ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ތިބައުޓް ކޯޓުއާ އަކީ ދުނިޔޭގެ އެއްވަނަ ކީޕަރު ކަމަށާއި ރެއާލްގެ ގޯލުގައި ހުރެ އޭނާ ކުރިއަށްއޮތް ތާގައި ގިނަ ރެކޯޑުތަކެެއް މުގުރާލާނެ ކަމަށް ބެލްޖިއަމްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނެޒް ބުނެފިއެވެ.

މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި މާޓިނެޒް ބުނީ ކުރީ ސީޒަނާ އަޅާ ބަލާއިރު މިސީޒަނުގައި ރެއާލުގެ ނަތީޖާތައް ރަނގަޅު ވުމުގައި ކޯޓުއާގެ ހިއްސާ ބޮޑު ކަމަށާއި އޭނާ އަންނަނީ ދުވަހެއް ދުވަހަކަށް ކުރިއަރަމުން ކަމަށެވެ. އަދި ކޯޓުއާ އަކީ ޒުވާން ކީޕަރެއް ކަމުން އަދިވެސް އޭނާ ދާނީ އިތުރަށް މޮޅުވަމުން ކަމަށާއި ކުރިއަށްހުރި އަހަރުތަކުގައި ރެއާލްގެ ގޯލުގައި ހުރެ އެތަކެއް ރެކޯޑުތަކެއް މުގުރާލައި ކްލަބާއެކު ގިނަ ކާމިޔާބީތަކެެއް ބެލްޖިއަމްގެ އެއް ނަންބަރު ކީޕަރު ހޯދާނެ ކަމަށެވެ.

“ އޭނާ އަށް އަބަދުވެސް ދަސްވެފަ ހުރި ކަހަލަ ދުނިޔޭގެ އެންމެ މޮޅު ކީޕަރަށް ވާން ބޭނުންނަމަ އިނގެން ޖެހޭ ހުރިހާ އެއްޗެއް. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކޯޓުއާ އަކީ އޭނާ ކުޅޭ ޓީމެއްގެ ނަތީޖާތަކާއި ވަރަށް ބޮޑަށް ގުޅިފައިފާ މޮޅު ކީޕަރެއް. އަހަރެންގެ ނަޒަރުގައި އޭނާ އަކީ ދުނިޔޭގެ އެއްވަނަ ކީޕަރު. އޭނާގެ އުމުރާއި ދަނޑުމަތީގައި ދައްކަމުންދާ ހުނަރާއި މެޗުރިޓީ ލެވެލް ނުބައްދަލު. އެހާވެސް މޮޅު އޭނާ. ކޯޓުއާ އަކީ އަދިވެސް ޒުވާން ކީޕަރެއްކަމުން އޭނާ އަދިވެސް ދާނީ އިތުރަށް މޮޅުވަމުން. ރެއާލްގެ ގޯލުގައި ހުރެ އޭނާ އެތައް ރެކޯޑުތަކެއް މުގުރާލާނެ، “ މާޓިނެޒް ބުންޏެވެ.

2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ބެލްޖިއަމް ގެންގޮސްދިނުމުގައި މުހިއްމު ރޯލެއް އަދާކުރި ކޯޓުއާ ރެއާލަށް ބަދަލުވީ އެ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައެވެ. ޗެލްސީން ކޯޓުއާ ރެއާލަށް ވިއްކާލީ 45 މިލިއަން ޑޮލަރަށެވެ.

ޗެލްސީން 2011 ވަނަ އަހަރު ބެލްޖިއަމްގެ ގެންކަށް 10 މިލިއަން ޑޮލަރު ދީފައި ކޯޓުއާގެ ސޮއި ހޯދުމަށް ފަހު ލޯން އެއްބަސްވުމެއްގެ ދަށުން ދޫކޮށްލީ ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށެވެ. އެ ޓީމުގައި ކާމިޔާބު ތިން އަހަރު ހޭދަކުރުމަށް ފަހު ޗެލްސީއާ އަލުން ކޯޓުއާ ގުޅުނީ 2014 ވަނަ އަހަރު އެވެ.

ވޯލްޑް ކަޕްގައި ދެއްކި މޮޅު ކުޅުމާއެކު ރެއާލްގެ މެނޭޖްމަންޓުގެ ލޮލުގައި ކޯޓުއާ އަޅައިގަތް އިރު އޭނާ އެ ކްލަބާއެކު ހޭދަކުރި ފުރަތަމަ ސީޒަނުގައި މާ އެދެވޭ ކުޅުމެއް ނުދެއްކުނެވެ. އެހެންނަމަވެސް ފަހަކަށް އައިސް ރެއާލްގެ ގޯލު ބެލެހެއްޓުމުގައި 27 އަހަރުގެ ކީޕަރު ދައްކަމުން އަންނަ މޮޅު ކުޅުމަށް ގިނަ ބައެއްގެ ސަމާލުކަން އަންނަނީ ލިބެމުންނެވެ. މުޅިއެކު 66 މެޗު މިހާތަނަށް ރެއާލަށް ކުޅެދީފައިވާ ކޯޓުއާ ވަނީ އެ ކްލަބާއެކު ކްލަބް ވޯލްޑް ކަޕް އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިއްބެ

    ޓާ ސްޓާރގަން ކުޅެނީ ބާސްކެޓް ބޯޅަ ތޯއްޗެވެ.
    އޮބްލަކު އަކީ ކްރިކެޓް ކީޕަރ އެއްތޯ އެހެންވިއްޔާ

    3
    2
  2. ބޮޓު

    ހަމަ ތެދެއް