މިހާރު ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލާފައިވާ ފުޓްބޯޅަ ސީޒަން އިތުރަށް ކުރިއަށް ނުގެންދަން އެފްއޭއެމް އިން ނިންމާ، މިސީޒަންގެ އެފްއޭކަޕާއި، ޕްރެޒިޓެންޓް ކަޕް ކެންސަލް ކުރަން ނިންމައިފިއެވެ.

އެކަން އިއުލާނު ކުރަމުން އެފްއޭއެމް އިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ކޮވިޑް-19 ގެ ބަލިމަޑުކަމާއެކު ރާއްޖޭން ވެސް މި ވައިރަހުގެ ކޭސްތައް ފެނިފައިވާތީ އަދި ކުރިން ހީކުރި ގޮތާ ހިލާފަށް މި ބަލިމަޑުކަން އިތުރަށް ގައުމުގައި ފެތުރެމުންދާތީވެ، މި ޙާލަތުގައި ދިވެހި ސަރުކާރުން ދެމުންދާ އިރުޝާދާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން މި ސީޒަން ނިންމާލުމަށް ނިންމާފައިވާ ކަމަށެވެ. އެފްއޭއެމްގެ ކަލަންޑަރުގައިވާ ގޮތުން ކުރިއަށް ބާއްވަން އޮތް އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލް ކުރީ ކްލަބުތަކާ މަޝްވަރާ ކުރުމަށްފަހު ކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ،

އެފްއޭއެމް އިން އެފްއޭ ކަޕް ކެންސަލް ކުރިއިރު، ވައިރަހުގެ ސަބަބުން ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލުމުގެ ކުރިން ވަނީ މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ކުޅެފައެވެ.

އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލް ކުރި ނަމަވެސް، މި ސީޒަނުގެ ތިންވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތާއި މިއަހަރުގެ ޖަޒީރާ ޗެމްޕިއަންޝިޕް އޮންނާނެ ކަމަށާއި މި ދެ މުބާރާތް ބާއްވާނެ ތާރީޚެއް ފަހުން އިއުލާނުކުރާނެ ކަމަށް އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮވިޑް-19 ވައިރަހުގެ ސަބަބުން މި ސީޒަނުގެ ބާކީބައި ކެންސަލް ކުރިއިރު، ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ވަނީ ނިމިފައެވެ. މިއަހަރުގެ ލީގު ޗެމްޕިއަންކަން ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުންނެވެ.

އެފްއޭ ކަޕް ކެންސަލް ކުރުމުން އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ޕްލޭއޮފުގެ ޖާގައެއް ލިބިފައިވަނީ ލީގުގެ ދެވަނަ ހޯދި ކްލަބު އީގަލްސް އަށެވެ. ގްރޫޕް ސްޓޭޖުގެ ސީދާ ޖާގަ ލިބޭނީ ޗެމްޕިއަން މާޒިޔާ އަށެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް)ވި މީހުންގެ އަދަދު 17 އަށް އަރާފައިވާއިރު، 13 މީހަކު މިހާތަނަށް ވަނީ މި ވައިރަހުން ރަނގަޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު