މިއަހަރުގެ ފަހުކޮޅު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ބޭއްވުމަށް ތާވަލުކޮށްފައި އޮތް އޮލިމްޕިކް ގޭމްސް، ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރޯގާގެ ސަބަބުން ފަސްކޮށްފިއެވެ.

އޮލިމްޕިކް ގޭމްސް ފަސްކުރުމާއި ބެހޭގޮތުން ޖަޕާނުގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ ވިދާޅުވީ، ގޭމްސް ފަސްކުރާނެ ކަމުގެ ޔަގީން ކަން އޮލިމްޕިކް ކޮމިޓީ (އޯއައިސީ) ގެ ރައީސް ތޯމަސް ބެޗް ދެއްވާފައިވާ ކަމަށެވެ.

ޖުލައި 24 އިން އޮގަސްޓް 9 އަށް ބޭއްވުމަށް ތާވަލުކޮށްފައި އޮތް ޓޯކިޔޯ އޮލިމްޕިކްސް ފަސްކުރަން އޯއައިސީން ނިންމާފައިވާއިރު ގޭމްސް ބާއްވާނެ ތާރީޚެއް އަދި އެ އިދާރާ އިން ކަނޑާއަޅާފައި ނުވެއެވެ.

އެހެންނަމަވެސް އަންނަ އަހަރުގެ ހޫނު މޫސުމުގެ ކުރިން ގޭމްސް ބޭއްވުމަށް މަސައްކަތް ކުރާނެ ކަމަށް އޯއައިސީ އިން މައުލޫމާތުދެ އެވެ.

ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އެންމެ ފުރަތަމަ ވިދާޅުވީ އޮލިމްޕިކްސް ބާއްވަން ހަމަޖެހިފައި އޮތް ތާރީޚުގައި ގޭމްސް ބޭއްވޭނެ ކަމަށެވެ. އެހެންނަމަވެސް ކޮވިޑް-19 އެއްވެސް ކޮންޓްރޯލެއް ފެތުރެމުން އަންނާތީ ގޭމްސް ފަސްކުރުމަށް ގިނަ ގައުމުތަކުން އައީ އޯއައިސީ އަށް ގޮވާލަމުންނެވެ. ގިނަ ކުޅިވަރު ފެޑެރޭޝަންތަކާއި އެތްލީޓުންގެ ޕްރެޝަރާއެކު ގޭމްސް ފަސްކުރަން އޯއިސީ އިން ނިންމާފައިމިވަނީ ކުރިން ތާވަލުކޮށްފައިވާ ތާރީހުގައި އޮލިމްޕިކްސް ބާއްވާނަމަ، ގޭމްސްގައި ބައިވެރިނުވާން ކެނެޑާ އާއި އޮސްޓްރޭލިއާ އިން ނިންމާފައިވަނިކޮށެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ކުޅިވަރު ދުނިޔޭގެ ހުރިހާ ހަރަކާތެއްހެން ވަނީ ހުއްޓުމަކަށް އައިސްފައެވެ. ކޮވިޑް-19 ވައިރަސް މިހާރު ބޮޑަށް ފެތުރެނީ ޔޫރަޕުގަ އެވެ. އެއާ ގުޅިގެން ޔޫރަޕުގެ ބޮޑެތި ހުރިހާ ފުޓްބޯޅަ ލީގެއް ހުއްޓާލާފައިވާއިރު ޖޫން/ޖުލައި މަހު ބާއްވާ ގޮތަށް އޮތް ޔޫރޯ ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފަ އެވެ.

ދުނިޔޭގެ ގިނަ ގައުމުތަކަކުން ކޮވިޑް-19 ފެނިފައިވާއިރު، ޖަޕާނުގައި މިހާތަނަށް މި ބަލީގެ 1،000 އަށް ވުރެ ގިނަ ކޭސް ވަނީ ރެކޯޑު ކުރެވިފައެވެ. އެ ގައުމުން ބަލި ޖެހިގެން މިހާތަނަށް 41 މީހަކު ވަނީ މަރުވެފައެވެ. އަނެއްކޮޅުން މުޅި ދުނިޔޭގެ ތަފާތު ހިސާބުތަކަށް ބަލާއިރު، މި ނުރައްކާތެރި ބަލި ޖެހުނު މީހުންގެ އަދަދު 220،313 އަށް މިހާރު ވަނީ އަރައިފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު އުޅެނީ 10000 އަށް ވުރެ މަތީގައެވެ.

ކިޔުންތެރިންގެ ހިޔާލު