ބާސެލޯނާގެ ތަރި ލަޔަނަލް މެސީ އާއި ޖުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ތެރެއިން ދުނިޔޭގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ކާކު ކަމާމެދު ސަޕޯޓަރުން ހިޔާލު ފާޅު ނުކުރާ ދުވަހެއް ނާދެއެވެ. އެއްބަޔަކު މެސީއަށް ތާއީދު ކުރާއިރު އަނެއް ބަޔަކު ބުރަވަނީ ރޮނާލްޑޯގެ ކޮޅަށެވެ. މި ސުވާލަށް ދޭތެރެ ދޭތެރެއިން ފުޓްބޯޅަ ތަރިން ވެސް ޖަވާބުދެއެވެ. އެގޮތުން އެންމެ ފަހުން މިއަށް ޖަވާބު ދިނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ގުންޑޮގަންއެވެ.

މިވަގުތު ދުނިޔޭގައި ތިބި އެންމެ މޮޅު ތިން ކުޅުންތެރިންނަކީ ކޮބައިތޯ އަހައި ޓްވިޓާގައި މީހަކު ގުންޑޮގަންއާ ކުރި ސުވާލަކަށް ޖަވާބު ދެމުން ޖަރުމަން ކުޅުންތެރިޔާ ބުނީ އޭނާގެ ނަޒަރުގައި އެންމެ މޮޅީ މެސީ ކަމަށާއި ދެވަނަ ކުޅުންތެރިއަކީ ޓީމް މޭޓް ކެވިން ޑްބްރައިން ކަމަށެވެ. އަދި ތިންވަނަ ކުޅުންތެރިއެއްގެ ގޮތުގައި ގުންޑޮގަން ފާހަގަކުރީ ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕެއެވެ.

ގުންޑޮގަންގެ އެއްވަނަ ކުޅުންތެރިޔާ މެސީ އަކީ ގިނަބަޔަކު އިއްތިފާގުވާ ގޮތުން ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާއެވެ. ރެކޯޑު އަދަދަކަށް މޮޅު ކުޅުންތެރިޔާގެ އެވޯޑާއި ރަން ބޫޓު ޙާސިލްކޮށްފައިވާ މެސީ އަށް މިސީޒަނުގައި އަދި މިހާތަނަށް އޭނާގެ އަސްލު ފެންވަރެއް ދެއްކިފައިނުވެއެވެ. އެހެން ސީޒަންތަކާ އަޅާބަލާއިރު މިފަހަރު ކުޅުން ދަށްވި ނަމަވެސް މެސީ އަންނަނީ ލީގުގެ ލަނޑު ލިސްޓު ލީޑު ކުރަމުންނެވެ. މި ސީޒަނަށްފަހު މެސީ ބާސާ ދޫކޮށްލަން އުޅޭ ކަމުގެ އަޑުތައް ވެސް އަންނަނީ ގަދަވަމުންނެވެ.

ގުންޑޮގަންގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭ މެސީގެ އިތުރުން އެމްބާޕެއާ ޑެބްރައިން ހިމެނުނުއިރު މި ލިސްޓުން ޔުވެންޓަސްގެ ފޯވަޑް ރޮނާލްޑޯ ބާކީ ވުމުން ގިނަބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ. އުމުރުން މިހާރު 35 އަހަރު ވެފައިވީ ނަމަވެސް ރޮނާލްޑޯ އަދިވެސް އަންނަނީ އެންމެ މަތީ ފަންތީގައި ކުޅެ އޭނާގެ ހުނަރު ދައްކަމުންނެވެ. ސެރިއާގައި މިސީޒަނުގައި މިހާތަނަށް ކުޅެދިން 22 މެޗުގައި 21 ގޯލު ޖަހައިދީފައިވާ ރޮނާލްޑޯ އަކީ 2020 ވަނަ އަހަރު ފެށުނު ފަހުން ޔޫރަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއެވެ. ޙާއްސަކޮށް ފްރާންސް ފުޓްބޯޅަ އިން ހޮވި މިދިޔަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު މެސީ ރެކޯޑު ހަވަނަ ފަހަރަށް މިދިޔަ ޖެނުއަރީ މަހު އުފުލާލި ފަހުން ރޮނާލްޑޯ އަންނަނީ ތަފާތު ދައްކަމުންނެވެ. ސެރިއާގައި ޖެހިޖެހިގެން 11 މެޗުގައި ގޯލް ޖަހައިގެން ރޮނާލްޑޯ ވަނީ އިޓާލިއަން ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ލަނޑު ޖަހައިގެން 1995/1994 ގެ ސީޒަނުގައި ގެބްރިއަލް ބަޓިސްޓޫޓާ އަދި 2019 ގައި ފަބިއޯ ކުއަގްލިއަރެއްލާ ހެދި ރެކޯޑާ ވެސް އެއްވަރުކޮށްފައެވެ.

ޕްރޮފެޝަނަލް ކެރިއަރުގައި މިހާތަނަށް 1000 މެޗު ކުޅެފައިވާ ރޮނާލްޑޯ އަކީ މިސީޒަނުގެ ބެލޮންޑިއޯ އެވޯޑާއި ޔޫރަޕްގެ ރަން ބޫޓަށް ވެސް އެންމެ ގާތުން ވާދަކުރަމުން އަންނަ އެކެކެވެ.