ޤަވާއިދުގައި ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަހާން

    ތިކަން ކުރަންވާނެ ކޮންމެހެންވެސް.

  2. ރައީސުގެ މީހާ

    މިސްކިތް ބަންދުކޮށްފި އެކަމަކު މިކަކަން މިކުރަނީ..

    ކޮވިޑު ޖެހެނީ ނަމާދު ކުރީމަތޯ..؟ މިކަން ކުރީމަ

    އެޖެންޑާ-19 ޖެހެނީ..

    ކޮވިޑް-19 ނުޖެހޭ ދޯ..