މި ސީޒަނުގެ އިނގިރޭސި ޕްރެމިއާ ލީގް ތަށި ލިވަޕޫލަށް ހައްގު ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކުރީ ތަރި ވޭން ރޫނީ ބުނެފިއެވެ.

ރޫނީ މިހެން ބުނެފައިފައިވަނީ ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ވައިރަހުގެ ސަބަބުން ޕްރެމިއާ ލީގް ކެންސަލް ކުރަން ޖެހިދާނެ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. ވައިރަހުގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ޕްރެމިއާ ލީގުގެ ކުޅުން ވެސް ވަނީ އަންނަ މެއި މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑާލާފައެވެ.

ގާތްގަނޑަކަށް ފަސް ވަރަކަށް ހަފުތާ އަށް ޔޫރަޕްގެ ހުރިހާ ބޮޑެތި ލީގުތަކެއްހެން ފަސްކޮށްފައިވާއިރު އަލުން ފެށުމަށް ކަނޑައެޅިފައިވާ ތާރީހުގައި ލީގުތައް ފެށުން ނާދިރު ކަމަށް ފުޓްބޯޅަ ދިރާސާކުރާ މާހިރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ސަބަބަކީ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވި ބައްޔަށް ޕޮޒިޓިވްވާ މީހުން ދުވަހެއް ދުވަހަަކަށް އިތުރު ވަމުންދާތީ އެވެ. އެއާއެކު މި ސީޒަނުގެ ލީގުތައް ކެންސަލް ކުރަން ޖެހިދާނެކަމުގެ ބިރު ވެސް އަންނަނީ ބޮޑު ވަމުންނެވެ.

ވައިރަހާ ހެދި ފުޓްބޯޅަ ލީގުތައް ކުރިއަށް ނުގެންދެވި މި ސީޒަން ކެންސަލް ކޮށްލަން ޖެހިއްޖެ ޙާލަތެއްގައި ޕްރެމިއާ ލީގު ތާވަލު ލީޑު ކުރަމުން އަންނަ ލިވަޕޫލަށް ޗެމްޕިއަންކަން ދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ލިވަޕޫލަށް ތަށި ދިނުމާއިމެދު ޕްރެމިއާ ލީގުގެ އެއްވެސް ކްލަބަކުން ވެސް އަދި މިހާތަނަށް ދެކޮޅު ހަދާފައެއް ނުވެއެވެ. އަނެއްކޮޅުން ލިވަޕޫލާ ވާދަވެރި ޔުނައިޓެޑުގެ ލެޖެންޑް ރޫނީގެ ވިސްނުމުގައި ވެސް މިފަހަރުގެ އިނގިރޭސި ޗެމްޕިއަންކަން ލިބުން އެންމެ ހައްގުކަން ބޮޑީ ލިވަޕޫލަށެވެ.

ރޫނީ ބުނީ ޕްރެމިއާ ލީގް ޗެމްޕިއަންކަން ހޯދުމަށް ލިވަޕޫލުން ވަރަށް މަސަތްކަތްކޮށްފި ކަމަށާއި މި ސީޒަނުގެ ތަށި ލިވަޕޫލަށް ނުލިބިއްޖެނަމަ އެއީ އިންސާފެއް ނޫން ކަމަށެވެ.

"ލިވަޕޫލް ޕްރެމިއާ ލީގް ކާމިޔާބުކުރާނެ. އެމީހުން ވަރަށް މޮޅަށް ކުޅުމުން އައީ. ވަރަށް މަސަތްކަތް ކޮށްފި މިހިސާބަށް އައިއިރު. އެމީހުންނަށް ހައްގު މި ތަށި. 30 އަހަރު ވަންދެން މި ތައްޓަށް އިންތިޒާރު ކުރުމަށްފަހު ލީގް ކެންސަލް ވެގެން ތަށި ގެއްލިގެން ދިޔައީމަ އެމީހުންނަށް ވާނެ ގޮތް ހިތަށް އަރުވާލަބަލަ؟ ހުރިހާ ގޮތަކުން ވެސް ރަނގަޅު ނިންމުންތަކެއް އެފްއޭ އިން އެންމެ ފަހުން ނިންމާފައިވަނީ. ރެލިގޭޝަނާއި ޕްރޮމޯޝަނާއި ޗެމްޕިއަންސް ލީގަށް ކޮލިފައިވާ ޓީމުތައް ކަނޑައެޅުމުގައިވެސް ލީގު ފުރިހަމަ ކުރުން ވަރަށް މުހިއްމު. ލީގު ކެންސަލް ކޮށްފިނަމަ މި ބުނި ކަންތަކާއި ހެދި ކްލަބްތަކުގެ މެދުގައި މައްސަލަތައް ޖެހުން ވަރަށް ކައިރި. އެހެންކަމުން އެންމެ އިންސާފުވެރި ގޮތަކީ މި ސީޒަން އެއްކޮށް ފުރިހަމަ ކުރުން. އެކަން ވާން އޮތީ އެކަމަށްޓަކައި އަންނަ ސީޒަން ގުރުބާން ކޮށްލައިގެން ވިޔަސް ފުރަތަމަ އިސްކަން ދޭންވީ މިސީޒަނުގެ ލީގު ފުރިހަމަ ކުރަން،" ރޫނީ ބުންޏެވެ.

ވައިރަހާއި ހެދި ލީގުތައް ކިތަންމެ ގިނަ ދުވަހަށް ފަސްކުރަން ޖެހުނު ކަމުގައިވިޔަސް އަންނަ ސީޒަން ފަށާނީ މި ސީޒަނުގެ މުބާރާތްތައް މުޅިން ފުރިހަމަ ކުރުމަށްފަހުގައި ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ ދާދި ފަހުން ހާމަކޮށްފައެވެ. މިއީ ހަމަގައިމުވެސް ލިވަޕޫލްގެ ސަޕޯޓަރުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނެ އެވެ.

ވައިރަހުގެ ސަބަބުން ޕްރެމިއާ ލީގުގެ ކުޅުން މެދުކަނޑާލިއިރު ތާވަލުގެ އެންމެ ކުރީގައި ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑެއްގައެވެ. އެ ޓީމަށް ވަނީ 82 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ނުވަ މެޗު އޮތްއިރު ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ.