ކޮރޯނާވައިރަސް ނުވަތަ ކޮޮވިޑް-19 ރޯގާ އަށް އިޓަލީގެ އޭސީ މިލާނުގެ ކުރީގެ ކެޕްޓަން ޕައޮލޯ މަލްޑިނީ އަދި އޭނާގެ ދަރިފުޅު ޑެނިއަލް މަލްޑިނީ ފައްސި (ޕޮޒިޓިވް) ވެއްޖެ އެވެ.

އޭސީ މިލާނުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި މަލްޑިނީ އާއި އޭނާގެ ދަރިފުޅު ޑެނިއެލް ވައިރަހަށް ފައްސިވިކަން އެ ކްލަބުން ވަނީ ކަށަވަރުކޮށްދީފައެވެ. އެކަމާ ގުޅޭގޮތުން އެ ކްލަބުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދެބަފައިން މިހާރު ހުރީ އެކަހެރިކޮށްފައި ކަމަށާއި އެ ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އޭސީ މިލާނަށް ކުރިން ކުޅުނު ޕައުލޯ މަލްޑިނީ އަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންޑަރެވެ. 1984 އިން ފެށިގެން 2009 ގެ ނިޔަލަށް އޭސީ މިލާން ޖާޒީގައި މަލްޑިނީ ވަނީ 900 އަށް ވުރެ ގިނަ މެޗު ކުޅެފައެވެ. މިލާނާއެކު އިޓާލިއަން ލީގު ހަތް ފަހަރު އަދި ޗެމްޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބުކުރި މަލްޑިނީ ވަނީ އިޓަލީ ގައުމީ ޓީމާއެކު 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ހޯދައިފައެވެ. އޭސީ މިލާންގެ ތާރީހުގައިވެސް އެ ކްލަބް ދުށް އެންމެ ކާމިޔާބު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި މަލްޑިނީ ހިމެނޭއިރު، އޭނާގެ 18 އަހަރުގެ ދަރިފުޅު ޑެނިއެލް ވެސް ފުޓްބޯޅަ ކެރިއަރު ފަށާފައިވަނީ އެ ކްލަބުންނެވެ. މިލާންގެ 19 އަހަރުން ދަށުން ޓީމަށް ކުޅެމުން އަންނަ ޑެނިއެލް ވަނީ މިސީޒަނުގައި އެ ކްލަބުގެ ސީނިއާ ޓީމަށް އެއް މެޗު ކުޅެދީފައެވެ.

ޕައޮލޯ އަދި ޑެނިއެލް މަލްޑިނީ ވައިރަހަށް ފައްސިވިއިރު ޔުވެންޓަސްގެ ފޯވާޑް ޕައުލޯ ޑިބާލާވެސް ވަނީ ރޭގެ ވަގުތެއްގައި މި ބައްޔަށް ފައްސިވެފައެވެ. އެކަން ހާމަކޮށް ޑިބާލާ ރޭ ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އަށް ކުރި ޓެސްޓުގެ ނަތީޖާ ލިބިފައިވާ ކަމަށާއި، އޭނާ އާއި އޭނާގެ ލޯބިވެރިޔާ އޮރިއާނާ ސަބާޓިން ވެސް ވައިރަހަށް ފައްސިވެފައިވާ ކަމަށެވެ. އެކަމަކު ދެ މީހުންގެ ހާލުވެސް މިވަގުތު ރަނގަޅު ކަމަށް ޑިބާލާ ވަނީ ބުނެފަ އެވެ.

އިޓަލީ އަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރެމުން އަންނަ ގައުމެވެ. އެގައުމުން މިހާތަނަށް ވައިރަހުގެ 60000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު 4900 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިޓަލީ ސަރުކާރުން ވަނީ ބޯޑަރު ލޮކްޑައުންކޮށް އެގައުމުގައި ކުރިޔަށްދާ ކުޅިވަރު ހަރަކާތްތައް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖަހާންގީރު

    ފަލަސްތީނުގެ މުސްލިމުންތައް މަރާ ސުންނާފަތި ކުރާއިރު އެކަމަށް ހިތްވަރުދޭ ބައެއް އިޔޫރަޕް އަކީ ތި އެންމެނަށް މުސީބާތްޖެހުނަސް އަހުރެންގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރާނެ މުޅި އިޔޫރަޕާއި އެމެރިކާއަށް ގެއްލުމާއި ހަލާކު މިންވަރުކުރައްވާށި އާމީން