މުޅި ދުނިޔެއަށް ފެތުރިފައިވާ ސިއްޙީ ވަބާ އަކަށް ވެފައިވާ ކޮވިޑް-19 ރޯގާއާ ހަނގުރާމަ ކުރަމުންދާ އެކި އެކި ފަރާތްތަކަށް، ދުނިޔޭގެ އެންމެ ނަން މަޝްހޫރު ފުޓްބޯޅަ ދެ ކުޅުންތެރިން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނެލް މެސީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ޕޯޗުގަލްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން ރޮނާލްޑޯ އަދި އޭނާގެ އޭޖެންޓް ޖޯޖް މެންޑެސް ގުޅިގެން ވަނީ އެ ގައުމުން ކޮރޯނާ ވައިރަހަށް ފައްސި (ޕޮޒިޜިވް) ވެގެން، ބައްޔަށް ފަރުވާ ހޯދަމުން ގެންދާ ގިނަ އަދަދެއްގެ ބަޔަކު އެޑްމިޓް ކޮށްފައިވާ 3 ހޮސްޕިޓަލަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ވެރިރަށް ލިޒްބަންގައި ހުންނަ ސަންޓާ މާރިއާ ހޮސްޕިޓަލް އާއި ޕޯޓޯގައި ހުންނަ ސެންޓޯ އެންޓޯނިއޯ ހޮސްޕިޓަލްގެ އިތުރުން ހަމަ އެ ސިޓީގައި ހުންނަ ސާއޯ ޔާއޯ ހޮސްޕިޓަލަށް ރޮނާލްޑޯ ވަނީ 1 މިލިއަން ޔޫރޯ ހަދިޔާ ކޮށްފައެވެ.

ސަންޓާ މާރިއާ ހޮސްޕިޓަލްގެ ރައީސް ޑެނިއެލް ފެރޯ މީޑިއާތަކާއި ވާހަކަ ދައްކަމުން ބުނީ އެ ހޮސްޕިޓަލުގައި ކޮވިޑް-19 ވައިރަހަށް ފަރުވާ ހޯދަމުން އަންނަ ބަލި މީހުންނަށް ފައިސާގެ އެހީ ދެއްވުމަށް ރޮނާލްޑޯގެ ފަރާތުން އޭނާ އޭޖެންޓް މެންޑިސް އެ ހޮސްޕިޓަލަށް ގުޅި ކަމަށެވެ.

"ރޮނާލްޑޯގެ ފަރާތުން ޖޯޖް މެންޑިސް އަހަރެމެންނާ ކޮންޓެކްޓް ކުރި ފައިސާގެ އެހީ ދޭން. އެއީ ވައިރަހުގެ އަސަރު ކޮށްގެން ގެންނަ ބަލި މީހުންނަށް ފަރުވާ ދިނުމަށް މިތަނުގައި ހަދާފައިވާ ހާއްސަ ޔުނިޓަކަށް ބޭނުންވާ އެކި އެކި އާލާތްތައް ހޯދުމަށް. މި ޔުނިޓަށް ގެންނަނީ ވަރަށް ހާލު ދެރަ މީހުން. އެހެންކަމުން ޒަމާނީ ފެންވަރުގެ ރަނގަޅު ހިދުމަތެއް އެބަ ލިބެން ޖެހޭ މިތަނުން. މޮނީޓަރާއި، ވެންޓިލޭޓަރާއި، އެނދާއި، އިންފިއުޝަން ޕަމްޕާއި މި ނޫންވެސް ބައިވަރު އާލާތްތައް މި ޔުނިޓަށް އެބަ ބޭނުންވޭ. ރޮނާލްޑޯގެ ފަރާތުން ލިބުނު އެހީތެރިކަމާއެކު އަހަރެމެންނަށް މި ހުރިހާ ވަސީލަތްތަކާއެކު އިތުރު 15 އެނދު މި ޔުނިޓުގައި ގާއިމް ކޮށްލެވޭނެ،" ޕޯޗުގަލްގެ މީޑިއާތަކާއި ވާހަކަ ދައްކަމުން ސަންޓާ މާރިއާ ހޮސްޕިޓަލްގެ ރައީސް ޑެނިއެލް ވިދާޅުވިއެވެ.

ރޮނާލްޑޯގެ އިތުރުން ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ވެސް 1 މިލިއަން ޔޫރޯގެ އެހީއެއް އޭނާ ދިރިއުޅެމުން އަންނަ ބާސެލޯނާގައި ހުންނަ މެޑިކަލް ސެންޓަރަކަށް ހަދިޔާކޮށްފައިވާ ކަމަށް ސްޕެއިންގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވެއެވެ. މީގެ އިތުރުން މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާ ވެސް ވަނީ ސްޕެއިންގެ ކަޓަލޫނިޔާއިން ވައިރަހަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދީފައެވެ.