ލިވަޕޫލްގެ ފަހަތަށް ކުޅެމުން އަންނަ ކްރޮއޭޝިޔާގެ ޑިފެންޑަރު ޑެޖަން ލޮވްރެން ހޯދުމުގެ މަސައްކަތް އާސެނަލްގެ އިތުރުން ޓޮޓެންހަމުން ފަށައިފިއެވެ.

މީގެ ހަ އަހަރު ކުރިން ސައުތޭމްޓަން އިން ލިވަޕޫލާ ގުޅުނު ސެންޓަ ބެކް ހޯދުމުގެ މަސަތްކަތް ލަންޑަންގެ ދެ ކްލަބުން ފަށާފައިވާއިރު ލިވަޕޫލުން ބޭނުންވަނީ 20 މިލިއަން ޔޫރޯ އަށް ވުރެ ކުޑަ ނޫން އަގަކަށް ލޮވްރެން ވިއްކާލާށެވެ. އިނގިރޭސި ރިޕޯޓްތައް ބުނާ ގޮތުން ދެން އަންނަ ޓްރާންސްފާ ބާޒާރެއްގައި ޓޮޓެންހަމްގެ ކޯޗު ޖޯސޭ މޮރީނިއޯ އެ ކްލަބަށް ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓުގައި ލޮވްރެން ހިމެނެއެވެ. އަނެއްކޮޅުން އާސެނަލްގެ ގިނަ ޑިފެންޑަރުންތަކަކަށް އަނިޔާގެ ބޮޑެތި މައްސަލަތަކާއި ކުރިމަތިވެފައިވާތީ ކޯޗު މިކެލް އާޓެޓާގެ ލޯ ވެސް އުމުރުން 31 އަހަރުގެ ލޮވްރެން އަށް ވަނީ އަމާޒުވެފައެވެ.

ލިވަޕޫލްގައި އޭނާ ހޭދަކުރި ހަ އަހަރު ތެރޭ ލޮވްރެން ވަނީ އެ ކްލަބާއެކު މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގް ކާމިޔާބުކޮށްފައެެވެ. ލޮވްރެންގެ ކެރިއަރުގައި އެންމެ ކާމިޔާބު އަހަރަކީ 2018 ވަނަ އަހަރެވެ. ކްލަބް ލެވެލް ގައްޔާއި ގައުމީ ޓީމާއެކު ވެސް އެ އަހަރު އޭނާ ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އޭނާ ވަނީ އެ ފަހަރު ބޮޑު ދެ ފައިނަލެއްގައި ކުޅެފައެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލިވިއިރު ވޯލްޑް ކަޕްގެ ފައިނަލުގައި ބަލިވީ ފްރާންސް އަތުންނެވެ. ޖެހިގެންއައި ސީޒަނުގައި ލިވަޕޫލާއެކު ޔޫރަޕްގެ ބޮޑު ތަށި ކާމިޔާބުކުރި ނަމަވެސް ފަހަކަށް އައިސް އެ ކްލަބުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދުމުގައި ލޮވްރެން އަށް ވަނީ ގިނަ ހުރަސްތަކަކާ ކުރިމަތިވެފައެވެ. އޭނާގެ ބަދަލުގައި މިހާރު ޓީމުން ފުރުސަތު ލިބެނީ ފަސްޓް ޗޮއިސް ދެ ސެންޓަ ބެކުން ކަމަށްވާ ވާޖިލް ވެން ޑައިކާއި، ޖޯއެލް މަޓިޕްގެ އިތުރުން ޖޯ ގޯމޭޒަށެވެ.

އަނިޔާގެ ސަބަބުން ލޮވްރެން މިސީޒަނުގައި ފެނިފައިވަނީ މަދު މެޗުތަކަކުންނެވެ. އޭނާ އެންމެ ފަހުން ލީގުގައި ކުޅެފައިވަނީ ވެޓްފޯޑް އަތުން ލިވަޕޫލް ބަލިވި މެޗުގައެވެ. އެ މެޗުގައިވެސް ލޮވްރެންގެ ފަރާތުން ފެނިގެންދިޔަ ދަށް ކުޅުމުގެ ސަބަބުން ސަޕޯޓަރުންގެ ފާޑު ކިޔުންތައް އޭނާ އަށް ވަރަށް ބޮޑަށް އަމާޒު ވެގެންދިޔައެވެ.

ކްލަބަށް 180 އަށް ވުރެ ގިނަ މެޗު ކުޅެދީފައިވާ ލޮވްރެން ލިވަޕޫލާ ގުޅުނީ 2014 ވަނަ އަހަރު އެވެ. އޭނާ އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އަންނަ ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. ކޮންޓްރެކްޓް އާ ކުރުމުގެ އެއްވެސް ހިޔާލެއް ލިވަޕޫލުން ނުގެންގުޅޭއިރު ލޮވްރެން ވެސް ބޭނުންވަނީ ރިޓަޔާމެންޓުގެ ކުރިން ތަފާތު ތަޖުރިބާ އެއް ކޮށްލުމަށެވެ. އޭނާ އަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކްލަބުތަކުގެ ތެރޭގައި އާސެނަލް އާއި ޓޮޓެންހަމްގެ އިތުރުން އިޓަލީގެ ލާޒިޔޯ ވެސް ހިމެނެ އެވެ. މީގެ ތެރެއިން ލާޒިޔޯ އިން މިދިޔަ ޖެނުއަރީ މަހު ވެސް ލޮވްރެން ހޯދުމާއި ގާތަށް ޖެހިލިއެވެ. އެ ފަހަރު އިޓަލީ ކްލަބުން ކުރި މަސަތްކަތް ނާކާމިޔާބުވީ އެއިރު ލިވަޕޫލުން ކިޔަމުން އައި އަގަށް ލާޒިޔޯ އިން އެއްބަސް ނުވުމުންނެވެ. ކޮންޓްރެކްޓް ހަމަވާން ގާތްވުމާއެކު އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި 20 މިލިއަން ޔޫރޯ އަށް ވުރެ ދަށް އަގަކަށް ލޮވްރެން ވިއްކާލަން ލިވަޕޫލަށް މަޖުބޫރުވާނެ އެވެ. އެހެން ނޫން ނަމަ ޖެހޭނީ ކޮންޓްރެކްޓް ހަމަ ވުމުން އެއްވެސް އަގަކާ ނުލައި ފްރީ އޭޖެންޓެއްގެ ގޮތުގައި އޭނާ ދޫކޮށްލާށެވެ.