1-4 އިން ހޯޑެއްދޫ ބަލިކޮށް މިނިވަން ޗެމްޕިއަންޝިޕުގެ ގުރޫޕު އޭގެ އެއްވަނަ އަށް ހިތަދޫ އެފްސީ އިން އަރައިފިއެވެ.

ނިލަންދޫގައި މިއަދު ހަވީރު ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ފެށިގެން ހޯޑެއްދޫ އިން ރަނގަޅު ކުޅުމެއް ދައްކަމުން އައި ނަމަވެސް މެޗުގެ 10 ވަނަ މިނެޓުގައި ހިތަދޫ ގެ ބިދޭސީ ކުޅުންތެރިޔާ އަޓަންގާނަ ވަނީ ގޯލެއް ކާމިޔާބުކޮށް ހިތަދޫ އަށް ކުރި ހޯދައިދީފިއެވެ.

ހޯޑެއްދޫ ޓީމުން އައީ މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. ނަމަވެސް ހިތަދޫ ޓީމުގެ އާދަމް ޝަހީމް (އާނާ) ވަނީ ގޯލެއް ޖަހައި އެޓީމުގެ ލީޑު ފުޅާކޮށް ދީފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ގާތް ވެފައިވަނިކޮށް ހޯޑެއްދޫ ޓީމުގެ ކީޕަރު، ހިތަދޫގެ ޑޭވިޑް އަށް ކުރި ފައުލެއްގެ ސަބަބުން ހިތަދޫ ޓީމަށް ވަނީ ހިލޭ ޖެހުމެއް ލިބިފައެވެ. ހިތަދޫގެ މުހައްމަދު ސައީދް (ލޮޖާ) ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ސީދާ ގޯލުގެ ކަނަށެވެ. ލޮޖާގެ ގޯލަށް ފަހު ފުރަތަމަ ހާފު ނިމިގެން ދިޔައީ 0-3 ގެނަތީޖާ އަކުން ހިތަދޫ ކުރީގައި އޮވެގެންނެވެ.

ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފުގައި ހިތަދޫ ޓީމުގެ ކުޅުން ވަނީ ރަނގަޅު ވެފައެވެ. ހޯޑެއްދޫ ޓީމުން ގަދައަށް މަސައްކަތް ކުރި ނަމަވެސް މެޗުގެ. 56 ވަނަ މިނެޓުގައި ޑޭވިޑް ވަނީ ހިތަދޫގެ ހަތަރުވަނަ ގޯލު ކާމިޔާބު ކޮށްދީފައެވެ.

ހޯޑެއްދޫ ޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ 67 ވަނަ މިނެޓުގައި ޖ.ނަމްބަރު 16, އަހްމަދު އުސާމް އެވެ. މިހާރު ގްރޫޕު އޭގެ ތާވަލުގެ އެއްވަނައިގައި ހިތަދޫ އޮތީ ހަތަރު ޕޮއިންޓާ އެކުއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ މެޗުގައި ތަފާތު ކުޅުމެއް ދައްކައި ގޯލެއް ކާމިޔާބު ކޮށްދިން ހިތަދޫ ޓީމުގެ ޖ.ނަމްބަރު 30 އާނާ އެވެ.