އިންޑިއާގެ ބެންގަލޫރް އެފްސީގެ މައްޗަށް 2-0 އިން ކުރި ހޯދާ ގްރޫޕް އީގެ އެއްވަނަ އަށް ނިއުރޭޑިއަންޓް އަރައިފިއެވެ.

މި ގްރޫޕްގައި ހިމެނޭ ހުރިހާ ޓީމެއް ވެސް ހަތަރު މެޗު މިހާތަނަށް ކުޅެފައިވާއިރު ނިއު އެއްވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް ބެންގަލޫރް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވާއިރު ނިއު އަށް ކުރި ލިބެނީ ހެޑްޓުހެޑުން އެޓީމަށް ކުރި ލިބޭތީއެވެ. ގްރޫޕްގެ ތިންވަނައިގައި ހަތަރު ޕޮއިންޓާ އެކު އަބަހާނީ ޑާކާ އޮތްއިރު ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ އައިޒަވަލް އެފްސީއެވެ. އެޓީމު މިހާރު ވަނީ މުބާރާތުން ކަޓާފައެވެ.

ގަލޮޅު ރަސްމީ ދަނޑުގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ނިއުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔައިރު މެޗުގެ 30 ވަނަ މިނެޓްގައި އަލީ ފާސިރު (ސެންޓޭ) ވަނީ ނިއު އަށް ލީޑު ނަގާދީފައެވެ. މި ގޯލު ކާމިޔާބުކުރިތާ އިރުކޮޅެއްފަހުން ބެންގަލޫރް ޓީމުގެ އިތުބާރު ފޯވާޑް ސުނިލް ޗެތްރީ އަށް ނަތީޖާ އެއްވަރުކޮށްލަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ފޮނުވާލި އެ ހަމަލާ ނިއުގެ ކީޕަރު އިމްރާން ވަނީ ދިފާއުކޮށްފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ނިއުގެ ސެންޓޭ އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެއެވެ.

އެއް ގޯލުގެ ލީޑަކާއެކު ފުރަތަމަ ހާފް ނިއު އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު އަލީ އަޝްފާގް (ދަގަނޑޭ) ވަނީ ނިއުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މި ގޯލަށްފަހު ވެސް މި ހާފުގައި ގޯލްޖަހާނެ އިތުރު ފުރުސަތުތަކެއް ނިއު އަށް ލިބުނެވެ. އެގޮތުން ސެންޓޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު އަކްރަމް ފޮނުވާލި ހަމަލާއެއް ބެންގަލޫރް ޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފައެވެ.

ބެންގަލޫރު ބަލިކޮށް ގްރޫޕްގެ އެއްވަނަ އަށް ނިއު އެރިއިރު މުބާރާތުގެ އަނެއް ބުރަށް ދެވޭނީ ކޮންމެ ގްރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމަށެވެ.

މުބާރާތުގައި ނިއު ދެން ބައްދަލުކުރާނީ އަބަހާނީ ޑާކާއާއެވެ. އެ މެޗު އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު މާލޭގައެވެ.