ދުނިޔޭގައި ހަލުއިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19ގެ ސަބަބުން އިނގިރޭސި ޕްރެމިއާ ލީގް މުޅިން ކެންސަލް ކޮށްލަން ޖެހިއްޖެ ޙާލަތެއްގައި ލިވަޕޫލަށް ޗެމްޕިއަންކަން ދޭން އެއްބަހެއް ނުވާނެ ކަމަށް ޔުއެފާ ރައީސް އެލެކްސެންޑާ ކެފެރިން ވިދާޅުވެއްޖެއެވެ.

ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާގެ ރައީސް ކެފެރިން މިހެން ވިދާޅުވީ ކޮވިޑް-19 ވައިރަހާ ހެދި ފުޓްބޯޅަ ލީގުތައް ކުރިއަށް ނުގެންދެވި މި ސީޒަން ކެންސަލް ކޮށްލަން ޖެހިއްޖެ ޙާލަތެއްގައި ޕްރެމިއާ ލީގު ތާވަލު ލީޑު ކުރަމުން އަންނަ ލިވަޕޫލަށް ޗެމްޕިއަންކަން ދިނުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށެވެ. ވައިރަހުގެ ސަބަބުން ލީގުތައް މެދުކަނޑާލިއިރު، ކޮންމެ ލީގެއްގެ ވެސް އެއްވަނައިގައި އޮތް ކްލަބަށް ޗެމްޕިއަންކަން ދީ ސީޒަން ނިންމާލަން ޔުއެފާއާ ގުޅިގެން ފުޓްބޯޅަ އެސޯސިއޭޝަންތަކުން މަސަތްކަތް ކުރަމުންދާ ކަމަށް އެކި އެކި ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

އެހެންނަމަވެސް ކެފެރިން ވަނީ މި ހުރިހާ ވާހަކަތަކެއް މުޅިން ދޮގުކޮށްފައެވެ. އޭނާ ވިދާޅުވީ ޔުއެފާ އިން އެއްވެސް އެސޯސިއޭޝަނަކަށް އެފަދައިން ކަންތައް ކުރުމަށް ބާރު އަޅާފައި ނުވާނެ ކަމަށާއި އެ އިދާރާގެ އަމާޒަކީ މި ސީޒަން އެއްކޮށް ފުރިހަމަ ކުރުން ކަމަށެވެ.

" އަހަންނަށް އަޑު އެބައިވޭ ބައެއް މީހުން ޔުއެފާ އޭ ކިޔައިގެން ދައްކަމުން އަންނަ ދޮގު ވާހަކަތައް. ޔުއެފާ އިން ބާރު އަޅަނީ މިވަގުތު ލީގުތަކުގެ އެއްވަނައިގައި އޮތް ޓީމުތަކަށް ޗެމްޕިއަންކަން ދިނުމަށޭ ކިޔައިގެން މި ފެތުރެނީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން. އެއްވެސް ޙާލަތެއްގައި ނުހުންނާނެ އެއްވެސް ގައުމެއްގެ އެފް އޭ އަކަށް އެހެން ކަންތައް ކުރުމަށް އެދިފައެއް ވެސް. އަހަރެމެންގެ އަމާޒަކީ މުޅި މިސީޒަން އެއްކޮށް ފުރިހަމަ ކުރުން، " ކެފެރިން ވިދާޅުވިއެވެ.

ވައިރަހުގެ ސަބަބުން ޕްރެމިއާ ލީގުގެ ކުޅުން އިނގިރޭސި އެފްއޭ އިން މެދުކަނޑާލީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެންމެ ކުރީގައި ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑެއްގައެވެ. އެ ޓީމަށް ވަނީ 82 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ނުވަ މެޗު އޮތްއިރު ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ.

ވައިރަހުގެ ސަބަބުން ލީގު މުޅިން ކެންސަލް ކުރަން ޖެހިދާނެ ކަމުގެ އަޑުތައް ގަދަވި ނަމަވެސް ޔުއެފާ އިން މެންބަރު ގައުމުތަކާއެކު މިދިޔަ އަންގާރަ ދުވަހު ބޭއްވި ކުއްލި ބައްދަލުވުމުގައި، އަންނަ ޖޫންގައި ފެށުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ފަސްކުރަން ނިންމި ނިންމުމާއެކު މި ސީޒަނުގެ ލީގުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ވަރަށް ބޮޑަށް ހުޅުވިގެންގޮސްފައެވެ. ޔޫރަޕުގެ ގައުމުތަކުގެ ޑޮމެސްޓިކް ލީގުތަކާއި އެހެނިހެން މުބާރާތްތައް އެންމެ ލަސްވެގެން މި އަހަރުގެ ޖޫން މަހުގެ 30 ގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރުމަށް ޔުއެފާއިން ވަނީ ކުލަބުތައް ގާތުން އެދިފައެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ބޮޑު ފަސް ލީގު ވެސް މެދުކަނޑާލާފައިވާއިރު، މި ޙާލަތުން އަރައިގަނެ ލީގުތައް އެންމެ އަވަހަށްވެސް ފެށޭނެކަމަށް ބެލެވެނީ އަންނަ މޭ މަހުގެ ތެރޭގައެވެ.