ކޮވިޑް-19 އާ ގުޅިގެން އަންނަ ޖޫން މަހު ފެށުމަށް ތާވަލުކޮށްފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

މުބާރާތް ފަސްކުރަން ނިންމާފައި މިވަނީ ކޮވިޑް-19 ވައިރަސް ޔޫރޮޕްގެ ގިނަ ގައުމުތަކަކަށް ފެތުރިފައި ވަނިކޮށް ވައިރަސް އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުންނެވެ.

މި މުބާރާތް ފަސްކޮށްފައިވާކަން އެންމެ ފުރަތަމަ އިއުލާން ކޮށްފައި ވަނީ ނޯވޭގެ ފުޓްބޯޅަ އެސޯސިއޭޝަނުންނެވެ. ނޯވޭ ހިމެނޭހެން މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަހަރުގެ ޖޫން 12ން ފެށިގެން ޖުލައި 12ގެ ނިޔަލަށް ޔޫރޮޕްގެ 12 ގައުމެއްގައެވެ.

ޔޫރޮޕް ފުޓްބޯޅައިގެ މައި އިދާރާ، ޔޫއެފާ އިން މި މުބާރާތް ފަސް ކުރަން ނިންމާފައިވާކަން ރަސްމީކޮށް އިއުލާން ކޮށްފައި ވަނީ ޔޫރޯގައި ބައިވެރިވާ ގައުމުތަކާއި، ފުޓްބޯޅަ އިދާރާތަކާއި ކޯޗުންގެ އިތުރުން ކުޅުންތެރިންވެސް ވީޑިއޯ ކޯލްގެ ޒަރިއްޔާ އިން ކުއްލި ބައްދަލުވުމެއް ބާއްވައި ވަރަށް ބޮޑަށް މަޝްވަރާ ކުރުމަށް ފަހުގައެވެ.

ކޮވިޑް-19 ހުއްޓުވުމަށް ޔޫރޯ ފަސްކުރުމަށް ނިންމި ކުއްލި ބައްދަލުވުމުގައި ކްލަބުތަކުންނާއި ފުޓްބޯޅަ އެސޯސިއޭޝަންތަކުން ވަނީ މި އަހަރު އެ ގައުމުތަކުގެ ފުޓްބޯޅަ ލީގުތައް ނިންމުމަށް ފުރުސަތު ދޭން އެދިފައެވެ. އެއީ ލީގު އެއްކޮށް ކެންސަލް ކޮށްފިނަމަ އޭގެ ސަބަބުން އެތައް ކްލަބަކަށް ބިލިއަނުން ގެއްލުންވާނެތީއެވެ.

އަންނަ އަހަރުގެ ޔޫރޯ މުބާރާތް ބާއްވަން މިހާރު ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ޖޫން 11ން ފެށިގެން ޖުލައި 11ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

 1. މެންޗަސްޓާ ޔުނައިޓަޑު

  ބައެއް މީހުން މިކަމާ މާޔޫސް ވިއެއްކަމަކު މިކަމުނ ބައެއް ގައުމުތަކަށް ފައިދާ ވާނެއެވެ. އެތަނުން ފާހަގަ ކޮއްލެވޭ އެއް ގައުމަކީ އިނގެރޭސިވިލާތެވެ.
  އެއް އަހަރުގެ މުއްދަތެއްގެ ތެރޭގައި އިނގެރޭސިވިލާތުގެ 'ޕްރޮމިސިންގް ޔަންގް ޕްލޭޔާސް' އައް އިތުރަށް މޮޅު ވާނެއެވެ. ސަންޗޯ، ފޯޑެން، އަދި ގްރީންއުޑް ފަދަ ކުޅުންތެރިން އިތުރަށް މޮޅުވެގެންދާނެއެވެ. އަދި މި ގައުމުގެ އެންމެ މުހިންމު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލު ކުރާ ރަޝްފޯޑު އިންޖަރީއިން ރަނގަޅުވެ، ކުޅުމުގެތެރެއަށް އައުމަށްވެސް ފުރުސަތުލިބެއެވެ.

  ކޮންމެއަކަސް އިނގިރޭސިވިލާތުގެ ސަޕޯޓަރުން، ޔޫރޯ ފަސްކުރީމަ، އެކަމާ ދެރަނުވެ، މިހެން މިކަން ވުމުން މިކަމާ އުފާކުރަންވާނެއެވެ.

  ﷲގެ އިރާދުފުޅުން މިއީ އިނގެރޭސިވިލާތުގެ ފަހަރު!!!

  2
  24