ފުޓްބޯޅައިގެ ދާއިރާ އިން އާސެނަލްގެ ކޯޗު އާސެން ވެންގާ ރިޓަޔާ ނުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ވެންގާއާ ބޮޑު ވާދަވެރި ކަމެއް އޮންނަ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފިއެވެ.

އާސެނަލްގައި 21 އަހަރު ހޭދަކުރުމަށްފަހު ވެންގާ ވަނީ މި ސީޒަނަށްފަހު އެ ކްލަބުގެ ކޯޗުކަމުގެ މަގާމު ދޫކޮށްލަން ނިންމާފައެވެ.

އާސެނަލް ދޫކޮށްލުމަށްފަހު ވެންގާ ދެން ކަންތައްތަށް ކުރާނެ ގޮތެއް އަދި ނިންމާފައި ނުވާއިރު މޮރީނިއޯ ވަނީ ފުޓްބޯޅައިގެ ދާއިރާ އިން ވެންގާ ރިޓަޔާ ނުކުރާނެ ކަމަށް އުއްމީދުކުރާ ކަމަށް ބުނެފައެވެ.

"އާސެނަލް ދޫކޮށްލަން ނިންމި ނިންމުމާ މެދު ވެންގާ އުފާވާނަމަ އެކަމާ އަހަރެން ވެސް ހުންނާނީ އުފަލުން. އެ ނިންމުމާ މެދު ވެންގާ ދެރަވާނަމަ އަހަރެން ވެސް އެކަމާ ދެރަވާނެ. އަހަރެން އަބަދުވެސް އެދޭނީ އަހަރެންގެ ވާދަވެރިންނަށް ރަނގަޅު ގޮތް. ވެންގާ އާސެނަލް އަށް ކޮށްދިން ކަންތައްތައް އެންމެންނަށް ވެސް އިނގޭނެ. އަހަރެން އުއްމީދު ކުރަން ވެންގާ ފުޓްބޯޅަ އިން ރިޓަޔާ ނުކުރާނެ ކަމަށް" މޮރީނިއޯ ބުންޏެވެ.

ވެންގާ އާސެނަލް ދޫކޮށްލަން ނިންމިއިރު އޭނާ އެ ކްލަބާ އެކު ހަދާފައިވާ ކޮންޓްރެކްޓްގައި ބާކީ އަދި އެއް އަހަރު އެބައޮތެވެ.

އުމުރުން 68 އަހަރުގެ ވެންގާ ވަނީ ޕްރިމިއަރ ލީގުގައި އާސެނަލް އަށް 824 މެޗުގައި މިހާތަނަށް ކޯޗުކޮށްދީފައެވެ. އޭގެތެރެއިން 474 މެޗުން އާސެނަލް މޮޅުވިއިރު 151 މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

ވެންގާގެ އިރުޝާދުގެ ދަށުން ކުޅެ އާސެނަލް އިން ވަނީ ތިން ފަހަރެއްގެ މަތިން ޕްރިމިއަރ ލީގު ކާމިޔާބުކޮށްފައެވެ.