ސަރުކާރުން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި ނުނިމި އޮތް 20 އިންސައްތަ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލަން އަމާޒު ހިފާފައިވާ ކަމަށް ޒުވާނުންނާއި ކުޅިވަރާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު "ވަގުތު" އާއި ހިއްސާކުރައްވަމުން ކުޅިވަރު ވުޒާރާގެ އޮފިޝަލަކު ވިދާޅުވީ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސަރުކާރުން ޤާއިމްކުރި 84 ފުޓްސަލް ދަނޑެއްގެ ބޭނުން އެއްމެ ފުރިހަމަ ގޮތުގައި ހިފަމުންދާ ކަމަށާއި، މިހާރުވެސް އެއްފަހަރާ 101 ފުޓްސަލް ދަނޑުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށެވެ. އަދި 23 ވޮލީ ކޯޓާއި، 17 ބަށި ކޯޓާއި، 27 ފުޓްބޯޅަ ދަނޑާއި، 11 ނެޓްބޯޅަ ކޯޓާއި، 2 ބާސްކެޓް ކޯޓްގެ އިތުރުން 9 ޔޫތު ސެންޓަރު / އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތްވެސް ފަތުއަޑު ކިޔާާފައި ކުރިއަށްދާ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ޒުވާނުން ބާރުވެރި ކުރުވުމަށް ރައީސް ޔާމީން ވެވަޑައިގެންނެވި ވަޢުދުގެ ތެރޭގައި ހިމެނޭ ކަންތައްތައް ފުރިހަމަ ކުރުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތައް އިހުނަށްވުރެ ހަލުވިކޮށްފައިވާ ކަމަށާއި، އަމާޒަކީ ދައުރު ނިމުމުގެ ކުރިން އެލަނޑު ދަނޑިއަށް ވާސިލްވުން ކަމަށެވެ.

"ފުޓްބޯޅަ އަކީ ރާއްޖޭގެ ޒުވާނުންގެ މެދުގައި އެންމެ މަގުބޫލު ކުޅިވަރަށްވާތީ ރައީސް އަބްދުﷲ ޔާމީން ކުޅިވަރު މެނިފެސްޓޯގެ ތެރެއިން އެކަމަށް ޚާއްސަ އިސްކަމެއް ދެއްވާފައި، އެހެންވެ އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ދައުރުގެ ތެރޭގައި މި ވަޢުދު ފުރިހަމަކޮށް ޒުވާނުންގެ ކަންތައްތައް ފުރިހަމަކޮށްދެވޭތޯ." އޮފިޝަލް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސަރުކާރުން ކުރިއަށް ގެންދާ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްގެ ދަށުން މުޅި ރާއްޖޭގައި މިހާތަނަށް 366 ކުޅިވަރު ކޯޓް ގާއިމްކުރެވިފައިވާ ކަމަށާއި މިމަޝްރޫއުގެ މަސައްކަތްތަކަށް މިހާތަނަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކުރެވިފައިވާ ކަމަށް ކުޅިވަރު ވުޒާރާއިން މަޢުލޫމާތު ދެއެވެ.

ޒުވާނުންނަށް ބޭނުންވާ ކުޅިވަރުގެ ވަސީލަތްތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ސްޕޯޓްސް އެރީނާ މަޝްރޫއަކީ، ކުޅިވަރުގެ ތެރެއިން ޒުވާނުން ބާރުވެރިކޮށް، މުޖުތަމައުގައި ޒުވާނުންނަކީ ހުނަރުވެރި، އުފެއްދުންތެރި އަދި ދުޅަހެޔޮ ސިއްހަތެއްގެވެރި ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ސަރުކާރުން މުޅި ރާއްޖޭގައި ކުރިއަށްގެންދާ މުހިންމު ބިޔަ މަޝްރޫއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ރަނގަޅު

    ވުޒާރަތުލްކުޅިވަރުއަށް މަރުހަބާ!