2024 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ބޭއްވުމަށް ޖަރުމަނުން ބިޑު ހުށަހަޅައިފިއެވެ.

ޖަރުމަނުގެ ފަރާތުން ޔޫރަޕްގެ ފުޓްބޯޅަ އާއި ބެހޭ މައި އިދާރާ ކަމަށްވާ ޔޫއެފާ އަށް މި ބިޑު ހުށަހެޅީ އެގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސް ރެއިންހާޑް ގްރިންޑެލް އާއި ޖަރުމަނުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ފިލިޕް ލާމްއެވެ.

"އަހަރުމެންގެ މި ބިޑަކީ ފުރިހަމަ މުބާރާތެއް ބޭއްވުމަށް ވަރަށް ފުރިހަމަ ކޮންސެޕްޓަކަށް ވާނެ. އަދި މިއީ ޔޫރަޕްގެ ފުޓްބޯޅަ ވެސް އިތުރަށް ކުރިއަރުވަން ޔޫއެފާ އަށް ލިބޭނެ ރަނގަޅު ފުރުސަތަކަށް ވާނެ" ގްރިންޑެލް ވިދާޅުވިއެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް ތިން ފަހަރެއްގެ މަތިން ކާމިޔާބުކޮށްފައިވާ ޖަރުމަނުގައި މި މުބާރާތް އެންމެފަހުން ބާއްވާފައިވަނީ 1988 ވަނަ އަހަރުއެވެ.

2024 ވަނަ އަހަރުގެ ޔޫރޯ ބޭއްވުމަށް ޝައުގުވެރިވާ ގައުމުތަކަށް ބިޑު ހުށަހަޅަން މި މަހުގެ 27 ވަނަ ދުވަހާއި ހަމައަށް ޔޫއެފާ އިން ވަނީ ހުޅުވާލާފައެވެ. ޖަރުމަނުގެ އިތުރުން އެ މުބާރާތް ބޭއްވުމަށް ތުރުކީ އިން ވެސް ބިޑެއް މި ހަފްތާގައި ހުށަހަޅާނެ ކަމަށް ރިޕޯޓުތަށް ބުނެއެވެ.

ހުށަހަޅާފައިވާ ބިޑުތަށް އިވެލުއޭޓް ކުރަން ޔޫއެފާ އިން ކުރިއަށް އޮތް ދުވަސްތަކުގައި ފަށާނެއިރު 2024 ވަނަ އަހަރުގެ ޔޫރޯ ބާއްވާނެ ގައުމެއް ހޮވާނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 27 ވަނަ ދުވަހު ސްވިޒަލޭންޑްގެ ނިޔޯންގައި ބާއްވާ ޔޫއެފާގެ އެކްސްކޯ ބައްދަލުވުމުގައެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް އެންމެފަހުން ބޭއްވީ ފްރާންސްގައެވެ. އެ މުބާރާތް ފްރާންސް ބަލިކުރުމަށްފަހު ކާމިޔާބުކުރީ ޕޯޗުގަލް އިންނެވެ.