ދުނިޔޭގައި ފެތުރެމުންދާ ކޮރޯނާވައިރަސް ރޯގާ ސްޕެއިންގައި ފެތުރުން ގިނަވެ، ބަލީގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި އެގައުމުގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑު ސެންޓިއާގޯ ބާނެބެއު ބޭސް ރައްކާ ކުރާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ ކްލަބުން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ރެއާލުން އިއްޔެ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސްޕެއިންގެ ހައި ކައުންސިލް ފޯ ސްޕޯޓްސް (ސީއެސްޑީ) އާ އެ ކްލަބް ގުޅިގެން، ކޮވިޑް-19 ވައިރަހާ ދެކޮޅަށް ކުރާ މަސަތްކަތްތަކުގައި ބޭނުން ކުރުމަށް ރެއާލްގެ ދަނޑު ބޭނެބެއު ދޫކުރަން ނިންމާފައިވާ ކަމަށެވެ. ބާނެބެއު ބޭނުން ކުރާނީ ބޭސް ރައްކާ ކުރާ ތަނެއްގެ ގޮތުގައްޔާއި ވައިރަހާ ދެކޮޅަށް ކުރާ މަސަތްކަތަށް އެކި ފަރާތްތަކުން އެހީގެ ގޮތުގައި ފޯރުކޮށްދޭ ސާމާނުތައް ރައްކާ ކުރާ ތަނެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ސްޕެއިން އަކީ ޔޫރަޕް ސަރަހައްދުން މިހާރު ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަ އެއް ގައުމެވެ. އެގައުމުން މިހާތަނަށް މި ބަލީގެ 55000 އަށް ވުރެ ގިނަ ކޭސް ފެނިފައިވާއިރު މި ބަލީގެ ސަބަބުން އެގައުމުން މަރުވި މީހުންގެ އަދަދު ވަނީ 4000 އަށް ވުރެ މައްޗަށް އަރައިފައެވެ. ކޮވިޑް-19 ޖެހިގެން ފާއިތުވި 24 ގަޑިއިރު ތެރޭގައި އެކަނިވެސް ސްޕެއިން އިން 655 މީހަކު ވަނީ މަރުވެފައެވެ.

ކޮވިޑް-19 އާ ދެކޮޅަށް ސްޕެއިންގައި ކުރަމުންދާ މަސަތްކަތަށް މަޝްހޫރު ގިނަ ފަރާތްތަކުން އަންނަނީ ފައިސާގެ އެހީތެރިކަން ފޯރުކޮށްދެއްމުންނެވެ. އެގޮތުން ސްޕެއިން އަށް އުފަން ކޯޗު ޕެޕް ގާޑިއޯލާ ވަނީ އިއްޔެ ކަޓަލޫނިޔާގައި ވައިރަހުގެ އަސަރު ކޮށްފައިވާ މީހުންނަށް 1 މިލިއަން ޔޫރޯ ހަދިޔާކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ޔޫރަޕްގެ ގިނަ ގައުމުތަކެއް ލޮކްޑައުން ކޮށްފައިވާއިރު އެ ސަރަހައްދުގެ ކުޅިވަރުގެ ހުރިހާ ހަރަކާތެއްހެން ވަނީ މެދުކަނޑާލާފައެވެ. މި އަހަރުގެ ކުރީކޮޅު ޗައިނާގައި ފެތުރެމުން ފެށި މި ވައިރަސް ހަތަރު މަސް ތެރޭ ދުނިޔޭގެ 198 ގައުމަކަށް ފެތުރިފައިވާއިރު މި ބަލި ޖެހިގެން ބައި މިލިއަނެއްހާ ކޭސް މިހާތަނަށް ވަނީ ފެނިފައެވެ. މި ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު އުޅެނީ 23000 އަށްވުރެ މަތީގައެވެ.