ހަލުވިކަމާ އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ހެދި މެދުކަަނޑާލާފައިވާ ޖަރުމަން ލީގުގެ މެޗުތައް އަލުން ފެށުން ފަސްކޮށްފި އެވެ.

ޖަރުމަނު ފުޓްބޯލް ލީގް (ޑީއެފްއެލް) އިން އެންމެ ފުރަތަމަ އެ ގައުމުގެ ފުޓްބޯޅަ ސީޒަން މެދުކަނޑާލަން ނިންމީ ދެ ހަފުތާ އަށެވެ. އެކަމަކު އެ ގައުމުގައި ބަލި ފެތުރޭ ނިސްބަތް އިތުރުވުމާ އެކު، ޖަރުމަނުގެ ފުޓްބޯޅަ ފެޑެރޭޝަނާއެކު ކުއްލި ބައްދަލުވުމެއް ބާއްވައި ލީގު އަލުން ފެށުން ފަސްކުރަން އެ އިދާރާ އިން ވަނީ ރޭ ވަނީ ނިންމައިފައެވެ.

ޑީއެފްއެލް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވައިރަސް ފެތުރުން ހުއްޓުވުމަށް ކުރަމުން އަންނަ މަސަތްކަތަށް އަދި ކާމިޔާބެއް ލިބޭ ގޮތް ނުވުމުންނާއި، ކުޅުންތެރިންނާއި އެހެނިހެން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ލީގުގެ ކުޅުން އަންނަ އެޕްރިލް 30 ގެ ނިޔަލަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ އިދާރާ އިން ބޭނުންވަނީ ހޫނު މޫސުމުގެ ކުރިން ސީޒަން ނިންމާލަން ކަމަށާއި ހާލަތު ތަންދޭ ގޮތަކުން އިތުރު ނިންމުންތަކެއް ނިންމަން މި މަހު ފަހުކޮޅު ކްލަބްތަކާ އެކު ބައްދަލުވުމެއް ބާއްވަން ރާވާނެ ކަމަށެވެ.

ބުންޑެސްލީގާ ފެށުން ފަސްކޮށްފައިވާއިރު ގިނަ ޓީމުތަކަށް ބާކީ އޮތީ ނުވަ މެޗެވެ. ތާވަލުގެ އެއް ވަނައިގައި އޮތީ 55 ޕޮއިންޓާ އެކު ބަޔާން މިއުނިކެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 51 ޕޮއިންޓް ހޯދައިގެން ބޮރޫޝިއާ ޑޯޓްމަންޑެވެ. ޔޫރަޕްގެ ޑޮމެސްޓިކް ލީގުތައް އަންނަ ޖޫން 30 ގެ ނިޔަލަށް ފުރިހަމަ ކުރަން ޔުއެފާ އިން ކުޅިވަރު އެސޯސިއޭޝަންތަކަށް ގޮވާލާފައިވާތީއާއެކު، ޑީއެފްއެލް އިން އަންނަނީ އެ ތާރީހުގެ ކުރިން ސަޕޯޓަރުން ނުވައްދައި މެޗުތައް ކުޅެގެން ނަމަވެސް ބުންޑެސްލީގާ ސީޒަން ފުރިހަމަ ކުރުމަށް މަސަތްކަތް ކުރަމުންނެވެ.

ކޮރޯނާވައިރަހުގެ ސަބަބުން ބުންޑެސްލީގާގެ އިތުރުން އިނގިރޭސި ޕްރިމިއާ ލީގު، އިޓާލިއަން ލީގު، ސްޕެނިޝް ލީގުގެ އިތުރުން ފްރެންޗް ލީގުވެސް ވަނީ މެދުކަނޑާލައިފައެވެ. މީގެ އިތުރުން ޔޫރަޕުގެ އެންމެ ބޮޑު ދެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު ވެސް މުއްދަތެއް ނެތް ގޮތަށް ޔުއެފާ އިން ފަސްކޮށްފައިވާއިރު އަންނަ ޖޫން މަހު ފެށުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު