އިޓަލީގެ ޔުވެންޓަސް އަށް ކުޅެމުން އަންނަ ފްރާންސްގެ މިޑްފީލްޑަރު ބްލެއިޒް މަޓުއިޑީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މަޓުއިޑީ ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވިކަން ޔުވެންޓަސް އިން ވަނީ ކަށަވަރުކޮށްދީފައެވެ. މިއީ އެ ކްލަބުން މި ވައިރަހަށް ޕޮޒިޓިވްވި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން މިދިޔަ ހަފުތާގެ ބުދަ ދުވަހު ޑިފެންޑަރު ޑެނިއެލް ރުގާނީ ވައިރަހަށް ޕޮޒިޓިވްވެ ވަނީ އެކަހެރިކޮށްފައެވެ.

ޔުވެންޓަސްގެ ދެ ކުޅުންތެރިންގެ އިތުރުން ވެސް އިޓާލިއަން ލީގުން ވަނީ ވައިރަހުގެ ގިނަ ކޭސްތަކެއް ފެނިފައެވެ. އެގޮތުން ފިރޮރެންޓީނާގެ ދުސަން ވްލާހޮވިޗް އާއި ޕެޓްރިކް ކުޓްރޯނޭގެ އިތުރުން ސަމްޑޯރިއާގެ އޮމަރް ކޮލީ، އަލްބިން އެކްދަލް، އެންޓޯނިއޯ ލާ ގުމީނާ، މޯޓެން ތޯސްބައި އަދި މަނޯލޯ ގަބިއާޑިނީ އަށް ވަނީ ކޮވިޑް-19 ބަލި ޖެހިފައެވެ. ޔޫރަޕްގެ ބޮޑު ފަސް ލީގުގެ ތެރެއިން ވައިރަހުގެ އެންމެ ގިނަ ކޭސް ފެނިފައިވަނީ އިޓާލިއަން ލީގުންނެވެ. އިޓަލީ އަކީ ޔޫރަޕް ސަރަހައްދުން ވައިރަހުގެ އަސަރު އެންމެ ބޮޑަށް ކުރަމުން އަންނަ ގައުމެވެ. އެގައުމުން މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 31506 އަށް އަރާފައިވާއިރު މި ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 2500 އަށްވުރެ މަތީގައެވެ.

އެއްވެސް ކޮންޓްރޯލެއް ނެތި ފެތުރެމުންދާ ކޮވިޑް-19 މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް މިހާރު ބަދަލުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ހާމަކޮށްފައިވާއިރު މިކަމުގެ ސަބަބުން ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ވަނީ ކުރިމަތިވެފައެވެ. ވައިރަހުގެ ސަބަބުން މުޅި އިޓަލީ ލޮކްޑައުން ކޮށްފައިވާއިރު އެގައުމުގައި ވަނީ ކުޅިވަރުގެ ހުރިހާ ހަރަކާތްތައް އަންނަ އެޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް ހުއްޓާލާފައެވެ. ޔޫރަޕުގެ ބޮޑު ފަސް ލީގުގެ ތެރޭގައި ދެން ހިމެނޭ އިނގިރޭސި ޕްރެމިއާ ލީގާއި، ސްޕެނިޝް ލީގާއި، ފްރެންޗު ލީގުގެ އިތުރުން ޖަރުމަން ލީގުވެސް ވަނީ އަންނަ އެޕްރިލް މަހުގެ 4 ގެ ނިޔަލަށް މެދުކަނޑާލާފައެެވެ.

ބޮޑެތި ހުރިހާ ލީގުތަކެއްހެން ފަސްކޮށްފައިވާއިރު، ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވި ބައްޔަށް ޕޮޒިޓިވްވާ މީހުން ދުވަހެއް ދުވަހަަކަށް އިތުރު ވަމުންދާތީ ލީގުތައް އަލުން ހުޅުވުމަށް ކަނޑައަޅާފައިވާ ތާރީހުގައި ފެށުން ނާދިރު ކަމަށް އެކި ފަރާތްތަކުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ލީގުތައް ފުރިހަމަ ނުކުރެވުމުގެ ބިރު އޮތްއިރު އެކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ޔުއެފާ އިން ވަނީ އަންނަ ޖޫން މަހު ފެށުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް އަންނަ އަހަރަށް ފަސްކޮށްފައެވެ. ޔުއެފާގެ މި ނިންމުމާއެކު އަންނަ ޖޫން މަހުގެ 30ގެ ނިޔަލަށް ލީގުތަކުގެ ބާކީ ހުރި މެޗުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ގައުމުތަކަށް ލިބިގެންދާނެ އެވެ. ޔުއެފާ އިން މިހެން ނިންމީ ވީޑިއޯ ކޮންފަރެންސުގެ އެހީގައި މެންބަރު ގައުމުތަކާއެކު އިއްޔެ ބޭއްވި ކުއްލި ބައްދަލުވުމެއްގައެވެ.