ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރޯގާއާ ގުޅިގެން ބޮޑީބިލްޑިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހަރަކާތްތައް ފަސްކޮށްފި އެވެ.

ބޮޑީބިލްޑިންގް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ސަބަބުން ދުނިޔޭގައްޔާއި ރާއްޖޭގައި އެޅިފައިވާ އެކިއެކި ފިޔަވަޅުތަކާއި، ވައިރަހާ ހެދި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެވިފައިވުމާއި ގުޅިގެން، އެ އެސޯސިއޭޝަނުގެ ބައެއް ހަރަކާތްތައް ވަގުތީ ގޮތުން މެދުކަނޑާލަން ނިންމައިފައިވާ ކަމަށެވެ.

އެގޮތުން އަންނަ އެޕްރިލް މަހުގެ ތިންވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ގައުމީ ބޮޑީބިލްޑިންގް ޓީމުގެ ސިލެކްޝަން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނީ މީގެ ދެ ހަފުތާ ވަރަކަށް ކުރިންނެވެ. އެއާއެކު އެކި ކުޅިވަރު އެސޯސިއޭޝަންތަކުން އަންނަނީ އެ އެސޯސިއޭޝަންތަކުގެ ހަރަކާތްތައް ހުއްޓާލަމުންނެވެ. އެގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަންގެ އިތުރުން މޯލްޑިވްސް ސާފިންގް އެސޯސިއޭޝަނުގެ ހަރަކާތްތައް ވަނީ ހުއްޓާލާފައެވެ.

ރާއްޖޭން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދު 13 އަށް އަރާފައިވާއިރު، މީގެ ތެރެއިން 5 މީހަކު ވަނީ ރަނގަޅުވެފައެވެ. އަނެއްކޮޅުން ވައިރަހުގެ ސަބަބުން މުޅި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު، މި ނުރައްކާތެރި ބަލި ޖެހުނު މީހުންގެ އަދަދު 220،313 އަށް މިހާރު ވަނީ އަރައިފައެވެ. މި ބަލީގައި މިހާތަނަށް 8،982 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.