އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޕޯޓްސްމައުތް އެފްސީގެ ތިން ކުޅުންތެރިޔަކު ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރޯގާ އަށް ފައްސި (ޕޮޒިޓިވް) .ވެއްޖެއެވެ

ޕޯޓްސްމައުތުން ވައިރަހަށް ފައްސިވި ތިން ކުޅުންތެރިންނަކީ ޖޭމްސް ބޮލްޓޮންއާ އޭންޑީ ކެނަން އަދި ޝޯން ރަގެޓްއެވެ. މި ތިން ކުޅުންތެރިންނަށް ބަލި ޖެހިފައިވާކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ.

ޕޯޓްސްމައުތުގެ ޗީފް އެގްޒެކެޓިވް މާކް ކެޓްލިން ބުނީ މިދިޔަ ހަފުތާގައި އެ ކްލަބުގެ ހުރިހާ ކުޅުންތެރިންނާއި ސްޓާފުން ހިމެނޭހެން، ކޮވިޑް-19 އަށް ޓެސްޓް ކޮށްފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް ލިބިފައިވަނީ އޭގެ ތެރެއިން 50% މީހުންގެ ނަތީޖާ ކަމަށެވެ.

މާކް އިތުރަށް ބުނީ ވައިރަހަށް ފައްސިވި ތިން ކުޅުންތެރިންގެ ހާލަތު ކްލަބުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށާއި ކްލަބުގެ ހުރިހާ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅަމުން ގެންދާނެ ކަމަށެވެ.

"ބަލި ޖެހުނު ތިން ކުޅުންތެރިންގެ ޙާލަތު ވެސް ރަނގަޅު. ވައިރަހުގެ އަލާމާތްތައް ވަރަށް ކުޑަކޮށް ފެންނަން ހުރީ. އެމީހުންގެ ކަންތައްތައް ވަރަށް ގާތުން ކްލަބުން ބަލަމުން އެބަ ގެންދޭ. މި ކްލަބުގެ ކުޅުންތެރިންނާއި ސްޓާފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސަތްކަތެއް އަހަރެމެން ކުރާނަން. އެކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް އަހަރެން ދެން،" އިނގިރޭސި މީޑިއާތަކާ ވާހަކަ ދައްކަމުން މާކް ބުންޏެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ސަބަބުން ކުޅިވަރުގެ ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު ޔޫރަޕްގެ ބޮޑެތި ހުރިހާ ފުޓްބޯޅަ ލީގުތަކެއްހެން ވަނީ މެދުކަނޑާލާފައެވެ.

ގާތްގަނޑަކަށް ފަސް ވަރަކަށް ހަފުތާ އަށް ބޮޑެތި ހުރިހާ ލީގުތައް މިހާރު ފަސްކޮށްފައިވީ ނަމަވެސް އަލުން ފެށުމަށް ކަނޑައެޅިފައިވާ ތާރީހުގައި ކުޅުން ފެށުން ނާދިރު ކަމަށް ފުޓްބޯޅަ ދިރާސާކުރާ މާހިރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ސަބަބަކީ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވި ބައްޔަށް ފައްސިވާ މީހުން ދުވަހެއް ދުވަހަަކަށް އިތުރު ވަމުންދާތީއެވެ.

ކޮވިޑް-19 ބަލި ޖެހުނު މީހުންގެ އަދަދު 220،000 އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ. މި ބަލީގައި މިހާތަނަށް 8،982 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.