މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކަމަށް ބްރެޒިލާ އެކު ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެލޭ ބުނެފި އެވެ.

މެސީ އަށް ވުރެ ރޮނާލްޑޯ މޮޅު ކަމަށް ޕެލޭ ބުނެފައިވާއިރު ރޮނާލްޑޯ/މެސީއާ ބެހޭގޮތުން މީގެ ކުރިން ޕެލޭ ބުނަމުން އައީ ޔުވެންޓަސްގެ ކުޅުންތެރިޔާ އަށް ވުރެ މޮޅީ އާޖެންޓީނާ އަދި ބާސެލޯނާގެ ކެޕްޓަން ލިއޮނެލް މެސީ ކަމަށެވެ. މީގެ އަހަރުތަކެއް ކުރިން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުން ޕެލޭ ބުނީ މިދިޔަ 10 ނުވަތަ 15 އަހަރަށް ބަލާއިރު ކުޅުންތެރިއެއްގެ ގޮތުގައި އެއްވަރެއްގައި ހިފެހެއްޓީ މެސީ ކަމަށެވެ.

މި ޖީލުގެ މޮޅު ކުޅުންތެރިޔަކީ މެސީ ކަމަށާއި އެހެންނަމަވެސް ރޮނާލްޑޯ އުޅެނީ މެސީއާ ވަރަށް ގާތުގައި ކަމަށް މީގެ ކުރިން ޕެލޭ ބުނި ނަމަވެސް އިއްޔެ ބްރެޒިލްގެ ޔޫޓިއުބް ޗެނަލް އަކަށް ދިން އިންޓަވިއުއެއްގައި ޕެލޭގެ ޖަވާބު ވަނީ ބަދަލުވެފައެވެ. މިފަހަރު އޭނާ ބުނީ މިވަގުތު ބުރަވެވެން އޮތީ ރޮނާލްޑޯގެ ކޮޅަށް ކަމަށެވެ.

"މިވަގުތު އަހަންނަށް ހީވަނީ ދުނިޔޭގައި ހުރި އެންމެ ކޮންސިސްޓެންޓް ކުޅުންތެރިޔަކީ ރޮނާލްޑޯ ހެން. އެކަމަކު މެސީގެ މަތިން ވެސް ހަނދާން ނައްތާލައިގެން ނުވާނެ،" ޕެލޭ ބުންޏެވެ.

މެސީއާ ރޮނާލްޑޯ އަކީ 2007 އިން ފެށިގެން ދުނިޔޭގެ ފުޓްބޯޅައިގެ ރަސްކަން ކުރަމުން އަންނަ ދެ ކުޅުންތެރިންނެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ކޮންމެ އަހަރަކުވެސް ދޭ ޝަރަފްވެރި ބެލޮންޑިއޯ އެވޯޑް މިދިޔަ 12 އަހަރުގެ ތެރެއިން 11 އަހަރު ޙާސިލްކޮށްފައިވަނީ މެސީ ނުވަތަ ރޮނާލްޑޯ ދެމީހުންކުރެ ކުޅުންތެރިއެކެވެ. މި ދެ ކުޅުންތެރިން ފިޔަވައި މިދިޔަ 12 އަހަރުގެ ތެރޭ މި އެވޯޑު ހާސިލްކުރީ 2018 ވަނަ އަހަރު ކްރޮއޭޝިޔާ އާއެކު ވޯލްޑް ކަޕް ފައިނަލަށް ދަތުރު ކުރި މިޑްފީލްޑަރު ލޫކާ މޮޑްރިޗެވެ.

އިއްޔެގެ އިންޓަވިއުގައި، މެސީއާ ރޮނާލްޑޯ އަކީ އޭނާ އަށް ވުރެ މޮޅު ކުޅުންތެރިންތަކެއްތޯ ނޫސްވެރިޔާ ސުވާލު ކުރުމުން ޖަވާބުގައި ޕެލޭ ބުނީ މޮޅެތި ކުޅުންތެރިންގެ ލިސްޓުގައި ބައިވަރު ނަންތަކެއް އެބަތިބި ކަމަށާއި އެހެންނަމަވެސް އެންމެ މޮޅީ އޭނާ ކަމަށެވެ.

"ވަރަށް ގިނައިން ތި ސުވާލު އާދޭ. ޖަވާބު ދޭން ވަރަށް އުނދަގޫ ސުވާލެއް ތީ. ޒީކޯ އާއި ރޮނާލްޑީނިއޯ މަތިން ހަނދާން ނައްތާލައިގެން ނުވާނެ. އަނެއްކޮޅުން މީހުން ވަރަށް ދައްކާ ބެކެންބާ އާއި ޔޯހަން ކްރައިފް ފަދަ ޔޫރަޕް ކުޅުންތެރިންގެ ވާހަކަ ވެސް. އެކަމަކު އަހަރެން ދެކޭ ގޮތުގައި މި އެންމެނަށްވުރެ އަހަރެން މޮޅު. މިއީ އަހަރެންގެ ކުށެއް ނޫން. އެންމެ ޕެލޭ އެއް ހުންނާނީ. އަހަރެން ފަދަ ދެވަނަ މީހެއް ނުހުންނާނެ،" ޕެލޭ ބުންޏެވެ.

މެސީއާ ރޮނާލްޑޯގެ ކުރިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވަނީ ޕެލޭ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުއަޒިނު

    ހަމަކޮސްވެދާނެ..އަޅެ މަރަޑޯ އަކީ މީނަދަން ނަމީހެއްނޫންބާ....އަމިއްލައަށް މޮޅޭބުނާނި މިލެވެލްގެ މީހަކު...އެހެންމީހުންނަށް އިހުތިރާމް ނުކުރާތި.....އަހަރުމެން މިނެކިޔާއިރު ޕެލޭއަށް ވުރެ މަރަޑޯނާ ދެރައެއް ނޫން...

    13
    35
  2. މައްލާ

    މީނައަކީ ދުނިޔޭގަ މީހުން ނައް ރަނގަޅައް ފުޓްބޯޅަ ކިޔަންވެސް ނޭގޭއިރު ކުޅެ ފަހުރި ކަނޑުކޮހެއް ޕެލޭއާ ރޮނާލްޑޯ އަކީ އެންމެނައް ވެސް އެނގޭނެ މަމޮޅު ކަން މީނަ އެންމެ ޖެހިލުންވާ ދެމީހުން ނަކީ މެސީ އާ މަރަޑޯނާ

    8
    40