ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން ދިމާވާ ދަތިތަކުން އަރައިގަންނަން ކުރާ މަސައްކަތުގައި އެހީތެރިވުމުގެ ގޮތުން އިޓަލީގެ ޔުވެންޓަސް އިން ދެމުން އަންނަ މުސާރަ ކުޑަ ކުރަން އެ ޓީމަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ފޯވަޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެއްބަސްވެއްޖެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން މުސާރަ ކުޑަ ކުރަން ރޮނާލްޑޯގެ އިތުރުން ޔުވެންޓަސްގެ އެހެނިހެން ކުޅުންތެރިންނާއި ސްޓާފުންވެސް ތިބީ ތައްޔާރަށެވެ. ޔުވެންޓަސްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވާ ގޮތުން ކޮވިޑް-19 އާ ހެދި ހުއްޓިފައިވާ ފުޓްބޯޅަ ސީޒަނުގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް ކްލަބުގެ ކުޅުންތެރިންނާއި ސްޓާފުންގެ މުސާރައިން ކޮންމެވެސް ވަރެއް އުނިކަން ދެފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. ކުޅުންތެރިންނާއި ސްޓާފުންގެ މުސާރަ އިން އުނިކުރަން ނިންމާފައިވާ އަދަދުތަކާއެކު އެ ކްލަބުގެ ހަރަދުތަކުން 90 މިލިއަން ޔޫރޯ ސަލާމަތްވާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޔުވެންޓަސްގެ ކުޅުންތެރިންގެ މުސާރަ އިން ކުޑަ ކުރަނީ ސީދާ ކިހާ ވަރެއްކަމެއް އަދި އެނގިފައިނުވި ނަމަވެސް ރޮނާލްޑޯ ވަނީ އޭނާގެ މުސާރަ އިން 3.8 މިލިއަން ޔޫރޯ ކުޑަ ކުރަން ނިންމައިފައެވެ. ޔުވެންޓަސްއާއެކު އެންމެ ފަހުން ހެދި އެއްބަސްވުމުގެ ދަށުން ރޮނާލްޑޯ އަށް އެ ކްލަބުން އަހަރަކު 30 މިލިއަން ޔޫރޯގެ މުސާރައެއް ދެ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ރޯގާގެ ސަބަބުން ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮންޖެހުންތަކަކާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހިފައެވެ. ވައިރަހާ ހެދި ޔޫރަޕްގެ ބޮޑު ފަސް ލީގު ވެސް މެދުކަނޑާލާފައިވާއިރު މެޗުތައް ނުކުޅުމުގެ ސަބަބުން ކްލަބުތަކަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށައް ގޮސްފައެވެ.

ރިޕޯޓްތައް ބުނާގޮތުން މުސާރަ ކުޑަކުރަން ނިންމާފައިވާ ކްލަބުތަކުގެ ތެރޭގައި ސްޕެއިންގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި އެތްލެޓިކޯ މެޑްރިޑް ވެސް ހިމެނެއެވެ. ކޮވިޑް-19ގެ ސަބަބުން މާލީ ގޮތުން އެހީތެރިކަން ބޭނުންވާ ކްލަބްތަކަށް އެހީވުމުގެ ގޮތުން ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ މިދިޔަ ހަފްތާގައި 500 މިލިއަން ޔޫރޯގެ ފަންޑެއް ހުޅުވައިފަ އެވެ.