ކޮވިޑް-19 އިން ދުނިޔެ ސަލާމަތް ކުރަން ސްޕެއިންގެ ކަޓަލޫނިޔާގެ ރައްޔިތުން ކުރަމުން އަންނަ މަސައްކަތަށް މެންޗެސްޓަ ސިޓީ ކޯޗު ޕެޕް ގާޑިއޯލާ ފައިސާގެ އެހީވެއްޖެއެވެ.

ސްޕެއިން އަށް އުފަން ގާޑިއޯލާ ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ކަން ހާމަކުރީ ބާސެލޯނާގެ މެޑިކަލް ކޮލެޖުންނެވެ.

އެ ކޮލެޖުން ރޭ ނެރުނު ބަޔާނެއްގައި ބުނީ އެ ކޮލެޖާއި އެންހެލް ސޮލާ ޑެނިއެލް ފައުންޑޭޝަން ގުޅިގެން ފަށާފައިވާ ފަންޑް ރެއިޒިން ކެމްޕެއިން އަށް ގާޑިއޯލާގެ ފަރާތުން އެއް މިލިއަން ޔޫރޯގެ އެހީއެއް ލިބިފައިވާ ކަމަށާއި މި ފައިސާ ހަރަދު ކުރާނީ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އެކިއެކި ސިއްހީ އާލާތްތައް ގަތުމަށް ކަމަށެވެ.

ޗައިނާގައި މިދިޔަ ޑިސެމްބަރު މަހު ފެތުރެން ފެށި ކޮވިޑް-19 މިހާރު ވަނީ މުޅި ދުނިޔެ އަށް ފެތުރިފައިވާ ސިއްހީ ބަލިމަޑުކަމަކަށް ވެފައެވެ. މި ވައިރަސް މިހާރު ބޮޑަށް ފެތުރެނީ ޔޫރަޕުގައެވެ. ސްޕެއިންއަކީ ވެސް ޔޫރަޕް ސަރަހައްދުގައި ކޮވިޑް-19 އެންމެ ހަލުއިކަމާއެކު ފެތުރެމުން އަންނަ އެއް ގައުމެވެ. މިހާތަނަށް އެ ގައުމުން 40،000 އަށްވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާއިރު، ވައިރަހުގެ އަސަރު ކޮށްގެން އެ ގައުމުން މިހާތަނަށް މަރުވި މީހުންގެ އަދަދު އުޅެނީ 2،900 އަށް ވުރެ މަތީގައެވެ.

ޔޫރަޕްގައި ކޮވިޑް-19 އެއްވެސް ކޮންޓްރޯލެއް ނެތި ފެތުރެމުން އަންނާތީ ކުޅިވަރުގެ ބޮޑެތި ހުރިހާ ހަރަކާތްތަކެއް ހުއްޓާލާފައިވާއިރު އަންނަ ޖޫން/ޖުލައި މަހު ބާއްވާ ގޮތަށް އޮތް ޔޫރޯ ވެސް ވަނީ ފަސްކޮށްފައެވެ.

ކޮވިޑް-19 އާ ހެދި ދުނިޔެ ހުއްޓުމަކަށް އައިސްފައިވާއިރު މި ވަބާ އިން ސަލާމަތްވުމަށް ފުޓްބޯޅަ ތަރިން އަންނަނީ އެކި ގޮތް ގޮތުން އެހީތެރިވަމުންނެވެ. ޖަރުމަނު ލީގުގެ ކުޅުންތެރިންގެ ތެރެއިން ރޮބަޓް ލެވަންޑޯސްކީ އާއި ޖޯޝުއާ ކިމިޗް އާއި ލިއޯން ގޮރެޓްޒްކާގެ އިތުރުން މެނުއެލް ނޯޔާގެ އެއްބާރުލުމާއެކު އެއްކުރި 2.5 މިލިއަން ޔޫރޯ ވަނީ އެ ގައުމުގައި ވައިރަހާ ހަނގުރާމަ ކުރަމުންދާ މީހުންނަށް އެހީވުމުގެ ގޮތުން އުފައްދާފައިވާ ފަންޑަށް ޖަމާކޮށްފައެވެ.

މީގެ އިތުރުން ޕްރިމިއާ ލީގުން ލިވަޕޫލްގެ ތަރި ސާދިއޯ މާނޭ ވަނީ ވައިރަހާ ގުޅިގެން އޭނާގެ ގައުމުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް 45،000 ޔޫރޯ ހަދިޔާކޮށްފައެވެ. މީގެ އިތުރުން ވެސް މަޝްހޫރު އެތައް ކުޅުންތެރިންނެއް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ އިރު މިދިޔަ ހަފުތާގައި ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ ފީފާ އިން ވެސް ވަނީ 10 މިލިއަން ޑޮލަރުގެ އެހީއެއް ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އަށް ދީފައެވެ.