ސްޕެއިންގެ ބާސެލޯނާގެ ކޯޗުކަމާ ހަވާލުވާން ތައްޔާރަށް ހުރި ކަމަށް ކުރީގެ މަޝްހޫރު މިޑްފީލްޑަރު ޒަވީ ހެނާންޑޭޒް ބުނެފިއެވެ.

ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދި ޒަވީ އަށް އެ ކްލަބުގެ ކޯޗުކަމާ ހަވާލުވާން މީގެ ދެ މަސް ކުރިން ހުށަހެޅުމުން، އޭނާ ވަނީ އެކަމާ ދެކޮޅު ހަދައިފައެވެ. ބާސާގެ ކޯޗަކަށް ރެއާލް ބެޓިސްގެ ކުރީގެ ކޯޗު ކިކޭ ސެޓިއެން ހަަމަޖެއްސުމުގެ ކުރިން އެ ޓީމުން ފުރަތަމަ ގެންނަން މަޝްވަރާކުރީ ވެސް ޒަވީއާއެވެ. ޒަވީ ބޭނުން ނަމަ ބާސެލޯނާއާ ހަވާލުވުމުގެ ފުރުސަތު އޮތް ކަމަށް އޭނާ ކޯޗުކަން ކުރަމުން އަންނަ އަލް ސާދުން ވަނީ އެއިރު މީޑިއާގައި ބުނެފައެވެ. ނަމަވެސް ބާސާގެ ހުށަހެޅުމަށް ދެކޮޅު ހަދަމުން ޒަވީ ބުނީ މިއީ އޭނާގެ ކޯޗިން ކެރިއަރުގެ ފުރަތަމަ މަރުހަލާ ކަމުން އަދި ބާސެލޯނާ އަށް ދާން މާ އަވަސް ކަމަށެވެ.

ބާސާގެ ކޯޗުކަމާއި ހަވާލުވާން އަދި މާ އަވަސް ކަމަށް ޒަވީ އޭރު ބުނި ނަމަވެސް އޭނާގެ ވިސްނުން މިހާރު ވަނީ ބަދަލުވެފައެވެ.

ސްޕެއިންގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޒަވީ ބުނީ ބާސާ އަކީ އޭނާ އަބަދުވެސް ކޯޗުކަން ކޮށްދޭން ބޭނުންވާ ކްލަބް ކަމަށާއި އޭނާ މިހާރު ހުރީ އެ ކްލަބާއި ހަވާލުވާން ތައްޔާރަށް ކަމަށެވެ. ޒަވީ ބުނީ ބާސާއިން ކުރިން ހުށަހެޅި ހުށަހެޅުމަށް ދެކޮޅު ހެދީ އޭރު ބާސާ އަށް ކޯޗު ކޮށްދެވޭނެ ފެންވަރު ނެތް އެނާގެ ގައިގަ ނެތުމުން ކަމަށާއި ނަމަވެސް އެ ވިސްނުން ބަދަލުވެ މިހާރު ބާސާގެ ކޯޗު ކަމާ ހަވާލުވެ އެ ކްލަބާއެކު ކާމިޔާބީ ހޯދޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"އަހަންނަށް ވަރަށް ސާފުވެއްޖެ މިކަން. އަހަރެން ބޭނުންވަނީ ބާސާ އަށް އެނބުރި ދާން. ކުރިން މިކަމަށް އަހަރެން ދެކޮޅު ހެދިން. އެކަން ސިއްރު ކުރާކަށް ވެސް ނޫޅެން. އަހަރެން އެ ހުށަހެޅުމާ މެދު އެއްބަސްނުވީ އޭރު ބާސެލޯނާގެ ކޯޗަކަމާ ހަވާލުވާން އަހަރެން އަވަސް ކަމަށް ގަބޫލު ކުރެވުނީމަ. އެކަމަކު މިހާރު އަހަރެން މިހުރީ ބާސާއާ ހަވާލުވާން ތައްޔާރަށް. އެ ކްލަބުގައި އަހަރެން މަސަތްކަތް ކުރަން ބޭނުންވަނީ އަހަރެންނަށް އިތުބާރު ކުރެވޭ ބަޔަކާ އެކީ. ޑްރެސިންގް ރޫމް ތެރޭ މައްސަލަ އުފެދޭ ކަހަލަ އެއްވެސް ކަމަކާ ކައިރިވާކަށް އަހަރެން ބޭނުމެއް ނޫން. އަދި އެކަހަލަ މައްސަލަތައް އުފައްދާ މީހަކާ އެކީވެސް މަސަތްކަތް ކުރަން އަހަރެން ބޭނުމެއް ނުވޭ،" ޒަވީ ބުންޏެވެ.

ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގެ ދަށުން ސެޓިއެން އަށް ބާސެލޯނާގެ ކޯޗުކަން ދިނުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކްލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ވަނީ ޒަވީ ކޮންމެވެސް ދުވަހަކުން ބާސާގެ ކޯޗުކަން ކުރާނެ ކަމަށް ވިދާޅުވެފައެވެ.

ޒަވީއަކީ ބާސެލޯނާގެ ތާރީހް ދުށް އެންމެ މޮޅު މިޑްފީލްޑަރުންގެ ތެރޭ ހިމެނޭ ކުޅުންތެރިއެކެވެ. އެ ކްލަބާއެކު އޭނާ ހޭދަކުރި 18 އަހަރު ތެރޭގައި ޒަވީ ވަނީ މުޅިއެކު 25 ތަށި ކާމިޔާބުކޮށްފައެވެ. އޭގެތެރޭގައި އަށް ސްޕެނިޝް ލީގާއި ހަތަރު ޗެމްޕިއަންސް ލީގު ހިމެނެއެވެ.