ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 ރޯގާ އަށް ފައްސިވި ޔުވެންޓަސްގެ ފޯވަޑް ޕައުލޯ ޑިބާލާގެ ހާލު ރަނގަޅު ވަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި އަހަރުގެ ކުރީކޮޅު ޗައިނާއިން އިން ފެތުރެން ފެށި ކޮވިޑް-19 ވައިރަސް މިހާރު މުޅި ދުނިޔެއަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ހާމަކޮށްފައިވާއިރު މި ވައިރަހަށް ޑިބާލާ އަދި އޭނާގެ ލޯބިވެރިޔާ ފައްސިވީ މިދިޔަ ހަފުތާ ތެރޭގައެވެ. ޑިބާލާ އަށް ބަލި ޖެހުނީ ޔުވެންޓަސްގެ ޑިފެންޑަރު ޑެނިއެލް ރުގާނީ އާއި މިޑްފީލްޑަރު ބްލެއިޒް މަޓުއިޑީ ވައިރަހަށް ފައްސިވެފައި ވަނިކޮށެވެ.

ޑިބާލާ ރޭ ކުރި ޓްވީޓެއްގައި ބުނީ އޭނާގެ ހާލަތު ރަނގަޅު ކަމަށާއި އުއްމީދަކީ ބަލިން މުޅިން ރަނގަޅުވެ ވީހާވެސް އަވަހަށް ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވުން ކަމަށެވެ.

" އަހަރެންގެ ހާލު ރަނގަޅު. ވަރަށް ރަނގަޅޭ ބުނެވޭނީ. ބަލި ޖެހިގެން އުޅުނު ފުރަތަމަ ދެތިން ދުވަހު ވަރަށް ގަދައަށް އަލާމާތްތައް ފެނުނު. އަހަންނަށް ނޭވާ ލުމުގައިވެސް ދަތިތަކާ ކުރިމަތިވި. ވަރަށް އަވަހަށް ވަރުބަލިވެފަ ހުންނަނީ. ގައިގަ ރިއްސާ ވަރުން އެއްވެސް ކަމެއް ނުކުރެވޭ. އެކަމަކު ނަސީބު ރަނގަޅު ކަމުން މިހާރު އަހަންނާއި އަހަރެންގެ ލޯބިވެރިޔާ އޮރިއާނާ ސަބާޓިނީގެ ހާލުވެސް އަންނަނީ ކުރިއަށްވުރެ ވަރަށް ބޮޑުތަން ރަނގަޅު ވަމުން. މިއަދު އެއްވެސް އަލާމާތެއް ނުފެނޭ. އަހަރެން އުއްމީދުކުރަނީ މިކަމުން ސަލާމަތްވެ ވީހާވެސް އަވަހަށް ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވުން، " ޑިބާލާ ބުންޏެވެ.

އިޓަލީން ކޮވިޑް-19 އަށް ފައްސިވި ކުޅުންތެރިންގެ އަދަދު ވަނީ 13 އަށް އަރައިފައެެވެ. އެގައުމަކީ ޔޫރަޕް ސަރަހައްދުން ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަ އެއް ގައުމެވެ. މި ވައިރަސް ޖެހިގެން އިޓަލީން އިއްޔެ އެކަނިވެސް 969 މީހަކު ވަނީ މަރުވެފައެވެ. މިއާއެކު އެގައުމުން މި ވައިރަހާ ހެދި މަރުވި މީހުންގެ އަދަދު ވަނީ 9100 އަށް ވުރެ މައްޗަށް އަރާފައެވެ.

ވައިރަހާ ހެދި އިޓަލީގެ އިތުރުން ޔޫރަޕްގެ ގިނަ ގައުމުތަކެއް ލޮކްޑައުންކޮށްފައިވާއިރު ކުޅިވަރުގެ ހުރިހާ ހަރަކާތެއްހެން ވަނީ އެ ސަރަހައްދުތަކުގައި މެދުކަނޑާލާފައެވެ. ޔޫރަޕްގެ ބޮޑު ފަސް ފުޓްބޯޅަ ލީގުގެ ކުޅުން ހުއްޓާލާފައިވާއިރު މި އަހަރު ބޭއްވުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ވެސް ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.