ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުންދާ ކޮވިޑް-19 ވައިރަހާ ހެދި އޭއެފްސީ ކަޕާއި އޭޝިއަން ޗެމްޕިއަންސް ލީގުގެ މެޗުތައް ފަސްކުރަން އޭޝިއާގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ (އޭއެފްސީ) އިން ނިންމައިފި އެވެ.

އޭއެފްސީން މިކަން ހާމަކޮށްފައިވަނީ އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައެވެ. މި ނިންމުން ނިންމީ މި މަހުގެ ކުރީކޮޅު ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި މި މަހާއި އެޕްރިލް މަހު ކުޅެން ހަމަޖެހިފައި އޮތް މެޗުތައް އެ އިދާރާ އިން ފަސްކޮށްފައި ވަނިކޮށެވެ.

އޭއެފްސީ ކަޕްގައި މިފަހަރު ރާއްޖޭގެ ދެ ޓީމެއް ވާދަކުރެ އެވެ. ދެކުނު އޭޝިޔާ ސަރަހައްދުގެ ޓީމުތަކަށް ހާއްސަ ގްރޫޕުގައި ހިމެނޭ ރާއްޖޭގެ ދެ ޓީމަކީ މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މި ދެޓީމު ވެސް ވަނީ މިހާތަނަށް އެއް މެޗު ކުޅެފައެވެ. ފުރަތަމަ މެޗުގައި މި މަހުގެ 12 ވަނަ ދުވަހު ޓީސީ ނުކުތީ ބަންގްލަދޭޝްގައި އެ ގައުމުގެ ބަޝުންދަރާ ކިންގްސްއާ ދެކޮޅަށެވެ. އެ މެޗުން ޓީސީ ބަލިވީ 5-1 އިންނެވެ. އަނެއްކޮޅުން ހަމަ އެ ދުވަހު އިންޑިއާގައި އެ ގައުމުގެ ޗެއްނާއީ ސިޓީއާ ދެކޮޅަށް މާޒިޔާ ކުޅުނު މެޗު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރު ވެގެންނެވެ.

ޗެއްނާއީއާ ދެކޮޅަށް ކުޅުމަށް ފަހު މާޒިޔާ އެނބުރި މާލެ އައިސްފައިވާއިރު ބަންގްލަދޭޝްގެ މެޗު ނިންމާލުމަށް ފަހު ޓީސީގެ ކުޅުންތެރިން ވަނީ އަވައްޓެރި ސްރީލަންކާގައި ކަރަންޓީނުކޮށްފައެވެ. ބަންގްލަދޭޝް އިން ވެސް ކޮވިޑް-19 ފެނިފައިވާއިރު އެ ގައުމުން އަންނަ މީހުން ރާއްޖެއަށް އެތެރެވުން ވަގުތީ ގޮތުން ދިވެހި ސަރުކާރުން ވަނީ މަނާކޮށްފައެވެ.

އޭއެފްސީ ކަޕްގެ ޝެޑިއުލް އަށް ގެނައި ބަދަލުތަކާއެކު އަންނަ މަހު 14 ވަނަ ދުވަހާއި 15 ވަނަ ދުވަހު މާލޭގައި ކުޅެން އޮތް ދެ މެޗެއް ވަނީ ފަސްވެފައެވެ. 14 ވަނަ ދުވަހު ކުޅެން އޮތީ މާޒިޔާ އާއި ބަޝުންދަރާ ވާދަކުރާ މެޗެވެ. އަދި ޖެހިގެން އަންނަ ދުވަހު ޓީސީ ބައްދަލުކުރަން އޮތީ ޗެންނާއީއާ އެވެ.

ރާއްޖޭގައި ކޮވިޑް-19 އިތުރަށް ފެތުރުން ހުއްޓުވުމުގެ ގޮތުން ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި، ކުޅޭ ތަންތަން ބަންދު ކުރަން ކުޅިވަރާ ބެހޭ މިނިސްޓްރީން ވަނީ ނިންމައިފައެވެ. އެފްއޭއެމުން ފުޓްބޯޅަ ހަރަކާތްތަކާއި ޓްރެއިނިންތައް މެދުކަނޑާލައިފައިވާއިރު އެތްލެޓިކްސް އަދި ބެޑްމިންޓަންގެ ހަރަކާތްތައް ވެސް ވަނީ ހުއްޓާލާފައެވެ.

ކުޅިވަރު އެސޯސިއޭޝަންތަކުގެ ހަރަކާތްތައް މެދުކަނޑާލަން ނިންމީ ކޮވިޑް-19 ރާއްޖޭން ފެނިގެން، ސިއްހީ އަދި ކަމާބެހޭ ފަރާތްތަކުން ދިން އިރުޝާދުގެ މައްޗަށް ރިއާޔަތްކޮށް، ކުޅުންތެރިންނާއި މުޖުތަމައުގެ އާއްމު ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށް އެސޯސިއޭޝަންތަކުން މައުލޫމާތުދެއެވެ. އަދި މިގޮތަށް ފަސްކުރެވޭ ހަރަކާތްތައް، މުޖުތަމައުގެ ސިއްހީ ހާލަތަށް އަންނަ ބަދަލާއި، ކަމާބެހޭ ފަރާތްތަކުގެ ލަފަޔާއި އިރުޝާދަށް ބަލައި ފަހުގެ ތާރީހުތަކަށް ރީޝެޑިއުލްކޮށް އަލުން އިއުލާނު ކުރާނެ ކަމަށް އެ އެސޯސިއޭޝަން ތަކުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 13 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. ވައިރަހުގެ ސަބަބުން މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު މި މަހު 19-26 އަށް ސަރުކާރުގެ އޮފީސްތައް ވެސް ބަންދުކުރަން ވަނީ ނިންމައިފަ އެވެ.