ކޮރޯނާވައިރަހާ ހެދި ފުޓްބޯޅަ ހަރަކާތްތައް ހުއްޓާލަން ޖެހުމުން ކުރިމަތިވަމުންދާ މާލީ ގެއްލުންތަކާ ހެދި އިޓަލީގެ ޔުވެންޓަސްގެ ކުޅުންތެރިންނާއި ކޯޗު މައުރީޒިއޯ ސާރީގެ ހަތަރު މަހުގެ މުސާރަ ކަނޑާލަން އެ ކްލަބުން ނިންމި ނިންމުމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން މަރުހަބާ ކިޔައިފިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުއިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ރޯގާގެ ސަބަބުން ފުޓްބޯޅަ ހުއްޓުމަކަށް އައިސްފައިވާއިރު، ގިނަ ކްލަބުތަކަށް ވަނީ މާލީ ގޮންޖެހުންތަކަކާ ވަރަށް ބޮޑަށް ކުރިމަތިލާން ޖެހިފައެވެ. ވައިރަހާ ހެދި ޔޫރަޕްގެ ބޮޑު ފަސް ލީގު ވެސް މެދުކަނޑާލާފައިވާއިރު މެޗުތައް ނުކުޅުމުގެ ސަބަބުން ކްލަބުތަކަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑަށް ދަށައް ގޮސްފައެވެ.

ވައިރަހުގެ ސަބަބުން މިހާރު މެދުކަނޑާލައިފައިވާ އިޓާލިއަން ލީގުގެ އެއްވަނައިގައި އޮތް ޔުވެންޓަސްގެ ކުޅުންތެރިން މިއަހަރުގެ މާރޗް މަހުން ފެށިގެން ޖޫން މަހާއި ހަމައަށް މުސާރަ ނުނަގަން އެއްބަސްވެފައިވާއިރު ކޯޗް ސާރީ ވެސް ވަނީ އެ މުއްދަތުގައި އޭނާ އަށް ކްލަބުން ދޭންޖެހޭ މުސާރަ ނުނަގަން އެއްބަސްވެފައެވެ. މިކަމުގެ ސަބަބުން ޔުވެންޓަސް އަށް ގާތްގަނޑަކަށް 90 މިލިއަން ޔޫރޯ ސަލާމަތް ކުރެވޭނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ޔުވެންޓަސްގެ މި ނިންމުމަށް ތައުރީފް ކުރައްވަމުން އިޓަލީގެ އެފްއޭގެ ރައީސް ގެބްރިއެލް ގްރަވީނާ ވިދާޅުވީ މިއީ މުޅި އިޓަލީގެ ފުޓްބޯޅަ ސިސްޓަމަށް ޔުވެންޓަސް އިން ދެއްކި ރަނގަޅު މިސާލެއް ކަމަށެވެ.

"ޔުވެންޓަސް އިން އެ ކްލަބުގެ ކުޅުންތެރިންނާއެކު މި ހެދި އެއްބަސްވުމަކީ މުޅި ސިސްޓަމަށް އެ ކްލަބުން ދެއްކި ނަމޫނާ އެއް. މި ފުރުސަތުގައި ޖޯޖިއޯ ޗިއެލިނީ އާއި އޭނާގެ ޓީމް މޭޓުންގެ އިތުރުން ކޯޗު ސާރީގެ ފަރާތުން މިކަމުގައި ދެއްވަމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާ ކުރަން. މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ މި ބަލިމަޑުކަމުން އަރައިގަންނަން ކުރަމުން އަންނަ މަސަތްކަތުގައި ފުޓްބޯޅަ އާއިލާ އިން މިހާތަނަށް ދައްކާފައިވަނީ އެއްބައިވަންތަކަން. މިކަމުން އަހަރެމެންނަށް އަރައިގަނެވޭނީ ކޮންމެ މީހަކުވެސް އެމީހަކަށްވީ ވަރަކުން މިކަމަށް އެއްބާރުލުން ދީގެން. އޭރުން އަހަރެމެންނަށް ހުއްޓިފައިމިވާ ފުޓްބޯޅަ އަލުން ވަރުގަދަ ކުރެވޭނީ،" އިޓަލީގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ގްރަވީނާ ވިދާޅުވިއެވެ.

އިޓަލީ އަކީ މިވަގުތު ޔޫރަޕްގައި ކޮރޯނާ ވައިރަހުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ ގައުމެވެ. އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު 90،000 އަށް އަރައިފައިވާއިރު މި ބަލި ޖެހިގެން އެގައުމުން މަރުވި މީހުންގެ އަދަދު އުޅެނީ 10000 އަށްވުރެ މަތީގައެވެ. ވައިރަހުގެ ސަބަބުން އިޓަލީ ލޮކްޑައުން ކޮށްފައިވާއިރު އެގައުމުގައި ވަނީ ހުރިހާ ކުޅިވަރު ހަރަކާތްތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލާފައެވެ.