ދެހާސް ފައްސަތޭކައަށްވުރެ ގިނަ ޒުވާނުން ވާދަކުރާ "ޔޫތް ސިޓީ ފުޓްސަލް ކަޕް 2018"ގެ ކުޅުން ކުލަގަދަ ރަސްމިއްޔާތަކާއެކު ފަށައިފިއެވެ.

ހައުސިންގ ޑިވޮލަޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން އިންތިޒާމް ކޮށްގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ "ޔޫތު ސިޓީ ފުޓްސަލް ކަޕް 2018" ފެއްޓުމުގެ ގޮތުން ބޭއްވި ކުލަގަދަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ.

ބަޑި ބޭހުގެ ކުޅިވަރުތަކާއި މުނިފޫހި ފިލުވުމުގެ އައިޓަމްތައް ހިމަނައިގެން "ޔޫތު ސިޓީ ފުޓްސަލް ކަޕް ކިކްއޮފް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައި މުބާރާތަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ލަވައެއް ހުށަހެޅުމާއި، މުބާރާތާއި ގުޅޭ ޚާއްސަ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ.

ސަރުކާރުގެ ބައެއް ވަޒީރުންނާއި މަޖުލިސް މެމްބަރުންނާއި އެޗްޑީސީގެ ވެރިންނާއި އެކޯޕަރޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން، މުބާރާތުގައި ބައިވެރިވި ހުރިހާ ޓީމުތަކުގެ ކުޅުންތެރިންނާއި އޮފިޝަލުން އަދިި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވި ރަސްމިޔާތަށްފަހު، "ޔޫތު ސިޓީ ފުޓްސަލް ކަޕް 2018"ގެ ކުޅުން ވަނީ ރަސްމީކޮށް ފަށާފައެވެ.

ޔޫތު ސިޓީ ފުޓްސަލް ކަޕް ފެށުމުގެ ރަސްމިއްޔާތު – ފޮޓޯ: އެޗްޑީސީ
ޔޫތު ސިޓީ ފުޓްސަލް ކަޕް ފެށުމުގެ ރަސްމިއްޔާތު – ފޮޓޯ: އެޗްޑީސީ

ދެހާސް ފައްސަތޭކައަށްވުރެ ގިނަ ޒުވާނުން ބައިވެރިވެފައިވާ މުބާރާތް ފެށިގެން ދިޔައީ އަންހެން ޑިވިޝަންގައި ވާދަކުރާ ދިވެހި ސިފައިންގެ ކުލަބާއި ޒެނިތު ސްޕޯޓްސް ކުލަބް ބައްދަލުކުރިމެޗުންނެވެ.

މެޑަމް ފާތިމަތު އިބްރާހީމް ޝަރަފްވެރިކޮށްދެއްވި ފޯރިގަދަ މެޗު، އެކެއް ސުމެއްގެ ހަނިތަފާތުން ކާމިޔާބުކޮށް ޒެނިތް ސްޕޯޓްސް ކްލަބުން ވަނީ މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ.

މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗްގައި ވާދަ ކުރީ ދާއެޅުން ޕްރޯ އާއި ޑެސްޕަރާޑޯ އެފްސީއެވެ. މި މެޗްގެ ފުރިހަމަ ވަގުތުގެ ކުޅުން ހަމަވިއިރު، ދޭއް ދޭއްގެ ނަތީޖާއިން އެއްވަރުވެފައި ވާތީ، ނަތީޖާ ނެރެން ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި ތިނެއް ދޭއްގެ ނަތީޖާއައިން ކުރި ހޯދީ ޑެސްޕަރާޑޯ އެފްސީއެވެ.

މިހާތަނަށް ރާއްޖޭގައި ބާއްވާ އެއްމެ ބޮޑު ފުޓްސަލް މުބާރާތުގައި 136 ޓީމް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ޑިވިޝަނުގައި ވާދަކުރާ 120 ޓީމާއި، އަންހެން ޑިވިޝަންގައި ވާދަކުރާ 16 ޓީމެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ބުރާއި ދެވަނަބުރު ކުޅެން ހަމަޖެހިފައިވަނީ ނޮކް އައުޓު އުސޫލުންނެވެ. އެގޮތުން މުބާރާތުގެ ފިރިހެން ބައިގެ ފުރަތަމަ ބުރުގައި ފަސްދޮޅަސް މެޗު ކުޅެން ހަމަޖެހިފައިވާ އިރު، އެ މެޗުތަކުން މޮޅުވާ ތިރީސް ޓީމު ދެވަނަ ބުރަށް ދަތުރު ކުރާނެއެވެ. އަދި އެ ތިރީސް ޓީމުގެ ތެރެއިން ފަނަރަ ޓީމަށް ގަދަ ސޯޅައިން އިން ޖާގަ ލިބޭނެއެވެ.

މުބާރާތުގެ ދެ ޑިވިޝަންގެވެސް ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ވާދައިގެ ތަށި ހުށަހަޅާފައިވާއިރު ރަނައަޕް ޓީމަށް ފަންސާސް ހާސް ރުފިޔާ އަދި ފެއަރ ޕްލޭޓީމަށް ފަންސަވީސްހާސް ރުފިޔާގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.