މުހައްމަދު ސަލާހުގެ ދެ ގޯލާއެކު 2-5 އިން ރޯމާ ބަލިކޮށް، ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް ލިވަޕޫލް އިން ޖެހިލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި މިރޭ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ ލެގުގެ މެޗުގެ ކުރީކޮޅު ރޯމާ އިން ރަނގަޅު ކުޅުމެއް ދެއްކިއިރު މެޗުގެ ފުރަތަމަ ނުރައްކާތެރި ހަމަލާ އުފެއްދީ ވެސް ރޯމާ އިންނެވެ. ނަމަވެސް ލިވަޕޫލްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ކޮލަރޯވް ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ލިވަޕޫލްގެ ގޯލުގެ ދަނޑި އަށެވެ.

ރޯމާގެ މި ހަމަލާއަށްފަހު ލިވަޕޫލްގެ ފޯވާޑް ސަޑިއޯ މާނޭ އަށް ވަނީ ކައިރި ކައިރީގައި ގޯލްޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބިގެން ގޮސްފައެވެ. ނަމަވެސް މާނޭ ފޮނުވާލި އެ ދެ ހަމަލާ ވެސް ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

މި ދެ ފުރުސަތަށްފަހު ލިވަޕޫލް އިން ދިޔައީ ރޯމާގެ ޑިފެންސްލައިނަށް ބާރުބޮޑު ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނެޓްގައި މުހައްމަދު ސަލާހު ވަނީ ރީތި ގޯލެއް ކާމިޔާބުކޮށް ލިވަޕޫލްގެ ލީޑު ނަގާދީފައެވެ. ރޯމާ އަށް ވެސް ކުރިން ކުޅެފައިވާ ސަލާހު މި ގޯލު ކާމިޔާބުކުރީ ރޯމާގެ ޕެނަލްޓީއޭރިއާގެ ކަނެއްގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މި ގޯލަށްފަހު ވެސް ލިވަޕޫލް އިން ދިޔައީ ފުރަތަމަ ހާފް ނިމުމުގެ ކުރިން އިތުރު ގޯލުތަކެއް ކާމިޔާބުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަމީނޯ ދިން ޕާހަކުން ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅު ތެރޭ ސަލާހު ވަނީ ލިވަޕޫލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ދެ ގޯލާއެކު ސަލާހު މި ސީޒަނުގައި ކާމިޔާބުކުރި ގޯލުގެ އަދަދު ވަނީ 43 އަށް އަރާފައެވެ.

ދެ ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ލިވަޕޫލް އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު ސަލާހު ދިން ޕާހަކުން މާނޭ ވަނީ ލިވަޕޫލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 61 ވަނަ މިނެޓްގައި ލިވަޕޫލްގެ ހަތަރުވަނަ ގޯލު ރޮބާޓޯ ފަމީނޯ ކާމިޔާބުކޮށްދިން އިރު އޭގެ އަށް މިނެޓްފަހުން އެޓީމުގެ ފަސްވަނަ ގޯލު ކާމިޔާބުކޮށްދިނީ ވެސް ފަމީނޯއެވެ.

ފަސް ގޯލު ކާމިޔާބު ކުރެވުމުން ލިވަޕޫލްގެ ކުޅުން ކޮންމެވެސް ވަރަކަށް ދަށްވިއިރު މެޗުގެ 81 ވަނަ މިނެޓްގައި އެޑިން ޒެކޯ ވަނީ ރޯމާގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން ރޯމާ އަށް ލިބުނު ޕެނަލްޓީ އަކުން އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޑިއޭގޯ ޕެރޯޓީއެވެ.

މިރޭގެ މޮޅާއެކު ޗެމްޕިއަންސް ލީގުގެ ފައިނަލާ ގާތަށް ލިވަޕޫލް އިން ޖެހިލާފައިވާއިރު މުބާރާތުގެ ފައިނަލްގައި އެޓީމު އެންމެފަހުން ކުޅެފައިވަނީ 2007 ވަނަ އަހަރުއެވެ. އަނެއްކޮޅުން މުބާރާތުގެ ފައިނަލަށް ރޯމާ އަށް ދެވޭނީ ދެވަނަ ލެގުގެ މެޗުގައި 0-3 އިން ލިވަޕޫލް ބަލިކޮށްގެންނެވެ.

ރޯމާގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    ވަގުތު ކުދިންނައް ސަަަބަސް....

  2. ޙަސަން

    4-1 ން ލިވަރޕޫލް ބަލިކޮށްގެންވެސް ރޯމާ ފައިނަލަށް ދާނެ.