އެއްވެސް ކޮންޓްރޯލެއް ނެތި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުއިކަމާއިއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރޯގާއާ ގުޅިގެން ޔޫރަޕްގެ ކްލަބް ފުޓްބޯޅައިގެ ބޮޑު ތިން މުބާރާތެއްގެ ފައިނަލް މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ޔުއެފާ އިން ނިންމައިފި އެވެ.

ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ޔުއެފާ އިން މި ނިންމުން ނިންމާފައިވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ކުއްލި ބައްދަލުވުމުގައި އެ އިދާރާގެ މެންބަރު ގައުމުތަކުގެ މަޝްވަރާ ހޯދުމަށްފަހު އެވެ. އަންގާރަ ދުވަހުގެ ބައްދަލުވުމުގައި ޔުއެފާ އިން ވަނީ ހާއްސަ ވޯކިން ގްރޫޕެއް ވެސް އެކުލަވާލައިފަ އެވެ. އެ ގްރޫޕުގެ ބޭނުމަކީ ނިއުޅެމުންދާ ހާލަތު ވަޒަންކުރުމާއި ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދިމާވާ މައްސަލަތަކަށް އެޑްރެސް ކުރުމެވެ. އެ ގްރޫޕުން ފަސްކުރަން ނިންމާފައިވަނީ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު އަދި އަންހެނުންގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުތަކެވެ. އަދި މި ތިން މުބާރާތުގެ ފައިނަލް މެޗުތައް ކުޅޭނެ ތާރީޚެއް ފަހުން ކަނޑައަޅާނެ ކަމަށް ވޯކިންގް ގްރޫޕާ ހަވާލާދީ ޔުއެފާ އިން ރޭ ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮވިޑް-19 ވައިރަހުގެ ސަބަބުން މި ތިން މުބާރާތް ވެސް ވަނީ މެދުކަނޑާލާފައެވެ. އެހެންނަމަވެސް އަންނަ ޖޫން މަހުގެ 30 ގެ ކުރިން މި ސީޒަނުގެ ކްލަބް ފުޓްބޯޅައިގެ ހުރިހާ މުބާރާތްތަކެއް ނިންމުމަށް ޔުއެފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ. ޑޮމެސްޓިކް ލީގުތައް ފުރިހަމަ ކުރުމަށް ގައުމުތަކުގެ އެފްއޭ އަށް ފުރުސަތު ދިނުމުގެ ގޮތުން ޔުއެފާ އިން ވަނީ ޖޫން މަހު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް އަންނަ އަހަރަށް ފަސްކޮށްފައެވެ.

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ ފުޓްބޯޅަ ވަނީ މުޅިންހެން ހުއްޓުމަކަށް އައިސްފައެވެ. އެގޮތުން ޔޫރަޕްގެ އެންމެ ބޮޑު ފަސް ލީގުގެ ކުޅުން ވަނީ މެދުކަނދާލާފައެވެ. އެއީ އިނގިރޭސި ޕްރެމިއާ ލީގާއި، ސްޕެނިޝް ލީގާއި، އިޓާލިއަން ލީގާއި، ފްރެންޗް ލީގުގެ އިތުރުން ޖަރުމަން ލީގެވެ.