ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 އިން އަރައިގަންނަން ކުރަމުން އަންނަ މަސަތްކަތުގައި އަދި މިހާތަނަށް އަލި މަގެެއް ފެނިފައިނުވާތީ، މި ސީޒަނުގެ ފުޓްބޯޅަ މުޅިން ކެންސަލް ކޮށްލުމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޑިފެންޑަރު ރިއޯ ފާޑިނަންޑް ގޮވާލައިފިއެވެ.

މީޑިއާތަކާ ވާހަކަ ދައްކަމުން ފާޑިނަންޑް ބުނީ ކޮވިޑް-19 ކަންތަކުގައި އަވަަސް ހައްލެއް ނުހޯދިއްޖެނަމަ އެންމެ ރަނގަޅު ގޮތަކީ މި ސީޒަން ކެންސަލް ކުރުން ކަމަށާއި ފުޓްބޯޅަ އަށް ވުރެ މިވަގުތު އިސްކަން ދޭން ވީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ.

“ ފުޓްބޯޅަ އަކީ ހަމައެކަނި ކުޅޭ ކުޅިވަރެއް. ފުޓްބޯޅަ އަކީ އަހަރެމެން ކިތައްމެ ސީރިއަސްކޮށް ނަގާ ކުޅިވަރެެއް ނަމަވެސް މިވަގުތު ބޮޑު މަންޒަރަކީ މުޖުތަމައުގެ އާންމު ޙާލަތު. އަހަރެންގެ ނަޒަރުގައި މި ވައިރަސް ކަންތަކުގައި އަވަސް ހައްލެއް ނުހޯދިއްޖެނަމަ އެންމެ ރަނގަޅީ މި ސީޒަން އެކީ އެކައްޗަށް ކެންސަލް ކޮށްލުމަށްފަހު އަލުން ފެށުން. މިހެން ބުނީމަ ލިވަޕޫލް ސަޕޯޓަރުން ހީކޮށްފާނެ އެ ޓީމަށް ލީގް ނުދޭން ވެގެން އަހަރެން ބުނި އެއްޗެކޭ މިއީ. އެކަމަކު އެއީ ދޮގެއް. އަހަރެން ކުޅެމުން އައި ޓީމަކަށް މި ހާލަތު ކުރިމަތިވެއްޖެނަމަ އަމިއްލަ ފައިދާ އަށް ވުރެ ބޮޑަށް އިސްކަން ދޭނީ މުޅި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް، “ ފާޑިނަންޑް ބުންޏެވެ.

ސީޒަން ކެންސަލް ކޮށްލުމަށް ފާޑިނަންޑް ގޮވާލާފައިމިވަނީ، ވައިރަހާ ހެދި ހުއްޓާލާފައިވާ މި ސީޒަން އަންނަ ޖޫން މަސް ނިމުމުގެ ކުރިން ނުފެށިއްޖެ ނަމަ ސީޒަން ކުރިއަށް ނުގެންދެވިދާނެކަމުގެ ބިރު އެބައޮތް ކަމަށް ޔުއެފާ އިން ބުނެފައިވަނިކޮށެވެ.

އިޓަލީގެ ނޫހެއް ކަމަށްވާ ލަ ރިޕަބްލިކާ އަށް ދެއްވި އިންޓަވިއުއެއްގައި ޔުއެފާގެ ރައީސް އަލެކްސަންޑާ ކެފެރިން ވިދާޅުވީ ގައުމުތަކާ އެކު ބޭއްވުނު މަޝްވަރާތަކުގައި ފުޓްބޯޅަ ސީޒަން ކުރިއަށްގެންދާނެ ގޮތަކާ ބެހޭގޮތުން 3 ޕްލޭނަކަށް އެއްބަސްވެވުނު ކަމަށާއި އެއީ މެއި މަހުގައި ފުޓްބޯޅަ ސީޒަން ފެށުމަށް ނޫނީ ޖޫން މަހުގެ ކުރީކޮޅާއި ފަހު ކޮޅު ތެރެއިން ކޮންމެވެސް އެއް ތާރީހެއްގައި މެޗުތައް ފެށުން ކަމަށެވެ. އެކަމަކު މީގެން އެއްވެސް ތާރީހެއްގައި ފުޓްބޯޅަ ސީޒަން އަލުން ފެށޭނެ ގޮތެއް ނުވެއްޖެނަމަ ސީޒަން ގެއްލުމުގެ ބިރު އެބައޮތް ކަމަށް ކެފެރިން ވިދާޅުވި އެވެ.

ކޮރޯނާ ވައިރަހާ ހެދި އެޕްރިލް މަހުގެ 30 ގެ ނިޔަލަށް ޔޫރަޕްގެ ހުރިހާ ބޮޑެތި ލީގުތަކެއްހެން ފަސްކޮށްފައިވާއިރު އަލުން ފެށުމަށް ކަނޑައެޅިފައިވާ ތާރީހުގައި ލީގުތައް ފެށުން ނާދިރު ކަމަށް ފުޓްބޯޅަ ދިރާސާކުރާ މާހިރުން އަންނަނީ ތަކުރާރުކޮށް ބުނަމުންނެވެ. ސަބަބަކީ ޔޫރަޕްގެ ގިނަ ގައުމުތަކުގައި ވައިރަސް ޖެހޭ މީހުންގެ އަދަދު ކޮންޓްރޯލް ނުކުރެވި ބައްޔަށް ޕޮޒިޓިވްވާ މީހުން ދުވަހެއް ދުވަހަަކަށް އިތުރު ވަމުންދާތީ އެވެ.

ވައިރަހުގެ ސަބަބުން ޕްރެމިއާ ލީގުގެ ކުޅުން އިނގިރޭސި އެފްއޭ އިން މެދުކަނޑާލީ މި މަހުގެ 13 ވަނަ ދުވަހު އެވެ. ލީގު މެދުކަނޑާލިއިރު ތާވަލުގެ އެންމެ ކުރީގައި ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑެއްގައެވެ. އެ ޓީމަށް ވަނީ 82 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ލީގުގައި ކޮންމެ ޓީމަކަށްވެސް ބާކީ ނުވަ މެޗު އޮތްއިރު ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ލިވަޕޫލަށް ދެން ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ.

ވައިރަހުގެ ސަބަބުން ލީގު މުޅިން ކެންސަލް ކުރަން ޖެހިދާނެ ކަމުގެ އަޑުތައް ގަދަވި ނަމަވެސް ޔުއެފާ އިން މެންބަރު ގައުމުތަކާއެކު މިދިޔަ ހަފުތާގައި ބޭއްވި ކުއްލި ބައްދަލުވުމުގައި، އަންނަ ޖޫންގައި ފެށުމަށް ތާވަލުކޮށްފައި އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތް ފަސްކުރަން ނިންމި ނިންމުމާއެކު މި ސީޒަނުގެ ލީގުތައް ފުރިހަމަ ކުރުމުގެ ފުރުސަތު ވަނީ ކޮންމެވެސް ވަރަކަށް ހުޅުވިގެންގޮސްފައެވެ. ޔޫރަޕުގެ ގައުމުތަކުގެ ޑޮމެސްޓިކް ލީގުތަކާއި އެހެނިހެން މުބާރާތްތައް އެންމެ ލަސްވެގެން މި އަހަރުގެ ޖޫން މަހުގެ 30 ގެ ނިޔަލަށް ނިންމުމަށް މަސައްކަތް ކުރުމަށް ޔުއެފާއިން ވަނީ ކުލަބުތައް ގާތުން އެދިފައެވެ.